ކާރު އުފައްދާ ފަރާތްތަކަށް ނުރައްކަލެއް

ދުނިޔޭގެ މުހިންމު ޗިޕް އުފައްދާ ކުންފުންޏެއް ކަމަށްވާ، ނެދަލެންޑްސްގެ ނެކްސްޕީރިއާ އިން، އެކުންފުނީގެ ޗައިނާ ޔުނިޓުގެ ޗިޕްސް ނުގަތުމަށް ކާރު އުފައްދާ ކުންފުނިތަކަށް ވަނީ އިންޒާރު ކޮށްފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އުޅަނދުތަކުގެ ސަޕްލައި ޗެއިން އަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ ވިންގްޓެކްގެ މިލްކުވެރިކަމުގައިވާ ނެކްސްޕީރިއާ އިން ބުނި ގޮތުގައި، އެ ކުންފުނީގެ ޗައިނާ ޔުނިޓް މިހާރު ހަރަކާތްތެރިވަމުން ދަނީ އެއްވެސް ބެލެހެއްޓުމެއް ނެތި މިނިވަންކޮށެވެ.

ނެކްސްޕީރިއާ އަކީ ކާރުތަކުގެ އިންޖީނުތަކާއި، ލޯގަނޑުތަކާއި، ގޮނޑިތައް ފަދަ ތަކެއްޗަށް ބާރުދިނުމަށް ބޭނުންކުރާ ޕަވަރ ޗިޕްސް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނިން އުފައްދާ ޗިޕްސްގެ 70 އިންސައްތަ ދަނީ ކާރު އުފައްދާ ކުންފުނިތަކަށެވެ. މި މައްސަލަ ދެމިގެން ހިނގައްޖެނަމަ، ކާރު އުފައްދާ ކުންފުނިތަކުގެ އުފެއްދުންތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ނެދަލެންޑްސް ސަރުކާރުން ވަނީ ޗައިނާ އަށް ޓެކްނޮލޮޖީ ބަދަލުވުމުގެ ކަންބޮޑުވުންތަކާ ގުޅިގެން ނެކްސްޕީރިއާ ދައުލަތަށް ނަގާފައެވެ. އަދި އެ ކުންފުނީގެ ސީއީއޯ ވަނީ މަޤާމުން ވަކިކޮށްފައެވެ.

މައްސަލަ ގޯސްވެ، ފެންމަތިވި ކަންކަން:

  • ނެކްސްޕީރިއާގެ ޗައިނާ ޔުނިޓުން ވަނީ އެ ކުންފުނީގެ ބައިނަލްއަގްވާމީ މެނޭޖްމަންޓަށް މައިކުންފުނިން އަންގާ އެންގުންތަކަށް ބޯނުލާން އަންގާފައެވެ.
  • ޗައިނާ ޔުނިޓްގެ ކަންކަމަށް ފާރަވެރިކަން ކުޑަވުމުން، ނެކްސްޕީރިއާ އިން ވަނީ ޗައިނާ އަށް ޗިޕްސް ފޮނުވުން ހުއްޓާލާފައެވެ.
  • ޔޫކޭ އަދި ޖަރމަނީގައި އުފައްދާ، އެހެން ނަމަވެސް ޗައިނާގައި ބޭނުން ކޮށްފައިވާ ނެކްސްޕީރިއާގެ ޗިޕްސް ބޭރުކުރުން ބެއިޖިންގ އިން ވަނީ ހުއްޓުވާފައެވެ.
  • ޗައިނާ އިން ކުށްވެރިކުރަނީ ނެދަރލެންޑްސްގެ ސަރުކާރެވެ. މިކަމުން، ދުނިޔޭގެ ސެމިކޮންޑަކްޓަރ ސަޕްލައި އަށް ހުރަސްއެޅިދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.

މި ކޯޅުންތައް އާންމުވެފައިވާއިރު، ނެކްސްޕީރިއާ އިން ބުނަނީ މެލޭޝިއާ އަދި ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ފެސިލިޓީސްތައް އާދައިގެ މަތިން ހިނގަމުންދާ ކަމަށާއި، މި މައްސަލަ އަވަހަށް ހަމަޖެހުމަކަށް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މިހާރު ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުގައި ހިނގާ ޓެކްނޮލޮޖީގެ މައްސަލަތަކާއި ވިޔަފާރީގެ ކޯޅުންތަކުގެ ތެރެއިން މިކަން ވަނީ އިތުރު ހަމަނުޖެހުމަކަށް ވެފައެވެ.

ހިއްސާ ކުރައްވާ!