އިންޑިއާގެ ޖައްވީ ދިރާސާ އިދާރާ އިސްރޯއިން ވަނީ ހަނދުގެ އެކި ދިމިލާގައި ގަނޑުފެން ހުރިކަމުގެ ނިޝާންތަކާއި، ފަސްގަނޑުގެ ތަފްސީލީ ސިފަތައް ހާމަކުރާ، މަތީ ފެންވަރުގެ ރާޑަރު މެޕްތަކެއް އާންމުކޮށްފައެވެ. މި މެޕްތަކަކީ ހަނދުގެ އެކި ހިސާބުގެ ފުރަތަމަ ފުރިހަމަ ރާޑަރު މެޕްތަކެވެ.
އިންޑިއާއިން ފޮނުވާފައިވާ ޗަންދުރަޔާން-2 އޯބިޓަރގައި ހަރުކުރެވިފައިވާ ޑީ.އެފް.އެސް.އޭ.އާރު ނަމަކަށް ކިޔާ އާލަތެއް ބޭނުންކޮށްގެން ފަސް އަހަރު ދުވަހުގެ މުއްދަތުގައި އެއްކުރެވިފައިވާ މައުލޫމާތުތަކުގެ އަލީގައި، ހަނދުގެ އެކި ސަރަޙައްދުގައި ގަނޑުފެނުގެ ގިނަ ބައިތަކެއް ހުރިކަމުގެ އިތުރު ހެކިތައް ވަނީ ފެނިފައެވެ. މި ހޯދުންތަކުން ދައްކާ ގޮތުގައި ހަނދުގެ ބިމުގެ އަޑީގައި ފެން ގިނަ އަދަދަކަށް ހުރެދާނެއެވެ.
މި މައުލޫމާތުތަކުގެ ސަބަބުން މުސްތަގުބަލުގައި ހަނދަށް ފޮނުވާ މިޝަންތަކަށް ލެންޑިންގ ސައިޓްތައް ހޮވުމަށާއި، ހަނދުގެ ބިމުގެ ޢިލްމު ދެނެގަތުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް، އިންސާނުން އަލުން ހަނދަށް ފޮނުވުމުގެ މަސައްކަތްތަކަށް މި މައުލޫމާތަކަކީ ވަރަށް މުހިއްމު މައުލޫމާތެއް ކަމަށް ވެއެވެ. ހަނދުން ފެން ހޯދިއްޖެނަމަ، އިންސާނުންނަށް އެތާ ދިރިއުޅެވޭނެ ކަމުގެ އުއްމީދު އިތުރުވެ، ޖައްވީ ދިރާސާތައް ކުރިއެރުވުމަށް އެހީތެރިވެދޭނެއެވެ.







