އެމެރިކާގެ ކޮންގްރެސްގެ ބަޖެޓް އޮފީސް ހެކްކޮށް ސައިބަރ ހަމަލާއެއް ދީފިއެވެ. މި ހަމަލާގެ ފަހަތުގައި ޗައިނާގެ އެހީލިބޭ ހެކަރުން ތިބެދާނެކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. ނަމަވެސް އެކަން ޗައިނާއިން ވަނީ ރައްދުކޮށްފައެވެ. އަދި ވޮޝިންގޓަން، ޑީ.ސީ.ގައި ހުންނަ މި އޮފީހުގެ މުވާސަލާތީ ނިޒާމަށް ފޭދިގަތުމުގެ ސަބަބުން، ގާނޫނުހަދާ މަޖިލިސްގެ މެމްބަރުންނާއެކު ކޮށްފައިވާ ނާޒުކު މުވާސަލާތްތައް އާންމުވެދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.
މި ސައިބަރ ހަމަލާއާއި ގުޅިގެން، ސެނެޓުން ވަނީ މުވައްޒަފުންނަށް ސެކިއުރިޓީ އިންޒާރެއް ނެރެފައެވެ. މިއިންޒާރުގައި މުވައްޒަފުންނަށް އަންގާފައި ވަނީ ބަޖެޓް އޮފީސްގެ އީމެއިލްތަކަށް ލިބޭ ލިންކުތަކާއި އެތަނުން ބޭރުވާ އީމެއިލްގައި ހުންނަ ލިންކްތަކަށް ކްލިކްނުކުރުމަށް އަންގާފައެވެ. ބެލެވޭ ގޮތުގައި އެ އޮފީހުން ބޭރުވާ އީމެއިލްގައި ހުންނަ ލިންކްތައް ބޭނުންކޮށްގެން އަދިވެސް ހެކްކުރުން ކުރިއަށް ގެންގޮސްފާނެ ކަމުގެ ބިރާ ހެދިއެވެ. އެމެރިކާގެ އޮފިޝަލަކު ސީ.އެން.އެން. އަށް ވިދާޅުވެފައިވާ ގޮތުގައި، މި ހަމަލާގެ ފަހަތުގައި ޗައިނާގެ ދައުލަތުގެ ފަރާތުން އެހީލިބޭ ހެކަރުން ތިބިކަމަށް އެފަރާތުން ލަފާ ކުރެއެވެ. ނަމަވެސް ބަޖެޓް އޮފީހުން މިކަމަށް އަދި ރަސްމީކޮށް ބަހެއް ނުބުނެއެވެ.
މި ހަމަލާއަކީ އެމެރިކާ އާއި ޗައިނާގެ މުއާމަލާތްތަކުގައި އިތުރު ވަމުންދާ ކޯޅުންތަކާއެކު އަންނަ ކަންކަމެވެ. އަދި މިއީ އެމެރިކާގެ މުއައްސަސާތަކަށް ދެމުންދާ ސައިބަރ ހަމަލާތަކުގެ ދިގުދެމިގެންދާ ސިލްސިލާއެއްގެ ބައެކެވެ. މިދިޔަ ޖުލައި މަހު ވެސް ވިޔަފާރީގެ މައްސަލަތަކުގައި ބައިވެރިވާ ބޮޑު ގާނޫނީ އޮފީހެއްގެ ނިޒާމަށް ޗައިނާގެ ހެކަރުން ވަދެގަނެފައިވާކަމަށް ތުހުމަތުކުރެވުނެވެ. މިހާރު އެމެރިކާ ސަރުކާރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން، މުހިންމު ސައިބަރ ސެކިއުރިޓީ އިދާރާތަކުގައި މސައްކަތް ކުރާނެ މުވައްޒަފުންނެއް ނެތެވެ. އަދި މިކަމުގެ ސަބަބުން އެމެރިކގެ ގައުމީ ސައިބަރ ދިފާއީ ނިޒާމުގެ ބިތުފަންގި ވަނީ ނެގިފައެވެ.







