2025 ވަނަ އަހަރު އެމެރިކާގައި ބޭއްވި ލޯކަލް، ސްޓޭޓް އަދި ފެޑެރަލް ފެންވަރުގެ އިންތިޚާބުތަކުގައި، ޖުމްލަ 38 މުސްލިމް ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ. މި ކާމިޔާބީއަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި މުސްލިމް ކޮމިއުނިޓީގެ ބާރު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. އަނެއްކޮޅުން މުސްލިމުންނާ ދެކޮޅަށް ޔަހޫދީންނާއި ނަސާރާއިންގެ ޒަޔަނިސްޓުން ހިންގާ އިސްލާމޯފޯބިއާގެ ހާދިސާތައްވެސް އިތރު ވާކަމަށްވެސް ދައްކައެވެ. ސަރުކާރުގެ އެބންމެ މަތީ ފެންވަރުގައި މިކަމަށް ތެޔޮޖަހައި ހިތްވަރު ދެމުން ދެއެވެ.
މުސްލިމުންނަށް ލިބޭ މިފަދަ ބޮޑު ކުރިއެރުމެއް ފެނުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުސްލިމް ޖަމާއަތްތަކުން ބިނާކުރި ގްރާސްރޫޓްސް ހަރަކާތްތައް ހިމެނެއެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ވަނީ ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. ކެންޑިޑޭޓުންގެ ކެމްޕޭންތަކުގައި ދީނީ ގޮތުން ތަފާތު ކުރުމުގެ ބަދަލުގައި، ޞިއްޙީ ޚިދުމަތާއި، ތަޢުލީމު އަދި ބޯހިޔާވަހިކަން ފަދަ އެންމެންނަށް އާންމު މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ ސަބަބުން، އެހެން ދީންތަކުގެ މީހުންގެ ތާއީދު ވެސް ހޯދާފައެވެ.
މީގެ އިތުރުން، ގިނަ މުސްލިމް ކެންޑިޑޭޓުން ވަނީ ޒުވާނުންނާއި ބައިމަދު މީހުންނާއި މަސައްކަތްތެރިންގެ ޖަމާޢަތްތައް ހިމަނައިގެން އެންމެ ހައްގުގައި ހަރަކާތްތަކާ ބަދަހި ގުޅުންތައް ބިނާކޮށްފައެވެ. އެމެރިކާގައި އިސްލާމޯފޯބިއާ އިތުރުވަމުންދާ ދަނޑިވަޅެއްގައި، ތަފާތުކުރުންތަކާ ދެކޮޅަށް ތެދުވުމުގެ ރޫޙެއް މުސްލިމް ކޮމިއުނިޓީތަކުގެ ތެރޭގައި އުފެދިފައި ވެއެވެ. އަދި މުސްލިމުން ދަނީ ސިޔާސީ ގޮތުން ތަމްސީލު ވުމަށް ބާރު އަޅަމުންނެވެ.
މި ކާމިޔާބީގެ ފަހަތުގައިވާ އަނެއް މުހިންމު ސަބަބަކީ ޖީލު ބަދަލުވުމެވެ. އެމެރިކާގެ މުސްލިމުންގެ ތެރޭގައި ތިބި ޒުވާން، އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ޖީލެއް މިހާރު ވަނީ ލީޑަރޝިޕްގެ ދައުރަށް ނިކުމެފައެވެ. މިއީ އެމެރިކާގެ އާބާދީއަށް އަންނަ ބަދަލުތަކުގެ ތެރެއިން ފެންނަ މަންޒަރެކެވެ. މި ރެކޯޑް އަދަދަށް މުސްލިމުން ތަމްސީލުވުމަކީ އެމެރިކާގެ ސިޔާސަތުތަކަށް މުސްލިމް ކޮމިއުނިޓީގެ އަސަރު ފޯރުވުމަށް ލިބުނު ބޮޑު ފުރުސަތެކެވެ.







