ރެޑް ފޯޓްގައި ގޮވުން: ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ ހޯދައިފި

ހޯމަ ދުވަހުގެ ރޭ ދިއްލީގެ ލާލް ކިއްލާ ކައިރީގައި ހިނގި ކާރު ގޮވުމުގެ ސަބަބުން 13 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ކަމަށް ޝައްކު ކުރެވޭ ހާދިސާގައި ބައިވެރިވާ މީހާގެ ފުރަތަމަ ފޮޓޯ ކަމާބެހޭ ފަރާތްތަކުން އާންމުކޮށްފި އެވެ. މުހައްމަދު އުމަރު ނަމަކަށް ކިޔާ މި މީހާއަކީ ފަރީދާބާދުގައި ހުންނަ ޓެރަރިސްޓް މޮޑިއުލެއްގެ ބައެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަލް ފަލާހު މެޑިކަލް ކޮލެޖުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް ކަމަށް ބުނެއެވެ.

ތަހުގީގުގައި އުޅޭ މަސްދަރުތަކުން ބުނާ ގޮތުގައި އުމަރަކީ މިދިޔަ ހަފްތާގައި ހައްޔަރުކުރި ގަވަރމަންޓް މެޑިކަލް ކޮލެޖް، އަނަންތަނާގުގެ ކުރީގެ ސީނިއާ ރެޒިޑެންޓެއް ކަމަށްވާ އަދީލް އަހުމަދު ރާތަރުއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ރާތަރާ އެކު ކުރި ތަހުގީގުގެ މައްޗަށް ބިނާކޮށް، ފަރީދާބާދުގައި ރޭޑެއް ހިންގާފައި ވެއެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި ހަމަލާގައި ބޭނުންކުރި ހިއުންޑައި އައި20 ކާރު ސުނޭހްރީ މަސްޖިދު ކައިރީގައި ހުންނަ ޕާކިން އޭރިއާއަކަށް އައިސްފައި ވަނީ މެންދުރުން އަނބުރާ 3:19 ހާއިރު އެވެ. އަދި ގޮވުމުގެ މިނެޓްތަކެއް ކުރިން އިރު އޮއްސި 6:48 ގައި އެ ކާރު އެތަނުން ނިކުމެފައި ވެއެވެ. އެދުވަހު އިރުއޮއްސި  6:52 ހާއިރު ހިނގި މި ގޮވުން ގޮވީ އެމޯނިއަމް ނައިޓްރޭޓް ފިއުލް އޮއިލް ބޭނުންކޮށްގެން ކަމަށް ބުނެއެވެ. އެ އުޅަނދު ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ބާރުބޮޑު ޓޫރިސްޓް ޒޯންގައި ޕާކްކޮށްފައި އޮތެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ ދުވަހުގެ ކުރީކޮޅު އެ މޮޑިއުލާ ގުޅުން ހުރި ހައްޔަރުކުރުންތަކާ ގުޅިގެން އުމަރު އާއި އޭނާގެ ދެ ބައިވެރިން ވަނީ ހަމަލާ ރާވާފަ އެވެ. އޭނާގެ މަންމަ އާއި ބޭބެ ވެސް މިހަރު ވަނީ ތަހުގީގަށް ބަންދުކޮށްފައެވެ.

ކާރު ރަޖިސްޓްރީ ކޮށްފައިވާ މުހައްމަދު ސަލްމާން މި ކާރު އުމަރުއާ ހަމައަށް ގެންދިއުމުގެ ކުރިން ނަދީމް، އާމިރު، އަދި ތާރިގް ނަމަކަށް ކިޔާ ބަޔަކު ގެންގުލެފައި ވެއެވެ. ތާރިޤާއި އާމިރު ވެސް މިވަގުތު ތިބީ ބަންދުގައެވެ.

ދިއްލީ ޕޮލިހުން ވަނީ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވާ ގާނޫނާއި ގޮވާ ތަކެއްޗާ ބެހޭ ގާނޫނުގެ މާއްދާތަކާ ހަވާލާދީ މީހުން މަރުގެ ދައުވާ އާއި މީހުން މަރާލަން އުޅުމުގެ ދައުވާ މި މީހާއަށް އުފުލާފަ އެވެ. ފޮރެންސިކް ޓީމުތަކުން ދަނީ ބޮން ގޮއްވާލި ވަގުތު ޑްރައިވަރަކަށް ހުރި މީހާގެ ވަނަވަރު ޔަގީން ކުރުމަށް ޑީއެންއޭ ޓެސްޓުތައް ހަދަމުންނެވެ.

ހަމަލާގެ ޝިކާރައަކަށް ވެފައިވާ އަށް މީހުންގެ ތެރެއިން މިހާތަނަށް ދެނެގަނެވިފައިވަނީ އެންމެ ދެ މީހުންނެވެ. ދިއްލީގެ އެކި ހިސާބުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް އިންޒާރު ނެރެފައިވާއިރު، ބޯޑަރު ޕޮއިންޓްތަކުގައި ސެކިއުރިޓީ ޗެކްތައް ވަނީ ވަރުގަދަކޮށްފަ އެވެ.

ހިއްސާ ކުރައްވާ!