މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ރަސްމާލެއިން 15،000 ގޯތި ދެއްވާނެ ކަމަށާއި އަދި 7،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ރަސްމާލެއިން ދޭ 15،000 ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގޯތިތައް ދިނުމުގައި އަމާޒުކުރައްވާނީ އެއްވެސް ބޯހިޔާވަހިކަމެއް ނުލިބޭ 18 އަހަރުން މަތީގެ މީހުންނަށް ކަމަށާއި، އެންމެ ބޭނުންވެފައިވާ މީހުންނަށް އެންމެ ފުރަތަމަ ލިބޭނެ ނިޒާމެއްގެ ތެރެއިން އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓުގައި ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ 15،000 ގޯތި ދޭނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި މާލޭގެ ދަފްތަރުގައި ތިބި މީހުންނާއި ލާޖައްސައިގެން ގޯތި ބޭނުންވާ މީހުންނަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާތީ، ގޯތިތަކަށް ކުރިމަތިލުމުގެ ތަފްސީލުތައް އިޢުލާނުކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
"އަޅުގަނޑުމެން އިސާހިތަކު މި ހުޅުވާލަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އިއުލާންކުރާނަން ތަފްސީލުތަކާ އެކީގައި ގޯތިތަކަށް ކުރިމަތިލާން." ރައީސް
އަދި މި 15،000 ގޯއްޗަށް ބޭނުންވާ ބިން ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ހިއްކާ ނިމޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރަސްމާލެ ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެސް ތިން ގުނަ އަވަސް ކުރާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ބިން ހިއްކުން ކުރިއަށް ދާތީ، އަޅުގަނޑުމެން އިސާހިތަކު މި ހުޅުވާލަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އިއުލާންކުރާނަން ތަފްސީލުތަކާ އެކީގައި ގޯތިތަކަށް ކުރިމަތިލާން." ރައީސް
"ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ." ރައީސް
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އިޢުލާނުކުރައްވަމުން ރައީސް ވިދާޅުވީ، ޖުމްލަ 7،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މާ ގިނަ ދުވަހެއް ނުވެ ފަށާނެ ކަމަށެވެ. މީގެ ތެރެއިން 3،000 ހައުސިން ޔުނިޓު އެޅުމުގެ އެގްރިމަންޓުގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކުރެވޭތޯ މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ތެރެއިން 4،000 ހައުސިން ޔުނިޓު އަޅަން ވެސް ފަހިވެފައިވާކަމަށް ވިދާޅުވިއެވެ.
"އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން 4،000 ހައުސިން ޔުނިޓު ވެސް ހަމަޖެހިފައި އޮތީ. އެ މަސައްކަތްތައްވެސް އެބަ ހިނގާ،" ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޯހިޔާވަހިކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށާއި، މާލޭގެ ރަށްވެހިންނަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި މާލެއަށް ވީ ވައުދުތައް ފުއްދުމަށްޓަކައި މި އަހަރު ނިމުމުގެ ކުރިން މުހިންމު މަޝްރޫއުތައް ފަށާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މި މަސައްކަތްތަކަކީ މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.






