ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރި ޒިންމާ އަދާކުރެއްވުމުގައި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަން އިސްކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ:
"އިރާދަކުރެއްވިއްޔާ ވޭތުވެގެން މިދާ 2 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ހަވާލުކުރި މި ޒިންމާ މާތް ﷲ ގަންދީ އަޅުގަނޑު އެ ދުވަހު ކުރި ހުވާގެ މަތީގައި ހުރެ، ހަމަ ކޮންމެ ދުވަހަކު ވެސް އެ ހުވާ ހަނދާން ކުރަން، އެ ޒިންމާ އަދާކުރެވޭތޯ މަސައްކަތް ކުރަމުން މި ދަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަން ކަމަށާއި ރައްޔިތުންނަށް އެންމެ މުހިންމު ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހައްގުތައް އަދާކުރުން ގެންދިއުން ކަމަށެވެ. އެހެންކަމުން، އެ މަނިކުފާނުގެ ޒިންމާއަކީ އެކަން އެ ގޮތަށް ކުރިއަށް ދޭތޯ ކަށަވަރުކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާތައް ވަރަށް ކާމިޔާބުކަމާ އެކީގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ދާތަން، ފެންނަމުންދާ ކަމަށެވެ.
"ކޮންމެ ދާއިރާއަކުން ކުރެވިފައިވާ ކަންކަމުގެ މައުލޫމާތާއި ނަތީޖާ އޭގެ ފެކްޓްސްތަކާ އެއްކޮށް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފޯރުކޮށްދިނުން، … އަޅުގަނޑު ހިތުން ވަގުތުގެ ގޮތުން ވެސް އެންމެ ރަނގަޅު ވާނީ ވަކި ހަފުލާއެއްގައި އެކަން ކުރުން،" ރައީސް ވިދާޅުވި އެވެ.
އަދި މި މަހުގެ 17 ނުވަތަ އަންނަ ހަފުތާގެ ހޯމަ ދުވަހު ސޯޝަލް ސެންޓަރުގައި ބާއްވާ ހާއްސަ ޖަލްސާއެއްގައި މި ކަންކަމުގެ ތަފުސީލުތައް ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލިހަށް މި އަހަރު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ބަޔާންކުރެއްވި ވައުދުތައް ވެސް ފުއްދޭ މިންވަރު ވަރަށް ތަފުސީލްކޮށް ބަލަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދަމުން ދާނެ ކަމަށާއި މިއަދާ ހަމައަށް ވެސް މަސައްކަތްޕުޅު ކުރެއްވީ އެ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ މުއައްސަސާތަކުން ލިބިވަޑައިގަތް އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.






