ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ބުރަ މަސައްކަތް އަބަދުވެސް އަގުވަޒަން ކުރަން ޖެހޭ ކަމަށާއި، ސިވިލް ސާވިސް އާއި ކައުންސިލްތަކުގެ މުވައްޒަފުންނާއި ޖުޑިޝަރީ ހިމެނޭހެން އެ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަތައް މިހާރު ވަނީ ބޮޑުކޮށްފައި ކަމަށެވެ.
ރައީސް ވިދާޅުވީ މުސާރަ އަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށާއި، މި މަހުގެ މުސާރަ ލިބޭއިރު ކޮންމެ މުވައްޒަފަކަށް ވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މުސާރަ އަށް ބަދަލު ގެނައުމުގެ އެންމެ ބޮޑު މަގުސަދަކީ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ލިބޭ އަސާސީ މުސާރަ ބޮޑުކޮށްދިނުން ކަމަށާއި، މުސާރައާ އެކު ލިބޭ އެހެނިހެން އެލަވަންސްތައް ވެސް އެ އޮންނަ އުސޫލުން ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި މި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ސިވިލް ސާވިސް ސިފަ ކުރައްވާފައި ވަނީ ގައުމު ހިންގާ "ފައުޖު" ގެ ގޮތުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ސިވިލް ސާވިސް މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތަކީ އަބަދުވެސް އަގުވަޒަން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން، އެ މުވައްޒަފުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ސަރުކާރުގެ އެންމެ އިސްކަމެއް ދޭ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މުސާރައާ ގުޅޭގޮތުން އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނުވަތަ އިޝޫއެއް އުޅޭ ނަމަ، އެކަމެއް ހައްލުވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. އެގޮތުން، އެއްވެސް މުއައްސަސާއެއްގެ މުވައްޒަފެއްގެ ކަންބޮޑުވުމެއް މިކަމުގައި އުޅޭނަމަ، ކަމާބެހޭ ބޭފުޅުން ޕޭ ކޮމިޝަނާ އެކީ މަސައްކަތްކޮށް އެކަން ހައްލުކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، "އެއްވެސް ހާލެއްގައި، އެއްވެސް އޮފީހެއްގެ މުވައްޒަފެއްގެ، އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް މިކަމުގައި އުޅޭކަމުގައިވާ ނަމަ އެކަމެއް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ މުއައްސަސާއެއްގެ ކަމާ ބެހޭ ބޭފުޅުން ޕޭ ކޮމިޝަނާ އެކީ ކުރައްވާނެ،" ކަމަށެވެ.






