ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެކި ހިސާބުތަކުގައި އިއްޔެ އާންމު ދަތުރުފަތުރާއި ގުޅުން ހުރި ތަންތަނާއި، ސަރުކާރާއި ގުޅުން ހުރި މުއައްސަސާތައް އަދި ދީނީ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާތައް ދީ، ހުޅު ޖެހުމުގެ ހާދިސާތަކެއް ހިންގައިފިއެވެ. މި ހަމަލާތަކާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. މުޅި ދުވަހު 11 ތަނަކަށް ކްރޫޑް ބޮން އުކާފައިވާއިރު، ތިން ބަހެއްގައި އަލިފާން ރޯކޮށްފައިވެއެވެ. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. ނަމަވެސް، އަލިފާން ރޯކުރުމުގެ ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާތައް ހިނގާފައިވަނީ، ވެރިކަމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ މައްސަލައެއްގައި އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ހުކުމް އިއްވާނެ ތާރީޚު ކަނޑައެޅުމަށް ހަމަޖެހިފައިވާ ނޮވެމްބަރު 13 ގެ ކުރިންނެވެ. މި ހާދިސާތަކާ ގުޅިގެން ފުލުހުންގެ މައި އިދާރާއިން ވަނީ ހުރިހާ ސްޓޭޝަންތަކުން ފޯރިމެރުމަށާއި ފާރަވެރިވުން ވަރުގަދަ ކުރުމަށް އަންގާފައެވެ. އަދި މުޅި ގައުމުގެ މުހިއްމު މަރުކަޒުތަކާއި ހައްސާސް ތަންތަނާއި ދީނީ މުއައްސަސާތަކުގެ ވަށައިގެން ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ.
ރޭ ޗީފް އެޑްވައިޒަރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާތަކުގައި ބައިވެރިވި މީހުން ހައްޔަރުކުރުމަށް ޑާކާގެ ފުލުހުންނާއި ރެޕިޑް އެކްޝަން ބެޓޭލިއަނުން މުޅި ޑާކާގައި އަތްފުނާއަޅަން ފަށާފައިވާ ކަމަށެވެ. އަދި ގައުމުގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ކުރާ ކޮންމެ މަސައްކަތަކަށް ވެސް ގާނޫނުގެ ފުރިހަމަ ބާރުން ކުރިމަތިލާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. އަދި އެފަދަ ހަރަކާތްތަކަށް ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ބޮމުގެ ހަމަލާތައް ފެށިފައިވަނީ ހެނދުނުގެ ވަގުތެއްގައެވެ. އެކަން ދެމިގެން ގޮސްފައިވަނީ ރޭގަނޑު ދަންވަރު ވަންދެނެވެ. ފުރަތަމަ ގޮވުން ގޮއްވާފައި ވަނީ ހެނދުނު 3:45 ހާއިރު ޗީފް އެޑްވައިޒަރު ޕްރޮފެސަރު މުހައްމަދު ޔޫނުސްއާ ގުޅުން ހުރި މުއައްސަސާއެއް ކަމަށްވާ ގްރާމީން ބޭންކުގެ މައި މަރުކަޒު ގެ ކުރިމަތީގައެވެ. މީރުޕޫރު މޮޑެލް ޕޮލިސް ސްޓޭޝަންގެ އޮފިސަރު އިންޗާޖް ސައްޖާދު ރޯމަން ވިދާޅުވީ ސައިކަލެއްގައި ތިބި ދެ މީހަކު އެ އިމާރާތަށް ކްރޫޑް ބޮމެއް އުކާލީ ކަމަށެވެ.
އޭގެ ހަތަރު ގަޑިއިރު ނުވަނީސް، މުހައްމަދުޕޫރުގައި ފިޝަރީޒް އެންޑް ލައިވްސްޓޮކް އެޑްވައިޒަރު (ވަޒީރު) ފަރީދާ އަޚްތަރުގެ ވިޔަފާރިއަކަށް ސައިކަލެއްގައި ތިބި އެހެން ދެމީހުން އައިސް ކްރޫޑް ބޮން އުކާލިއެވެ. ހެނދުނު 7:30 ހާއިރު ޑާކާގެ މީދާސް ސެންޓަރުގެ ކުރިމަތީގައި އިބްނު ސީނާ ހޮސްޕިޓަލަށް އިތުރު ދެ ބޮން އަމާޒުކުރިއެވެ.
ހަވީރު ވެރިރަށް ޑާކާގެ އެކި ހިސާބުތަކުގައި، ހަމަލަދިނެވެ. ހަވީރު 6:20 ހާއިރު މައުޗަކް ހަތަރު އަނގޮޅި ކައިރީގައި، އެއް ހަމަލާ އަދި 6:30 ހާއިރު، ޚިލްގާން ފްލައިއޯވަރުގައި އަނެއް ހަމަލަ ދިނެވެ. އަދި 6:40 ހާއިރު މީރުޕޫރުގެ ޝާހް އަލީ މާކެޓް ކައިރީގައި އެތައް ގޮވުންތަކެއް ގޮއްވާލި އެވެ. މި ހާދިސާތަކާ ގުޅިގެން ވަގުތީ ޗެކްޕޮއިންޓެ ހަދައި ފުލުހުން ވަނީ ސައިކަލް ދުއްވާ މީހުންގެ ލިޔެކިޔުންތަކާއި ދަބަސް ޗެކްކުރުން ވަރުގަދަކޮށްފައެވެ.






