އިންޑިއާއިން ވަނީ ނޭޕާލްގެ އެކި ސަރަޙައްދުތަކުގައި އިޖުތިމާއީ ގޮތުން ޖަމާއަތަށް ފައިދާވާ 11 ކޮމިއުނިޓީ ތަރައްޤީގެ މަޝްރޫޢު ހިންގުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިއީ 1.16 ބިލިއަން ނޭޕާލް ރުޕީސް ގެ ހިލޭ އެހީގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢުތަކެކެވެ. އަދި މިއީ ދެޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް އިންޑިއާއިން ކުރާ މަސައްކަތުން ބައެކެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ތަޢުލީމާއި، ޞިއްޙަތާއި، ކުނި މެނޭޖްކުރުމުގެ ދާއިރާތައް ހިމެނެއެވެ.
އިންޑިއާގެ އެމްބަސީން ވަނީ ނޭޕާލްގެ ފެޑެރަލް އެފެއާޒް އެންޑް ޖެނެރަލް އެޑްމިނިސްޓްރޭޝަން މިނިސްޓްރީއާއި، މަސައްކަތް ކުރިއަށް ގެންދާ ލޯކަލް އެޖެންސީތަކާ އެކު ސޮއިކޮށްފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި 5 ޑިސްޓްރިކްޓްތަކުގައި އާ ސްކޫލް އިމާރާތްތައް އެޅުމާއި، ޞިއްޙީ މަރުކަޒުތައް ޤާއިމުކުރުމާއި، ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، ކުނި މެނޭޖްކުރުމުގެ މަރުކަޒު ހެދުން ހިމެނެއެވެ.
2003 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ވަނީ ނޭޕާލްގައި ޖަމާއަތަށް ފައިދާ ބޮޑު 590 މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އޭގެ ތެރެއިން 502 މަޝްރޫޢު މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުތައް ނޭޕާލްގެ ހަތް ޕްރޮވިންސްގައި ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި މިއީ ނޭޕާލްގެ ތަރައްޤީގެ އިސްކަންދޭ ކަންތައްތަކަށް އިންޑިއާއިން ދެމުންގެންދާ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް އަމާޒުކުރެވޭ އެހީތެރިކަން ރަމްޒުކޮށްދޭ ކަމެކެވެ.







