މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ތައުރީފް ރައީސަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ 'މޯލްޑިވްސް 2.0′ ޤައުމީ ސިޔާސަތުގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓައިޒްކޮށް، އީ-ވިޒާގެ ޚިދުމަތްތައް ތަޢާރަފްކުރުމާއި، ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ދެނެގަނެވޭނޭ އެޕްލިކޭޝަނެއް ލޯންޗްކުރުމާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަނާސީ) އިން ރައީސްގެ މަސައްކަތްޕުޅަށް ތަޢުރީފުކޮށްފިއެވެ. މަނާސީއިން ބުނިގޮތުގައި މިފަދަ ޚިދުމަތްތައް ތަޢާރަފްކުރެއްވުމަކީ މި އިންޑަސްޓްރީގެ މަސައްކަތްތަކަށާއި، ހިންގުމުގެ ދާއިރާއާއި، ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

އެ އެސޯސިއޭޝަނުން ވަނީ އެމީހުންގެ މެމްބަރުންނާއި، ހިންގާ ކޮމިޓީގެ މެމްބަރުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ތަހްނިޔާ ދަންނަވައި، އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. މަނާސީއިން ފާހަގަކުރާގޮތުގައި، ބިދޭސީންގެ މަޢްލޫމާތު އެކުލެވޭ އަދި ފަސޭހައިން ކާކުކަން ދެނެގަނެވޭ އެޕްލިކޭޝަނާއި، ވިޒާގެ ޑިޖިޓަލް ނިޒާމަކީ ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ޤައުމަކަށް ނުހަނު ބޭނުންތެރި އަދި ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތްތަކެކެވެ.

ބިދޭސީ މަސައްކަތްތެރިން ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ދާޚިލީ ސަލާމަތާއި، ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން ދެއްވާ އެއްބާރުލުމާއި ސަމާލުކަމާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ފަސީހާއި އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަސައްކަތްތައް ވެސް ފާހަގަކޮށް އެ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ. މަނާސީއިން ވަނީ މި މަސައްކަތުގައި ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ސަރުކާރަށް ދީފައެވެ.

މަނާސީ އެސޯސިއޭޝަނުން އުއްމީދުކުރަނީ އިމިގްރޭޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާއެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ބިދޭސީން ފިލުމާއި، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި، މިކަމުގެ ސަބަބުން ކޮންސްޓްރަކްޝަން މަސައްކަތްތައް ހިންގުން ފަސޭހަވެ، މަސައްކަތްތަކަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް ވެސް މަނާސީން ބުނެއެވެ.

އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފި

ހިއްސާ ކުރައްވާ!