ޕާކިސްތާންގެ ޤާނޫނު އަސާސީއަށް ގެނެވުނު 27 ވަނަ އިޞްލާޙަކީ، 2010 ވަނަ އަހަރުގެ ތާރީޚީ 18 ވަނަ އިޞްލާޙަށްފަހު މިހާތަނަށް ގެނެވުނު އެންމެ ބާރުގަދަ އަދި ފުޅާދާއިރާއެއްގައި ގަނޫނުއަސާސީގެ ރޫހަށް ބަދަލުތައް ގެންނަ އިސްލާހެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިއިޞްލާޙުގެ ސަބަބުން ޤާނޫނު އަސާސީގެ 59 އަށް ވުރެ ގިނަ މާއްދާއަށް ބަދަލުތައް އާދެއެވެ. އަދި ޢަދުލު އިންޞާފުގެ ނިޒާމާއި، ސިފައިންގެ ކޮމާންޑްގެ ވެރިކަމާއި، ހިންގުމުގެ ބާރު (ރައީސް) އަށް ލިބޭ ރައްކާތެރިކަމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދުތަކާއި، ޤައުމުގެ ސިޔާސީ އަދި އޮނިގަނޑަށް އޭގެން ކުރާނެ އަސަރުތަކަށް ބަލާލާނަމެވެ.
ޢަދުލު އިންޞާފުގެ ނިޒާމަށް ގެނައި ބަދަލުތައް
27 ވަނަ އިޞްލާޙުގެ އެންމެ މުހިންމު އެއް ބަދަލަކީ ފެޑެރަލް ޤާނޫނުއަސާސީ ކޯޓު އުފެއްދުމެވެ. ޤާނޫނު އަސާސީގެ 175ގެ (ބ) އިން 175 (ލ) އާ ހަމައަށް އާ ބާބެއް އިތުރުކޮށްފައި ވެއެވެ. މިއީ ދުސްތޫރީ ކޯޓެއް އުފައްދާ ބާބެވެ. މި ކޯޓަށް ޤާނޫނުއަސާސީއާ ގުޅޭ ހުރިހާ މައްސަލަތަކެއް ބެލުމުގެ ޚާއްޞަ ބާރު ލިބިގެންދެއެވެ. މީގެ ތެރޭގައި ޤާނޫނުއަސާސީ މަނަކުރުމާއި، ފެޑެރަލް ސަރުކާރާއި ޕްރޮވިންޝަލް ސަރުކާރުތަކާ ދެމެދު އުފެދޭ މައްސަލަތައް ބެލުން ހިމެނެއެވެ. މި ބަދަލާއެކު، ސުޕްރީމް ކޯޓުގައި ހުރި ޤާނޫނުއަސާސީގެ ހުރިހާ މައްސަލަތަކެއް ވެސް އެފް.ސީ.ސީ. އަށް ބަދަލުކުރެވޭނެއެވެ.
އެފް.ސީ.ސީ.ގެ ފަނޑިޔާރުންގެ ޢުމުރު 68 އަހަރަށް މަތިކޮށްފައި ވެއެވެ. އެ ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ ދައުރު ތިން އަހަރަށް ކަނޑައެޅިފައިވާ މުއްދަތަކަށް ހަމަޖައްސާފައިވެއެވެ. އެފް.ސީ.ސީ.ގެ ނިންމުންތަކަކީ ސުޕްރީމް ކޯޓު ވެސް ހިމެނޭ ގޮތަށް ހުރިހާ ކޯޓުތަކަށް ވެސް ބާރު ހިންގާ ނިންމުންތަކެކެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ސުޕްރީމް ކޯޓުގެ ދައުރު ވަނީ ހަމައެކަނި ސިވިލް އަދި ޖިނާއީ މައްސަލަތައް އިސްތިއުނާފު ކުރާ ކޯޓަކަށް ހަނިވެގެން ގޮސްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް އެމީހުންގެ އަސާސީ ޙައްޤުތައް ހޯދުމަށް ސުޕްރީމް ކޯޓަށް ސީދާ ދިއުމުގެ ފުރުޞަތު ގެއްލި، ޢަދުލު އިންޞާފުގެ މިނިވަންކަން ބަލިކަށިވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. އެފް.ސީ.ސީ.ގެ ފަނޑިޔާރުން އައްޔަންކުރުމުގައި ސިޔާސީ ނުފޫޒު ވަދެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
އާސިމް މުނީރުގެ މަގާމު ވަރުގަދަ ވުން
މިއިޞްލާޙުގެ ދަށުން ޤާނޫނު އަސާސީގެ 243 ވަނަ މާއްދާއަށް ބަދަލު ގެނެސްފައި ވެއެވެ.، ސިފައިންގެ ކޮމާންޑްގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އާރމީ ޗީފްގެ މަޤާމުގައި ހުންނެވި ބޭފުޅާ، ޗީފް އޮފް ޑިފެންސް ފޯސަސް (CDF) ގެ މަޤާމަށް އުފުލިފައި ވެއެވެ. އަދި އޭނާއަށް، ދިފާޢީ ބާރުތަކުގެ ހުރިހާ ބްރާންޗްތަކުގެ ކޮމާންޑް ކަން އެއްކޮށްފައި ދެވިފައި ވެއެވެ. މީގެ އިތުރުން، ޗެއަރމަން ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީ (CJCSC) ގެ މަޤާމު އުވާލާފާއި ވެއެވެ. މި ބަދަލުގެ ސަބަބުން އަސްކަރީ ބާރު އެއް އޮފީހެއްގައި އެއްކުރެވި، އާރމީ ޗީފް ޤައުމުގެ އެންމެ ބާރުގަދަ ފަރާތް ކަމަށް ހަމަޖެއްސީއެވެ. އެފަރާތަކީ ފީލްޑް މާޝަލް އާސިމް މުނީރެވެ.
އަދި ފަސް ތަރީގެ ރޭންކުތައް ކަމަށްވާ ފީލްޑް މާޝަލް، މާޝަލް އޮފް ދަ އެއަރ ފޯސް، އަދި އެޑްމިރަލް އޮފް ދަ ފްލީޓް ފަދަ ރޭންކުތައް ޤާނޫނުއަސާސީގައި ބަޔާންކުރާ ދުސްތޫރީ ރޭންކުތައް ކަމަށް ހަމަޖެހގެން ދިޔައީއެވެ. އެންމެ ބޮޑު ސިޔާސީ އަސަރެއް ކުރާ އެއް ބަދަލަކީ، ސީ.ޑީ.އެފް. (މިހާރުގެ ފީލްޑް މާޝަލް އާސިމް މުނީރަށް) ޤާނޫނު އަސާސީގެ 248 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ފަދައިން، ޖިނާއީ މައްސަލަތަކުން ދާއިމީ ގޮތަށް އަފޫއާންމެއް ލިބިގެން ދެއެވެ. މިއީ ޢާންމުކޮށް އަސްކަރީ ބާރުގެ މައްޗަށް ސިވިލް ބާރުގެ ބެލެނިވެރިކަން ކުޑަކޮށް، އަސްކަރީ ބާރުގެ ހައިބަތާއި ބާރުގަދަކަން ޤާނޫނުއަސާސީގެ ތެރެއިން ރަސްމީކޮށް ކަށަވަރުކޮށްދޭ ބަދަލެކެވެ. މިބަދަލާއެކު ޕާކިސްތާންގެ އެންމެ މަތީ ވެރިޔާއަކީ އާސިމް މުނީރެވެ.
ސަރަހައްދީ މިނިވަންކަމާއި މާލީ މިނިވަންކަން ނިގުޅައިގަތުން
27ވަނަ އިޞްލާޙުގެ ދަށުން ޤާނޫނުއަސާސީގެ 160 ވަނަ މާއްދާ (ނޭޝަނަލް ފައިނޭންސް ކޮމިޝަން އެވޯޑް) އަށް ބަދަލުތައް ހުށަހެޅުނެވެ. މީގެ މަޤްޞަދަކީ މަރުކަޒީ ސަރުކާރުގެ އާމްދަނީން ސަރަހައްދުތަކަށް ލިބޭ ބައި ކުޑަކުރުމެވެ. ޕީ.ޕީ.ޕީ. ފަދަ ޕާޓީތަކުން މި ބަދަލަށް ދެކޮޅު ހެދި ނަމަވެސް، މި ބަދަލުގެ ސަބަބުން ކުރިއަށް އޮތްތާނގައި 18 ވަނަ އިޞްލާޙުގެ މަޤްޞަދުތަކަށް އަސަރުކޮށް، ސަރަހައްދީ މިނިވަންކަން ކުޑަވެގެންދާނެ ކަމުގެ އިންޒާރުތައް ވަނީ ދީފައެވެ. މިއީ މައި ސަރުކާރުގެ މަރުކަޒީ ބާރު އިތުރުކުރުމަށް ކުރެވުނު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
އެހެނިހެން މުހިންމު ބަދަލުތަކާއި ފައިދާ ލިބޭ ފަރާތްތައް
މިއިޞްލާޙުގައި ޤާނޫނު އަސާސީގެ އެހެން މާއްދާތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މާއްދާ 200 (ފަނޑިޔާރުން ބަދަލުކުރުން) ގެ ދަށުން ފަނޑިޔާރުންގެ ހުއްދައާ ނުލައިވެސް އެ ބޭފުޅުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނެ އުޞޫލުތައް ހިމަނާފައި ވެއެވެ. މި އިޖުރާއީ ބާރުގެ ނުފޫޒު ޝަރުޢީ ބާރަށް ފޯރުވުމުގެ ބިރު އޮތް ކަމަށް ބުނެއެވެ. މީގެ އިތުރުން، ޗީފް އިލެކްޝަންސް ކޮމިޝަނަރ (މާއްދާ 213) މަގާމަށް އައްޔަންކުރާ އުޞޫލަށް ބަދަލު ގެނެސްފައި ވެއެވެ. މާއްދާ 42، 63 (ހ)، 68، 78، 81، 93، 100، 130، 165 (ހ)، 175، 175(ހ) ފަދަ ގިނަ މާއްދާތަކުގައި “ސުޕްރީމް ކޯޓު” ގެ ބަދަލުގައި “ފެޑެރަލް ޤާނޫނުއަސާސީ ކޯޓު” ގެ ނަން ބޭނުންކޮށް، ޝަރުޢީ އޮނިގަނޑު މުޅިން ބަދަލުކޮށްފައިވެއެވެ.
މި އިޞްލާޙުގެ ސީދާ ފައިދާ ލިބޭ ފަރާތްތަކުގެ ތެރޭގައި އަސްކަރީ ލީޑަރޝިޕް (ޖެނެރަލް އާސިމް މުނީރަށް ދާއިމީގޮތަށް ރޭންކާއި މާފު ލިބުން) އަދި ރައީސް އާސިފް ޢަލީ ޒަރްދާރީ (ދާއިމީގޮތަށް މާފު ލިބުން) ހިމެނެއެވެ. އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ދެޕާޓީ ކަމަށްވާ ޕާކިސްތާން މުސްލިމު ލީގް (ނަވާޒް)އާއި ޕާކިސްތާން ޕީޕްލްސް ޕާޓީއަށް ގާނޫނުގެ ތެރޭން ކުރިމަގަށް ބާރުތައް މަހާލަން ފުރުޞަތު ލިބިގެންދެއެވެ.
ޕާކިސްތާންގެ ޤާނޫނުއަސާސީއަށް ގެނެވުނު 27 ވަނަ އިޞްލާޙަކީ ޤައުމުގެ ބާރުތައް ބަހާލެވިފައިވާ އުޞޫލަށް ބޮޑެތި ބަދަލުތަކެއް ގެނައި އިޞްލާޙެކެވެ. ފެޑެރަލް ޤާނޫނު އަސާސީ ކޯޓު އުފެއްދުމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލެވުނުއިރު، އަސްކަރީ ލީޑަރޝިޕަށާއި ރައީސަށް ދާއިމީ މާފެއް ލިބެއެވެ. އަދި ސިފައިންނަށް ބާރުގެ އެއްކޮށްލަން ފުރުސަތު ލިބިގެންދިޔައެވެ. މި އިޞްލާޙުގެ ސަބަބުން ޑިމޮކްރެޓިކް މުއައްސަސާތަކުގެ މެދުގައި އޮންނަ ބާރުތަކުގެ ހަމަޖެހުމަށް އަސަރުކޮށް، ޚާއްޞަކޮށް ޢަދުލު އިންޞާފުގެ މިނިވަންކަމާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރެވެއެވެ.






