ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިފަދައިން ވިދާޅުވީ ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް ކަމަށެވެ.
ކޮމިޝަނަރ ނަވީން ވިދާޅުވީ ފުލުހުންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން ނޫން ކަމަށާއި، އޭގެ ތެރޭގައި މުޖުތަމައާ ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށެވެ. "އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއްނޫން. އޭގެ ތެރޭގައި މުޖުތަމައާ ގުޅުންބަދަހިކުރުން ހިމެނޭ. އަދި ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް. ޒަމާނީ ބަދަލުތަކަށް ތަމްރީނުހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި" ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ މިރެއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަންއަކުރުން ފަވައިލެވޭނެ ތާރީހީ ރެއެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅި އޭގެ 21 އަހަރު ފަހުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އިންނަމާދޫގައި ޕޮލިސް ސްޓޭޝަން ހުޅުވުމަކީ ލިބިގެންދިޔަ އުފާވެރިކަމެކެވެ.
މި ކާމިޔާބީއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށްދެއްވައި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތް ފުރިހަމަކޮށްދެއްވުމަށް ކޮށްދެއްވާ މަސައްކަތްފުޅުގެ ނަތީޖާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އޭނާ ވަނީ 2004 ވަނަ އަހަރު މި ހިދުމަތަކީ މަދަނީ ހިދުމަތަކަށް ބަދަލުވެ، ފުލުހުންނާއި ރައްޔިތުންނާ ގާތުން ގުޅިގެން ހިދުމަތް ދިނުމަށް ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.
ކޮމިޝަނަރ ނަވީން ވަނީ ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ވިސްނުންފުޅާއި ކުރައްވާ މަސައްކަތްޕުޅަށް ވެސް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅުންނާއި، ފުލުހުންގެ އެކި ބަހާތަކުން އެކި ފުލުހުން ވެދެއްވި އެހީތެރިކަމާއި، އެމްޓީސީސީއަށާއި އިންނަމާދޫ ކައުންސިލަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ފުލުހުންގެ ހިދުމަތް ފެށުނު ދުވަސްވަރުގެ ދަތިތައް ހަނދާންކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، “ވަރަށް ދަތި އުނދަގުލާއެކު ފުލުހުންގެ ހިދުމަތް ދިނުމަށް ފެށި މި ހިދުމަތް އަޅުގަނޑު ހަނދާން އެބަހުރި. ވަރަށް މަދު ތަނެއްގައި ވަރަށް މަދު ވަސީލަތާއެކު ފެށި މި ހިދުމަތް މިހާރު މިވަނީ ބަދަލުވެފައި” ކަމަށެވެ. އިންނަމާދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށާއި، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ފޯރުކޮށްދޭ މި ހިދުމަތަކީ ރައްކާތެރިކަން ލިބޭނެ ހިދުމަތެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.







