46 މިލިއަން ޑޮލަރުގެ މަކަރާއި ހީލަތުގެ މައްސަލައެއްގައި ޖާދޫގަރަކު ހައްޔަރުކޮށްފި

އޮސްޓްރޭލިއާގެ ސިޑްނީގައި މަކަރާއި ހީލަތުން 46 މިލިއަން އެމެރިކާ ޑޮލަރު (70 މިލިއަން އޮސްޓްރޭލިއަން ޑޮލަރު) ހޯދިކަމުގެ ތުހުމަތުގައި 53 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި އަންހެންމީހާއަކީ 'ފެންގް ޝުއީ’ގެ އެކްސްޕާޓެއް ކަމަށް ދައުވާކުރާ އަދި ޖާދޫ ހަދާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

ނިއު ސައުތު ވޭލްސް ސްޓޭޓް ޕޮލިސް އިން ބުނި ގޮތުގައި، މި އަންހެންމީހާ ވަނީ ވިއެޓްނާމް ކޮމިއުނިޓީގެ ނިކަމެތިންގެ އިތުބާރު ނަގާލައި އެމީހުން ކުރިމަގުގައި 'ބިލިއަނަރުންނަށް' ވާނެ ކަމަށް ހުވަފެން ދައްކާފައެވެ.

މި މަކަރާއި ހީލަތުގެ ސްކީމް ހިންގުމުގައި އެހީތެރިވި ކަމުގެ ތުހުމަތުގައި 25 އަހަރުގެ އިތުރު އަންހެނެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި ދެ އަންހެނުން ހައްޔަރުކޮށްފައިވަނީ ސިޑްނީގެ ގެއަކުންނެވެ. ފުލުހުން ބުނި ގޮތުގައި އެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފައިނޭންޝަލް ޑޮކިއުމެންޓްތަކާއި، މޯބައިލް ފޯނުތަކާއި، އެހެނިހެން އިލެކްޓްރޯނިކް ސާމާނާއި، އަގުބޮޑު އަތްދަބަސްތަކުގެ އިތުރުން، 10،000 އެމެރިކާ ޑޮލަރުގެ އަގުހުރި 40 ގްރާމްގެ ރަންބުރިތަކާއި އަދި 6،600 އެމެރިކާ ޑޮލަރުގެ ކެސީނޯ ޗިޕްސް ވަނީ ހޯދާފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ހިއްސާ ކުރައްވާ!