ޕާކިސްތާންގެ ގާނޫނުއަސާސީއަށް ބަދަލު ގެނަސް ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމާ ގުޅިގެން ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޖަސްޓިސް މަންސޫރު އަލީ ޝާހް އާއި ޖަސްޓިސް އަޠްހަރު މިނަﷲ އިސްތިއުފާ ދފެއްވައިފިއެވެ.
ދެ ފަނޑިޔާރުންގެ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޤައުމުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވަނީ އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި އިސްތިއުފާތައް އައިސްފައިވަނީ ޤާނޫނުއަސާސީއަށް ގެނައި 27 ވަނަ އިސްލާޙް ފާސްކުރުމާ ގުޅިގެންނެވެ.
ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، އެ ދެ ފަނޑިޔާރުންގެ "ޟަމީރު ހޭލާފައި ވަނީ އެބޭފުޅުންގެ މޮނޮޕޮލީ ކުދަ ކުރުމަށް ފަހު" ކަމަށެވެ. ޖަސްޓިސް މަންސޫރު އަލީ ޝާހް އާއި ޖަސްޓިސް އަޠުހަރު މިނަﷲ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ، ރައީސް އާސިފް އަލީ ޒަރުދާރީ ބުރާސްފަތި ދުވަހު ޤާނޫނުއަސާސީގެ 27 ވަނަ އިސްލާޙް ތަސްދީޤު ކުރެއްވުމުންނެވެ.
އެ ދެ ފަނޑިޔާރުން ވަނީ އެ އިސްލާޙަކީ ޢަދުލު އިންސާފުގެ ނިޒާމަށާއި 1973 ވަނަ އަހަރުގެ ޤާނޫނުއަސާސީއަށް ގެނަސްފައިވާ ބަޣާވާތެއް ކަމަށް ސިފަކުރައްވާފައެވެ.
ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އާސިފް ވަނީ އެ ދެ ފަނޑިޔާރުން "ކުރީގެ ތާރީޚު ހަނދާން ނައްތާލައްވައި" މިހާރު ކުއްލިއަކަށް "ޑިމޮކްރަސީގެ ބެލެނިވެރިންނަށް" ވެވަޑައިގަތީ ކަމަށް ވިދާޅުވެފައެވެ. އާސިފް ވަނީ މީގެ ކުރިން ފަނޑިޔާރުން ނަވާޒް ޝަރީފް މަޤާމުން ދުރުކުރުމުގެ މަސައްކަތް ފެށި އިރު، ޢަދުލު އިންސާފުގެ ނިޒާމުން އަދާކުރި ދައުރަށް އިޝާރާތް ކުރައްވައިފައެވެ.
ނަވާޒް ޝަރީފް މަގާމުން ދުރުކުރީ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންނެވެ. އެއިރު އާންމުވި ޕެނަމާ ޕޭޕާޒްގައި ނަވާޒް ޝަރީފް ގައުމުން ބޭރުގައި ގިނަ އަދަދެއްގެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ އިންވެސްޓިގޭޓިވް ރިޕޯޓްތަކުގައި ދެއްކިއެވެ.
ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިސްތިއުފާ ޤަބޫލުކުރައްވާފައެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސް ޒަރްދާރީގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށެވެ.








