ޕާކިސްތާންގެ ގާނޫނުއަސާސީއަށް ގެނަސްފައިވާ އިސްލާހާއެކު އަލަށް އުފެއްދި ދުސްތޫރީ ކޯޓުގެ އިސްފަނޑިޔާރަކަށް ގާޒީ އަމާނުﷲ ޚާން އައްޔަން ކޮށްފިއެވެ. އޭނާއަށް ހުވައި ލައިދެއްވުން އޮތީ ރައީސް އޮފީހުގައެވެ. އަމާނުﷲ ޚާން އަކީ ސުޕްރީމް ކޯޓުގެ ދުސްތޫރީ މައްސަލަތައް ބެއްލެވި ބެންޗުގައި އިސްކޮށް އުޅުއްވި ފަނޑިޔާރެކެވެ. އަދި އޭނާއަކީ ތަރުތީބުން ސުޕްރީމް ކޯޓުގެ 4 ވަނަ ފަނޑިޔާރެވެ.
އޭނާ ވަނީ މަގާމުގެ ހުވައި ކުރެއްވުމަށްފަހު އެ ކޯޓުގެ އަނެއް 6 ފަނޑިޔާރުންނަށް ވެސް ހުވައި ލައްދެއްވާފައެވެ. އޭނާ އެބޭފުޅުންނަށް ހުވައި ލައިދެއްވީ އިސްލާމްއާބާދު ހައިކޯޓުގައެވެ.
ޕާކިސްތާންގެ ޤާނޫނުއަސާސީއަށް ގެނައި 27 ވަނަ އިޞްލާޙު: ތަފްޞީލީ ދިރާސާއެއް
ދުސްތޫރީ ކޯޓު އެކުލަވާލުމާއެކު ސުޕްރީމްކޯޓުގެ ބާރު ކުޑަ ވެގެން ދިޔައީއެވެ. އަދި ދުސްތޫރީ ކޯޓުން ނިންނާ ނިންމުންތަކަށް ސުޕްރީމް ކޯޓުންވެސް ތަބާވާން ޖެހޭނެއެވެ.
ދުސްތޫރީ ކޯޓުން ބަލާނީ ސިޔާސީ ޕާޓީތަކާއި ގާނޫނުއަސާސީއާ ބެހޭ މައްސަލަތަކެވެ.
ދުސްތޫރީ ކޯޓަށް ޖާގަ ހަމަޖެއްސުމަށް ހަމަޖެހިފައި އޮތީ އިސްލާމްއާބާދުގެ ޝަރީއާ ކޯޓު ބިލްޑިންގއިންނެވެ. ނަމަވެސް އެ ކޯޓު 3 ވަނަ ފަންގިފިލާއަށް ބަދަލުވުމަށް ދުރާލައި އަންގާފައި ނުވާތީ ޝަރިއާ ކޯޓުން އަދިވެސް ދުސްތޫރީ ކޯޓަށް ޖާގަ ހަދާދީފައެއް ނުވެއެވެ. އެހެންވެ، ފަނޑިޔާރުން ހުވައި ކުރުންވެސް ބާއްވަން ޖެހުނީ އިސްލާމްއާބާދު ހައިކޯޓުގައެވެ.
ދުސްތޫރީ ކޯޓުގެ އުއްތަމަ ފަނޑިޔާރަށް އައްޔަން ކޮށްފައިވާ އަމާނުﷲ ޚާންގެ އެންމެ ފާހަގަ ކުރެވޭ ޝަރީއަތަކީ އިމްރާން ޚާން އިސްތިއުފާ ދެއްވި މައްސަލައާ ގުޅިގެން ޕާކިސްތާންގައި ސިފައިންގެ ތަންތާނގައި ހުޅުޖެހި މީހުންގެ ޝަރީއަތް ސިފައިންގެ ކޯޓަކުން ނުކުރެވޭނެ ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ކޮށްފައިވާ ޙުކުމެވެ. ޚާން ވަނީ އެމީހުންގެ ޝަރީއަތް ސިފައިންގެ ކޯޓަކުން ކުރެވޭނެ ކަމަށް ވިދާޅުވެ ޙުކުމް ކުރައްވާފައެވެ.







