އިރާނުގެ ވެރިރަށް ތެހެރާނުގެ ދެކުނުގައި ހަނަފަސްކަމުންނާއި ފެނަށް ޖެހުމުން ސަލާމަތްވުމަށް އެދި، އެތައް ހާސް ބަޔަކު ވަނީ ވާރޭއަށް އެދި ހުކުރު ދުވަހު އިސްތިސްގާ ނަމާދު ކޮށްފައެވެ. މި ނަމާދަކީ ދިގުލައިގެންދާ ހަނަފަސްކަމުގެ މައްސަލަތަކާ ގުޅިގެން ވާރޭ ވެހުމަށް އެދި އިލާހީ މަދަދަކަށް އެދި ކޮށްފައިވާ ކަމެކެވެ. ސައޫދީ އަރަބިއްޔާއާއި ޖޯޑަންގައި ވެސް މިދިޔަ ހަފްތާގައި އިސްތިސްގާ ނަމާދުކޮށްފައި ވެއެވެ.
މި ޖަމާޢަތުގައި ފިރިހެނުންނާއި އަންހެނުން، ބައިވެރި ވެފައި ވެއެވެ. ޞަލާތުލް އިސްތިސްޤާއަކީ، ފެނަށް ޖެހުމުން ކުރުމަށް ސަލާމާއި ސަލަވާތް ލެއްވި ރަސޫލާ އިރުޝާދު ދެއްވާފައިވާ ސުންނަތް ނަމާދެކެވެ. މި ނަމާދުގައި ދެ ރަކުޢަތް ނަމާދު ކުރުމަށްފަހު، ތައުބާވުމަށާއި އަދި ހެޔޮ އަމަލު ކުރުމަށް ބާރުއަޅާ ޚުޠުބާއެއް ދީފައި ވެއެވެ،







