"އަ ސަމަރ އޮފް ޑިވިޝަން" ގެ ނަމުގައި ނެރެފައިވާ މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި ހަމަލާތަކުގައި އަނިޔާވެރިކަން ނުވަތަ ބޮޑެތި ގެއްލުންތައް ދިނުން ހިމެނެއެވެ. މީގެ ތެރޭގައި އިރުއުތުރު ސަސެކްސްގައި މިސްކިތްތަކުގައި ރޯކުރުމާއި، މާސީސައިޑްގައި ބަޑިޖެހުމާއި، ގްރޭޓަރ މެންޗެސްޓަރާއި ގްލާސްގޯގައި މަގުމަތިން ގާއުކުމާއި ދަގަނޑުބުރިން މިސްކިތްތަކުގެ ތަކެއްޗަށް ގެއްލުންދިނުން ހިމެނެއެވެ. ހަމައެހެންމެ، ތިން މިސްކިތަކަށް ތަކުރާރުކޮށް ހަމަލާ ދީފައިވެއެވެ.
ބީއެމްޓީން ބުނިގޮތުގައި، މި ހާދިސާތަކުގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ ހާދިސާތަކުގައި ބްރިޓިޝް ނުވަތަ އިނގިރޭސި ދިދަތަކާއި، ކްރޮސްތަކާއި، "ކްރައިސްޓް އިޒް ކިންގް" އަދި "ޖީސަސް އިޒް ކިންގް" ފަދަ ޝިއާރުތައް ބޭނުންކޮށްފައިވެއެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި މި ޓްރެންޑަކީ ހަރުކަށި ކަނާތުފިޔައިގެ ގްރޫޕްތަކުން ނަޞާރާގެ ރަމްޒުތަކާއި ގައުމީ ނިޝާން ބޭނުންކޮށްގެން ބައިބައިވުން އާލާކުރުމަށް ކުރާ މަސައްކަތްތައް ރަމްޒުކޮށްދޭ ކަމެކެވެ.
މިފަދަ ހާދިސާތައް ހިނގާ މިންވަރު ފެށުނީ ޖުލައި މަހު އެންމެ ހާދިސާއަކުން ނަމަވެސް، ސެޕްޓެމްބަރާއި އޮކްޓޯބަރު މަހު ނުވަ ހާދިސާއަށް އިތުރުވެފައިވެއެވެ. ބީއެމްޓީން ބުނީ މި ހަމަލަތައް އައިސްފައިވަނީ ގައުމީ ލޯބި ދައްކާ ރެލީތައް އާންމުކޮށް ބޭއްވި ދުވަސްވަރާ ދިމާކޮށް ކަމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހިންގުމަށް ހިތްވަރު ލިބިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބީއެމްޓީން ވަނީ މިސްކިތްތަކަށް އަވަހަށް އެހީ ވުމުގެ ނިޒާމެއް ގާއިމުކުރުމަށާއި، ސެކިއުރިޓީ ފަންޑު ހޯދުމަށް ފަސޭހަކޮށްދިނުމަށާއި، މިސްކިތްތަކަކީ އިނގިރޭސި މުޖުތަމަޢުތަކުގެ "ސިވިކް އެންކަރ" އެއްގެ ގޮތުގައި އަލިއަޅުވާލާ ތަޢުލީމީ ޕްރޮގްރާމްތައް ކުރިއެރުވުމަށް ސަރުކާރަށް ގޮވާލާފައެވެ.







