ޔޫރަޕްގެ ދޮން މީހުން، އިންސާނީ ސަފާރީ ދަތުރުތަކުގައި ބޮސްނިއާގައި މުސްލިމުން ޝިކާރަ ކުރިކަން ސާބިތުވޭ

ސާބު ދަރިކޮޅުގެ މީހުން ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމައިގައި "އިންސާނުން ޝިކާރަ ކުރުމަށް ސަރައޭވޯއަށް ސަފާރީ ދަތުރުތައް" ބޭއްވި މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ބޮސްނިއާ ހަރްޒޮގްވީނާގެ ވެރިރަށް ސަރައޭވޯ އޮތީ ހިސާރަ ކޮށްފައެވެ. ހުޅަނގުގެ މުއްސަނދިން ފަތުރުވެރިންނަށް ސަރައޭވޯއަށް ސަފާރީ ދަތުރުތައް ހަމަޖައްސައި ދިނެވެ. ފައިސާގެ ބަދަލުގައި މިމީހުންނަށް ސަރައޭވޯގެ މުސްލިމުންނަށް ބަޑިޖަހައި އެމީހުން ޝިކާރަ ކުރުމަށް ސަފާރީ ދަތުރުތައް ބޮސްނިއާގެ ސާރބު ހަނގުރާމަވެރިން ބާއްވައި ދިނެވެ.

ޔޫގޮސްލާވިއާ ރޫޅުމަށްފަހު ޖުމްހޫރިއްޔާތައް ބައިބައިވެގެން ދިއުމާއެކު ބޮސްނިޔާ ހަރްޒޮގްވީނާވެސް ވަކިވިއެވެ. މުސްލިމުން ގިނަ މި ޖުމްހޫރިއްޔާގައި ސާބު ދަރިކޮޅުގެ ނަސާރާއިންވެސް ހިމެނެއެވެ.

ބޮސްނިއާ ހަރްޒޮގްވީނާގެ ހަނގުރާމައިގައި، 1992 އާއި 1996 އާ ދެމެދު ބޮސްނިއާގެ ސާބް ހަނގުރާމަވެރިން 44 މަސް ދުވަސް ވަންދެން ސަރައޭވޯ ހިސާރުކޮށްގެން ތިއްބެވެ.

މިހާރު ޣައްޒާގެ ޖެނޮސައިޑް ހިންގަމުން ދިޔައިރު ކުޅި ބަލަން ތިބި ގޮތަށް، އދގެ ސަލާމަތީ މަޖިލީހުގެ ވީޓޯގެ ބާރު ނަގާފައިވާ ގައުމުތަކުން ތިބީ ކުޅި ބަލާށެވެ. އަދި އެހެން ގައުމުތަކުން ދިޔައީ ޚަބަރުތައް ގެނަސްދީ، ކުށްވެރި ކުރުމަށް ބަޔާންތައް ނެރެމުންނެވެ.

މި ހިސާރަ ކުރުމުގެ ތެރޭގައ، 1،600 ކުޑަކުދިން ޝަހީދުކޮށްލިއެވެ. އަދި އެމީހުންނާއެކު 11،500 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްފައި ވެއެވެ.

އެއިރު ސަރައޭވޯއިން ޓީވީ ޚަބަރު ގެނަސްދިން އެންމެ މަޝްހޫރު ރިޕޯޓަރަކީ ސީއެންއެންގެ ކްރިސްޓީނާ އަމަންޕޫރެވެ. ޓީވީ ބަލަން ތިއްބައި ސާބުންގެ އަމާޒަށް ބަޑި ޖަހާ ސްނައިޕަރުން މީހުންގެ ގަޔަށް ބަޑި ޖަހައި މަރާލައެވެ.

މިހާދިސާ ހިނގި މަގަކީ ސަރައޭވޯގައި "ސްނައިޕަރ އެލީ" ގެ ނަމުން ނަން ދީފައިވާ މަގެވެ. ސާރބުން ތިބެނީ އުސް ސަރަހައްދުގައެވެ. އަދި އެތާ ތިބެގެން ތިރިން ދާ މީހުންގެ ގަޔަށް ބަޑި ޖަހަމުން ދެއެވެ.

ސާބުންނާއެކު ކުޅި ވަރެއްގެ ގޮތުގައި މުނިފޫހި ފިލުވުމަށް، މުސްލިމުން ޝިކާރަ ކުރުމަށް "ސަފާރީ ދަތުރުތައް" ފަތުރުވެރިންނަށް އިންތިޒާމު ކޮށްދެވުނެވެ.

ސަރައޭވޯއަށް އިންސާނުން ޝިކާރަ ކުރުމަށް ސަފާރީގައި ދިޔައީ: އިޓަލީ، ކެނެޑާ، ރަޝިޔާ އަދި އެމެރިކާގެ ފަތުރުވެރިންނެވެ. އެމީހުން ދިޔައީ މަޖަލަކަށް އަމާޒަށް ބަޑިޖަހައި އިންސާނުން ޝިކާރަ ކޮށްލައި ފޫހި ފިލުވާލާށެވެ.

މިމީހުންގެ ބަޑި ޖެހުމުގެ ދަތުރަކަށް ބޮލަކަށް 1 ލައްކަ ޑޮލަރު ނެގިއެވެ. އަދި ބަޑި ޖަހައި ޝިކާރަ ކުރަން ބޭނުން ވަނީ ކުޑަ ކުއްޖެއްނަމަ، އެފަދަ ބޮލަކަށް އިތުރު ފީއެއް ނަގައެވެ.

 

މިވަގުތު މި މައްސަލަ އަލުން ފެންމަތިވީ ސްލޮވީނިއާގެ ޑައިރެކްޓަރު މިރާން ޒުޕަނިޗްގެ 2022 ވަނަ އަހަރުގެ ފިލްމު ކަމަށްވާ ސަރަޔޭވޯ ސަފާރީ އާ ގުޅިގެންނެވެ.

މި ފިލްމުގައި، ހުދު މީހުން މި ޖަރީމާތަކުގައި ބައިވެރިވެފައިވާ ކަމަށް ބުނެ އެކަމުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހެކިބަސް ޑޮކިއުމެންޓްރީގައި އޭނާ ވަނީ ހިމަނާފައެވެ.

މި ފިލްމާ ގުޅިގެން ސަރަޔޭވޯގެ މޭޔަރު ވަނީ ކޮން ބައެއްކަން ނޭނގޭ ފަރާތްތަކެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށް މަސައްކަތް ފަށާފައެވެ.

އިޓަލީގެ ނޫސްވެރިޔާ އެޒިއޯ ގަވަޒެނީ އިޓަލީގެ ޕްރޮސެކިއުޓަރުންނަށް ގޮވާލާފައި ވަނީ މިމީސްމީހުން ހޯދައި ވަކިވަކިން މިމީހުންގެ މައްޗަށް ގަސްތުގައި މީހުން މަރާލުމުގެ ދަޢުވާ އުފުލުމަށެވެ.

އޭނާ ތުހުމަތު ކުރާ ގޮތުގައި، ފައިސާވެރި ވިޔަފާރިވެރިންނާއި ހަތިޔާރަށް ޝައުޤުވެރިވާ ބަޔަކު ވަނީ ޓްރައިސްޓޭ އިން ބެލްގްރޭޑަށް، އަދި އެއަށްފަހު ބޮސްނިޔާ ސާބުންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދަށް ހުދު މީހުންގެ މި "އިންސާނުން ޝިކާރަ ކުރާ ސަފާރީ ދަތުރުތައް" އިންތިޒާމުކޮށް ދީފައެވެ.

އެމެރިކާގެ ކޮންގްރެސް މެމްބަރު އެނާ ޕައުލީނާ ލޫނާ ވެސް ވަނީ މި މައްސަލައިގައި އެމެރިކާގެ ބައިވެރިވުމެއް އޮތްތޯ ބެލުމަށް ތަހުގީގެއް ފަށާނެކަން އިއުލާނުކޮށްފައެވެ.

އެމެރިކާގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޖޯން ޖޯޑަން ވަނީ ބޮސްނިއާގެ ހަނގުރާމައިގެ ޝަރީއަތުގައި "އިންސާނުން ޝިކާރަ ކުރާ ސަފާރީ"އަށް މީހުން ހަރަކާތްތެރިވެ އުޅުނު މަންޒަރު އޭނާ ލޮލުން ދުށް ކަމަށް ބުނެ ހެކިބަސް ދީފައެވެ. އޭނާ އެމީހުން ސިފަ ކުރީ "ޓޫރިސްޓް ޝޫޓަރުން"ގެ ގޮތުގައެވެ.

ސެރެބްރެނިޓްޒާގައި ނަސާރާއިން ހިންގި މުސްލިމުންގެ ގަތުލުއާންމަށް 30 އަހަރު

ސްލޮވޭނިއާގެ ޖާސޫސީ އޮފިސަރަކު ވެސް ވަނީ "އިންސާނުން ޝިކާރަ ކުރާ ސަފާރީ"އެއްގައި ގޮސް މަންޒަރު ބެލުމަށް އޭނާއަށް ދައުވަތު ލިބުނު ކަމަށްވެސް ކިޔައި ދީފައެވެ.

ބޮސްނިއާގެ ޖާސޫސީ އޮފިސަރު އެޑިން ސުބާސިޗް ވަނީ 1994 ވަނަ އަހަރު އިޓަލީގެ އަސްކަރީ ޖާސޫސީ އިދާރާއަށް މި ހާދިސާ ރިޕޯޓްކުރި ކަމަށާއި އަދި އެކަން ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށް ބުނެފައެވެ.

މި ވާހަކަތައް އަލުން ތިލަވުމާ ގުޅިގެން އިޓަލީގެ ޕްރޮސެކިއުޓަރުން ވަނީ މި މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.

މިވާހަކަ އަލުން ތިލަވެ ހުޅަނގުގެ ހުދު މީހާގެ ޟަމީރު ހޭލައިފައި ވަނީ، ހުޅަނގުގެ ގައުމުތަކުން ހަތިޔާރާއި ހިތްވަރު ދީގެން ޣައްޒާގައި ޔަހޫދީން ލައްވައި ޖެނޮސައިޑެއް ހިންގުމުން ދުނިޔޭގެ އާންމުން އެކަމާ ދެކޮޅަށް ނިކުތުމުންނެވެ.

ހަނގުރާމައާއި ފަސާދަ ކުރުމުގައި ޔޫރަޕްގެ ހުދު މީހާ އަބަދުވެސް ތާރީޚުގެ އަނދިރި ފަރާތުގައި ހުންނަ ކަމަކީ ތާރީޚި ހެކިތަކުން ސާބިތުވާ ކަމެކެވެ. ދެ ހަނގުރާމައާއި އަދި އެއަށްފަހު ބޯލްކަންގެ ހަނގުރާމައާއި އަދި އޭގެ ފަހުން ރުވަންޑާގެ ޖެނޮސައިޑް ހިންގި އިރުވެސް މިވެރިން ތިބީ މަންޒަރު ބަލާށެވެ. މިވެރިން ޓެރަރިޒަމްގެ ނަމުގައި މުސްލިމުންނާ ދެކޮޅަށް މިފަހުން ހިންގާފައިޥާ ޓެރަރިސްޓް ޖަރީމާތަކާއި ހައްގުތައް ނިގުޅައިގަނެފައިޥާ ވާހަކައަކީ މުޅިން އެހެން ބާބެކެވެ!

ހިއްސާ ކުރައްވާ!