ޑެންމާކުން ގްރީންލެންޑްގައި ހިންގާފައިބާ ޖެނޮސައިޑަށް އެގައުމުން ވަނީ މައާފަށް އެދިފައެވެ. ޑެންމާކުގެ އިސްތިއުމާރީ ތާރީޚުގެ އެންމެ ބޮޑު އެއް ޖަރީމާގައި އެގައުމުން ވަނީ ގްރީންލެންޑްގެ އަސްލު ރަށްވެހިންނަށް ދަރިން ނުލިބެ ގޮތަށް ހަދައި އެމީހުންގެ ނަސްލު ސާފު ކުރުމަށް މަސައްކަތް ކޮށްފައެވެ.
މި ޖަރީމާ ޑެންމާކުން ހިންގާފައި ވަނީ، 1960ގެ އަހަރުތަކުން ފެށިގެން 1990ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށެވެ.
މި މުއްދަތުގައި އެތައް ހާސް އަސްލު ރަށްވެހިންގެ އިނުއިޓް އަންހެނުންނާއި އުމުރުން 12 އަހަރަށް އަރާ އަންހެންކުދިން ދަރިމައި ނުވާ ގޮތަށް ރަހިމަށް އައި.ޔޫ.ޑީ (އިންޓްރަޔޫޓެރިން ޑިވައިސް) ލައްވައިގެން ގެންގުޅުނެވެ. ދޮން މީހުން ހިންގާފައިވާ މި ޖަރީމާގެ ސަބަބުން އަސްލު ވަޒަންވެރިންގެ އެތައް ބަޔަކަށް ދާއިމީ ވޭނާއި، އިންފެކްޝަންތަކާއި، އަދި ދާއިމީކޮށް ދަރިމައިނުވުންފަދަ ނުރައްކާތެރި ގެއްލުންތައް ލިބިފައިވެއެވެ.
މިމައްސަލައަކަށް ނަން ދީފައި ވަނީ "ސްޕައިރަލް ކޭސް"ގެ ނަމުންނެވެ. އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ބައިނަލްއަގްވާމީ ގާނޫނުގައި ބުނާ ޖެނޮސައިޑްގެ ޖަރީމާއަށް ހެޔޮވަރަށް ފެތޭ ކުށެކެވެ.
އ.ދ. ގެ ޖެނޮސައިޑް ކޮންވެންޝަންގައި ބުނެފައި ވަނީ ވަކި ގޮތަކަށް ބަޔެއްގެ ދަރިމައިވުން ހުއްޓުވުމަކީ ޖެނޮސައިޑްގެ އަމަލެއް ކަމަށެވެ. ޖަރީމާތައް ހިންގުމަށްފަހު އާދަވެގެން ޔޫރަޕުން އަމަލު ކުރާ ބީދައިން، ޑެންމާކުން ވަނީ 2025 ވަނަ އަހަރު މިކަމަށް މާފަށް އެދިފައެވެ. ނަމަވެސް ޑެންމާކްގެ ޖެނޮސައިޑްގެ ޝިކާރައަކަށްވި މީހުންނަށް ބަދަލުދިނުމާ ބެހޭ ގޮތުން އަދިވެސް ހައްލެއް ލިބިފައެއް ނުވެއެވެ.
މި ޖަރީމާއަކީ މިވެރިން ހިންގާފައިވާ އެކަހެރި ހާދިސާއެއް ނޫނެވެ. 1951 ވަނަ އަހަރު ޑެންމާކުން ވަނީ އަސްލު ރަށްވެހިން ކަމަށްވާ އިންއުއިޓް ދަރިކޮޅުގެ 22 ކުދިން އެމީހުންގެ އާއިލާތަކުން ވަކިކޮށް އިޖުތިމާޢީ ތަޖުރިބާއެއްގެ ގޮތުގައި ވަގަށް ނަގައިގެން ގެންގުޅެފައެވެ. މިކަމުގެ ސަބަބުން އެ ކުދިން އެމީހުންގެ ސަގާފަތުން އެކަހެރިކޮށް، ދިގު މުއްދަތެއް ފަހުން މިކަމަށްވެސް މާފަށް އެދިފައި ވެއެވެ.
މިފަދަ ގޯނާތަކުން ދައްކުވައި ދެނީ ޔޫރަޕްގެ ކޮންމެ ގައުމެއްގެ އަތްވެސް އިންސާނީ ހައްގަށް އަރައި ގަތުމުން ލެއިން ތަތްތެޅިފައިވާ ތަނެވެ. އޭގެ ތެރޭގައި 1848 ވަނަ އަހަރާ ހަމައަށް ޑެންމާކުން ގާނާ އަދި ކެރިބިއަންގައި އިންސާނުން އަޅުދާސްކޮށްގެން އެމީހުންގެ ވިޔަފާރި ހިންގުމުގައި އުޅުނު ގޮތްވެސް ހިމެނެއެވެ.







