ހަސީނާގެ ހުކުމް ތަންފިޒު ކުރަން ފުރުސަތެއް ނުލިބޭނެ: ސަޖީބް ވާޖިދު

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިފުޅު، ސަޖީބް ވާޖިދު ވަނީ އޭނާގެ މަންމަގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ "ގާނޫނާ ޚިލާފު" ހުކުމެއް ކަމަށް ވިދާޅުވެފައެވެ. ބަނގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއިން އިން ވަނީ ކުރީގެ ބޮޑު ވަޒީރު ޝެއިޚު ހަސީނާއަށް މަރުގެ ހުކުމު އިއްވާފައެވެ.

ޢުމުރުފުޅުން 78 އަހަރުގެ ހަސީނާއަށް އިއްވާފައިވާ މި ޙުކުމަކީ މިދިޔަ އަހަރު ދަރިވަރުން ކުރި މުޒާހަރާތަކާ ގުޅިގެން މީހުން މެރުމާއި އަނިޔާ ކުރުމުގައި ހަސީނާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން "އިންސާނިއްޔަތާ ޚިލާފު ކުށް" ހިންގާފައިވާތީ ކޮށްފައިވާ ހުކުމެކެވެ. އިންޑިއާގައި ދިރިއުޅުއްވާ ހަސީނާއަށް މި ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ޙާޒިރުގައެވެ.

އިންޑިއާގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ސަޖީބް ވާޖިދު ވިދާޅުވީ، "ޔޫނުސްއަކަށް އަޅުގަނޑުގެ މަންމަގައިގާ އަތްލާކަށެއް ނުކެރޭނެ،" އަދި އޭނާއަކަށް އެކަންކުރާކަށް ނުކެރޭނެ ކަމަށެވެ. އަދި އެމީހުންނަކަށް އޭނާ މަރާކަށް ފުރުސަތެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބަނގްލަދޭޝްގައި ޤާނޫނުގެ ވެރިކަމެއް އައުމާއެކު، މިކަން މުޅިން ބަދަލު ކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވާޒިދު ވަނީ ހަސީނާގެ ފުރާނަ ސަލާމަތްކޮށްދިން ކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.

އޭނާ ވިދާޅުވިގޮތުގއި ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ މުޙައްމަދު ޔޫނުސްއަކީ ހަސީނާއާ ދެކޮޅަށް މި މައްސަލަ އުފައްދައި ރާވައިގެން ކުރިއަށްގެންދިޔަ ފަރާތެވެ. ނަމަވެސް، ޤާނޫނުއަސާސީގެ ބާރު އަލުން ޤާއިމުވުމުން މި ހުކުމް ބާތިލުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!