ސައުދީ އަރަބިއްޔާއަށް އެމެރިކާގެ އެފް 35 މަރުކާގެ ފައިޓާ ޖެޓް ވިއްކުމަށް ހުއްދަ ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވުމުން، މި ފިޔަވަޅަކީ ގަލްފުގެ ސަލާމަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ސައޫދީ މީޑިއާއިން އިހުތިފާލް ކުރިއެވެ. ނަމަވެސް އެކަމުގައި އެކުލެވިގެންވަނީ މާ އުދަނގޫ ހަގީގަތެކެވެ. މި ޑީލަކީ ވޮޝިންޓަން އިން މެދުއިރުމަތީގެ ސިޔާސަތު ހަމަހަމަ ކުރާކަން ދެއްކުމަށް ބޭނުން ކުރާނެ އުކުޅެކެވެ. އަދި ސައޫދީ ލަޝްކަރު ޒަމާނީކުރުމުގެ މަސައްކަތުން އެމެރިކާއަށް ވިޔަފާރި ލިބިގަތުމުގެ ޑީލެކެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ސައުދީ އަރަބިއްޔާއަށް އަސްކަރީ ބޯޓުތައް ވިއްކުމަކީ އެމެރިކާއިން ދައްކާ ދަޅައެކެވެ. ނޫނީ ރަމްޒީ މަސައްކަތެކެވެ. މި ޖެޓްތައް ސައޫދީއަށް ލިބުމުގެ ސަބަބުން، ނަމުން ސައުދީ އަރަބިއްޔާ ވެގެންދާނީ މެދުއިރުމަތީގައި އިޒްރޭލާއެކު ކުރިއަރާފައިވާ 5 ވަނަ ޖީލުގެ ޖެޓްތައް ގެންގުޅޭ ގައުމަކަށެވެ. އެއީ، 5 ވަނަ ޖީލުގެ ބޯޓުތައް ގެންގުޅެނީ މަދު ގައުމެއްގައެވެ. ކަމުން ސައޫދީ ވެގެންދާނީ އިތުރަށް އެމެރިކާއަށް ބަރޯސާވާ ގައުމަކަށެވެ.
ސައޫދީ އަރަބިއްޔާއަށް ލިބޭ މަތިންދާ ބޯޓުތަކަކީ އިޒްރޭލުން އުދުއްސާ މަތިންދާބޯޓުތަކާ ޓެކްނޮލޮޖީގެ ގޮތުން އެއްގޮތް ބޯޓުތަކެއް ނޫނެވެ. އެމެރިކާގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިސްރާއީލަށް ވުރެން އަސްކަރީ ގޮތުން އެއްވެސް ގައުމެއް ކުރިއަރިގެން ދިއުމަށް އެހީވެދިނުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ.
އިޒްރޭލުގެ މަތިންދާ ބޯޓުތަކަކީ އިޒްރޭލުން ބޭނުން ގޮތަކަށް ބަދަލު ގެނަސް އިތުރަށް ފެންވަރު މަތިކޮށް ޔަހޫދީންނަށް އިޚުތިޔާރު ލިބިގެންވާ ބޯޓުތަކެކެވެ. މިއާ ޚިލާފަށް ސައުދީ މަތިންދާބޯޓުތަކުގައި އަމިއްލަ އުފެއްދުމުގެ އެއްވެސް އާލާތެއް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އޭގައި ބޭނުން ކުރަން ޖެހޭނީ އެމެރިކާގެ ސާމާނުތަކެވެ. އަދި ސައޫދީއަށް މި ޖެޓްތައް ވިއްކާއިރު، އެފް35 ގެ ބޯޓުތައް ކުރިއަރާފައިވާ ބޯޓުތަކުގެ ގޮތުގައި ޚާއްސަވާ އެންމެ މުހިންމު ޓެކްނޮލޮޖީ ކަމަށްވާ "އޭއައިއެމް 260 ޖޮއިންޓް އެޑްވާންސްޑް ޓެކްޓިކަލް މިސައިލް ނިޒާމު" ފަދަ ނާޒުކު ނިޒާމުތައް އޭގައި ނުހިމެނޭނެއެވެ.
އަނެއްކޮޅުން ސައޫދީއަށް މި ބޯޓުތައް ލިބޭނީ އެތައް އަހަރެއް ފަހުންނެވެ. އެ ބޯޓުތައް އުފައްދަން އަހަރުތަކެއް ހޭދަވާނެއެވެ. އެއަށްފަހު އަދި މީހުން ތަމްރީނު ކުރުމަށް ވެސް އެތައް އަހަރެއް ހޭދަ ވާނެއެވެ. މާނައަކީ ސައުދީއަށް މި 5 ވަނަ ޖީލުގެ ޓެކްނޮލޮޖީ ލިބޭއިރު އެމެރިކާއާއި އިޒްރޭލުން ތިބޭނީ އެއަށް ވުރެން ކުރިއަރާފައިޥާ ޓެކްނޮލޮޖީއަކަށް ހިޖުރަކޮށްފައެވެ.
މިފަދަ ވިޔަފާރި ޑީލްތަކުގައި މުސްލިމު ގައުމުތަކަށް ފައިދާވާ ގޮތް ހެދުމަކީ އެމެރިކާގެ ސިޔާސަތެއް ނޫނެވެ. އެމެރިކާއިން މާޒީގައި އަމަލުކޮށްފައިޥާ ގޮތްގޮތުން އެކަން ސާބިތު ވެއެވެ. ޕާކިސްތާނުގެ މިސާލަށް ބަލާލާށެވެ! ޕާކިސްތާނުން 1989 ވަނަ އަހަރު އެފް16 މަރުކާގެ 28 މަތިންދާބޯޓަށް ފައިސާ ދެއްކިއެވެ. އެބޯޓުތައް ނުދޭން ލަސްކުރަމުން ގޮސް، އެމރިކާއިން ފާސްކުރި ޕްރެސްލާ ގާނޫނުގެ ދަށުން އެބޯޓުތައް ޑެލިވަރީ ނުކޮށް 8 އަހަރު ވަންދެން ހިފެހެއްޓިއެވެ.
އެހެންވެ، ސައޫދީން މިހާރު ސޮއިކުރި ނަމަވެސް އެފް 35 ގެ ބޯޓުތައް އެގައުމަށް ލިބޭނީ 2030 ގެ އަހަރުތަކުގެ މެދުތެރޭ ހިސާބުގައެވެ. އަދި ޕައިލެޓުން ތަމްރީނު ކުރަން 3 ހަތަރު އަހަރު ނަގާނެއެވެ.
އިޒްރޭލުން މިހާރުވެސް އެފް 35 ބޭނުން ކުރާތާ 10 އަހަރު ވެފައި ވެއެވެ. އެހެންވެ އެގައުމަށް ވަނީ މިކަމުގައި މުހިންމު ތަޖުރިބާތަކެއް ލިބިފައެވެ. ނަމަވެސް ސައޫދީ ޕައިލެޓުން ފަށަން ޖެހޭނީ ސުމަކުންނެވެ.
ސައޫދީއަށް އެފް 35 ވިއްކުމަކީ އެމެރިކާއަށް ބަރޯސާ ވުން އިތުރު ކުރުމަށް ކުރާ މަސައްކަތެކެވެ. މީގެ ކުރީގެ ޖީލުތަކުގެ ބޯޓުތަކާ ޚިލާފަށް އެފް 35 މަތިންދާބޯޓުތައް އޮޕަރޭޓް ކޮށް ދުއްވުމުގައި ބަރޯސާވެފައިވަނީ އެލިސް (އޮޓޮނޮމިކް ލޮޖިސްޓިކްސް އިންފޮމޭޝަން ސިސްޓަމް) ގެ ނަމުން މަޝްހޫރު މަރުކަޒީ ސޮފްޓްވެއާ އާއި ލޮޖިސްޓިކްސް ނިޒާމެއްގެ މައްޗަށެވެ.
މި ނިޒާމަކީ އެފް35 ބޯޓު އޭގެ އަސްކަރީ މިޝަންއަކަށް ދިއުމަށް ރާވާ ހިސާބުން ފެށިގެން ކަންކަން ހަމަޖައްސާ ސޮފްޓްވެއަރގެ ނިޒާމެވެ. މިއީ އެމެރިކާ ކޮންޓްރޯލް ކުރާ ސޮފްޓްވެއަރ ނިޒާމަކަށްވާތީ އެމެރިކާގެ މަސްލަހަތާ ޚިލާފަށް އެއްވެސް ގައުމަކަށް މި ބޯޓު ބޭނުން ކުރާކަށް ފުރުސަތެއް ނޯންނާނެ އެވެ. މި ނިޒާމަށް އާންމުކޮށް ކިޔަނީ "ކިލް ސުއިޗް" އެވެ.
މީގެ މާނައަކީ ސައޫދީއަށް އެފް 35 ގެ މަތިންދާބޯޓު ލިބި ދާނެއެވެ،. ނަމަވެސް އެ ބޯޓުގެ ތަޅުދަނޑީ އޮންނާނީ އެމެރިކާ އަތުގައެވެ. އެމެރިކާ ބޭނުން ނޫން ގޮތަކަށް އެއިން ބޯޓެއް ބޭނުމެއް ނުކުރެވޭނެއެވެ.
މާނައަކީ، މީހަކު ގަނޑުވަރެއް ހަދައި އެ ގަނޑުވަރުގެ ތަޅުދަނޑި އެހެން މީހެއްގެ ކޮންޓްރޯލުގައި ބޭއްވުމަށް ދިނުން ފަދަ ކަމެކެވެ.
އެމެރިކާގައި އުފައްދާފައިވާ 5 ވަނަ ޖީލުގެ އަސްކަރީ މަތިންދާބޯޓު ސައޫދީ އަރަބިއްޔާއަށް ލިބުމަކީ ޝަރަފެއް ކަން ޔަގީނެވެ. ނަމަވެސް އެމެރިކާއާއި ސައޫދީއާ ދެމެދު އަދި މިކަމަށް ސޮއިކޮށްފައިވަނީ އެއްބަސްވުމެއްގައެއް ނޫނެވެ. އެއީ ފަހުމުނާމާއެއް ފަދަ އެއްޗެކެވެ. މާނައަކީ ސައޫދީއަށް އެފް35 ގެ ބޯޓުތައް ގަންނަން އެމެރިކާ ގާތު އެދެވިދާނެއެވެ. އަދި އެމެރިކާއަށްވެސް އެފް35 ވިއްކުމަށް ވިސްނައި ފިކުރު ކުރެވިދާނެއެވެ.
މިކަން ހަގީގަތަކަށް ވުމުގެ ކުރިން އެމެރިކާއިން ސައޫދީއާއެކު އެއްހާސް ސުއާލުކޮށް އެއްލައްކަ ޔަގީންކަން ހޯދާނެކަން ކަށަވަރެވެ.
ސައޫދީ މިސައިލް ޕްރޮގްރާމަކީ އެމެރިކާ ހައްސާސް ވެފައިޥާ ސުއާލު އުފައްދާ އެއް މައްސަލައެވެ. ސައުދީ ރޮކެޓް އަދި ބެލެސްޓިކް މިސައިލް ޕްރޮގްރާމަކީ ޗައިނާއާއެކު ސައޫދީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެމެރިކާގެ އޮފިޝަލުން ބިރުގަންނަނީ ސައުދީ އަރަބިއްޔާއިން ބެއިޖިންއާއެކު ބެލިސްޓިކް އަދި ހައިޕަރސޮނިކް ސިސްޓަމްތައް ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން އެފް35 ލިބުމުން އޭގެ ޓެކްނޮލޮޖީ އެމީހުންގެ އަތްމައްޗަށް އަރާފާނެތީއެވެ.
މި ބޯޓުތައް ވިއްކުމުގެ ކުރިން އެމެރިކާގެ ކޮންގްރެސްއިން އިތުރު ޝަރުތުތަކެއް ކުރިމަތި ކުރާނެ ކަންވެސް ކަށަވަރެވެ.
އެމެރިކާގެ އެންމެ ކުރިއަރާފައިޥާ ފައިޓާ ޖެޓްތައް ސައޫދީއަށް ލިބުނުނަމަވެސް ސައުދީ އަރަބިއްޔާއަކީ މެދުއިރުމަތީގައި އަދި އެންމެ ބާރުގަދަ ގައުމު ކަމުގައެއް ނުވާނެއެވެ. އަދި ބާރަކަށްވެސް ނުވާނެއެވެ.
އީރާނުގެ ކުރިއަރާފައިވާ މިސައިލްގެ ހަތިޔާރާއި އަމިއްލަ އުފެއްދުމުގެ ގާބިލްކަމަކީ ގޮން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އަދި ޑްރޯން އުފެއްދުމާއި ދިފާއީ އާ އީޖާދުތަކުގައި ކުރިއަރާފައިވާ ތުރުކީވެސް ފަނޑުކޮށެއް ނުލެވޭނެއެވެ. ނަމަވެސް މި ދެ ގައުމާ ޚިލާފަށް އެފް 35 ޑީލްގެ ސަބަބުން ސަރަހައްދީ ބާރުގެ ހަމަހަމަކަމަށް ބަދަލެއް އައިސްފައި ނުވި ނަމަވެސް އެމެރިކާގެ ހިމާޔަތަށް ސައުދީން ބަރޯސާވުން އިތުރުވެގެން ދާނެއެވެ.
އަނެއް ކޮޅުން އެފް35 އަކީ އިޝްތިހާރު ކުރާ ގޮތާ ޚިލާފަށް އެންމެ ކުރިއަރާފައިވާ އަސްކަރީ މަތިންދާ ބޯޓެއްވެސް ނޫނެވެ.
އެފް 35ގެ ހަނގުރާމަ މަތީ ރެކޯޑަކީ އެހާ ފާހަގަ ކުރެވޭ ރެކޯޑެއް ނޫނެވެ. އެފް35ގެ މަތިންދާބޯޓަކުން މިއަދާ ހަމައަށް ހަމަހަމަ ބާރަކާއެކު ހަނގުރާމައެއްގައި ބައިވެރިވެފައެއް ނުވެއެވެ. މުޅިންވެސް އެފް35 އިން ބޮން އަޅާފައި ވަނީ ޣައްޒާއާއި ޔަމަނާއި އަފްޣާނިސްތާނާއި އިރާގް ފަދަ ބާރެއް ނެތް ނިކަމެތި ގައުމުތަކަށެވެ.
އެއާ ޚިލާފަށް ފްރާންސްގެ ޑަސޯލްޓް ކުންފުނިން އުފައްދާފައިޥާ ރަފައެލް އަސްކަރީ މަތިންދާބޯޓުތަކަކީ ވާދަވެރި ހަނގުރާމައެއްގައި ޓެސްޓް ކޮށްފައި އަޖުމަ ބަލާފައިޥާ ބޯޓުތަކެކެވެ. އިންޑިއާއިން ވަނީ މެއި 2025 ގައި ހިންގި އޮޕަރޭޝަން ސިންދޫރުގައި، ރަފައެލް އަމަލީ ގޮތުން ހަނގުރާމައެއްގައި ބައިވެރިކޮށް އެ ބޯޓުތައް ޓެސްޓް ކޮށްފައެވެ. އިންޑިއާއިން ރަފައެލް ބޭނުން ކުރީ ޗައިނާގެ ޒަމާނީ ޕީއެލް 15 މިސައިލްތަކާއި އެޗްކިއު 9 ގެ އެއާ ޑިފެންސް ސިސްޓަމްތަކާއި ޕާކިސްތާނުގެ ޖޭ 10ސީއީ ބޯޓުތަކާއި އަދި ޖޭއެފް 17 ފައިޓާ ޖެޓްތަކާ ދެކޮޅަށެވެ. މިއަމަލީ ހަނގުރާމައިން ދައްކުވައި ދިނީ އަސްކަރީ ކުރިމަތި ލުމެއްގައި ރަފައެލްގެ ކުޅަދާނަކަމެވެ.
ސައޫދީއަށް ވިއްކާ އެފް35 އަކީ އެމެރިކާއަށް ކާމިޔާބު ބޮޑު ވިޔަފާރި މުއާމަލާތެކެވެ. މިއިން ކޮންމެ ބޯޓެއްގެ އަގަކީ 80 މިލިއަނެއް ހައި ޑޮލަރެވެ. އާޚިރުގައި އެމެރިކާއިން ސައޫދީއަށް އެފް 35 ވިއްކުމުގެ އެއްބަސްވުމަކީ އަސްކަރީ ގޮތުން މެދުއިރުމައްޗަށް އަންނަ އިންގިލާބެއް ނޫނެވެ. އެއީ ގަނޑުވަރެއް ބިނާކޮށް އެ ގަނޑުވަރުގެ ތަޅުދަނޑިތައް ބިދޭސީ ފަރާތަކާއި ހަވާލުކުރުން ފަދަ ކަމެކެވެ.
Prestige Without Power: Saudi Arabia’s F‑35 Gamble and Washington’s Leverage







