ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 90 އިންސައްތަ މިހާރު ހުރީ ބޭރުގެ ފަރާތްތަކުގެ އަތްމަތީގައި ކަމަށް ފަތުރުވެރިކަމުގެ އަމިއްލަ ދިވެހި ބްރޭންޑެއް އުފެއްދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު، މިދިޔަ ހަފްތާގައި މަޖިލީހުގައި ވިދާޅުވިއެވެ.
ދިވެހިން އަމިއްލައަށް ބައްޓަން ކުރި، ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރު ދިވެހިންގެ އަތުން ބީވެގެން ދިއުމުގެ ނުރައްކަލަށް އަލިއަޅުއްވައިލައްވަމުން ސިޔާމް ވަނީ ސަރުކާރުން ދިވެހި ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައިފައެވެ.
ސިޔާމް ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަން ނުލިބިއްޖެނަމަ، ދިވެހިންނަށް މި ދީބުގެ ރަށްތަކުގެ ކޮންޓްރޯލް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. މުޅި ދުނިޔެއަށް ފަތުރުވެރިކަމުގެ ނަމޫނާ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަވެފައިވާއިރު، މިހާރު މި ސިނާއަތް ބޭރުގެ ފަރާތްތަކުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރު އޭނާ ފާހަގަކުރެއްވިއެވެ.
މަޖިލީހުގައި ސިޔާމް ދެއްކެވި ވާހަކައަކީ ގައުމުގެ މީހުން ވިސްނާލުމަށް ދެއްވި އިންޒާރެކެވެ. ދުނިޔޭގައި ރާއްޖޭގެ ގްލޯބަލް އިމޭޖް ކަނޑައަޅާ ރިސޯޓްތައް ބިނާކޮށް އިންވެސްޓްކޮށް ހިންގަމުން ދަނީ ބޭރުގެ ފަރާތްތަކުންނެވެ. މި ކުންފުނިތަކަށް ދިގު މުއްދަތަށް އިންވެސްޓް ކުރުމަށް ބޮޑެތި ލުއިތަކެއް ދެއެވެ.
ތައިލެންޑްގެ ބޮޑެތި ކުންފުނިތަކުން ބޮޑު ބައެއް އެމީހުންގެ ކޮންޓްރޯލުގެ ދަށުގައި ގެންގުޅެއެވެ. ސެންޓާރާ ހޮޓެލްސް އިން ހިންގާ ތަންތަން ހަތަރު ރިސޯޓަކަށް ފުޅާކުރުމަށް 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައި ވެއެވެ.
ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން މިހާރު ނުވަ ޕްރޮޕަޓީއެއް ހިންގަ އެވެ.
ތައިލެންޑްގެ އެހެން ބިޔަ ކުންފުންޏެއް ކަމަށްވާ ސިންގާ އެސްޓޭޓުން 300 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މަޝްރޫއެއް ތަރައްގީ ކުރުމަށް 9 ޖަޒީރާ ހިފާފައި ވެއެވެ.
ގަލްފުގެ އަރަބި ގައުމުތަކުގެތެރޭން ޔޫއޭއީއާއި ސައޫދީން ވެސް ރަށްތަކެއް ނަގާފައި ވެއެވެ. ދުބާއީ ހޯލްޑިންގެ ޖުމެއިރާ ގްރޫޕުން ލަގްޒަރީ ރިސޯޓްތަކެއް ހިންގަމުން ގެންދެއެވެ. އަދި ދުބާއީގެ އިންވެސްޓްމަންޓް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ކާޒްނަރ އިންޓަނޭޝަނަލް އިން ދަނީ ގާތްގަނޑަކަށް 500 ވިލާއާއި އަމިއްލަ ވޯޓާޕާކެއް ހިމެނޭ 1.37 މިލިއަން އަކަމީޓަރުގެ މެގަ ރިސޯޓެއް ކަމަށްވާ އެޓްލާންޓިސް ދަ ރޯޔަލް، މޯލްޑިވްސް 2029 ވަނަ އަހަރު ހުޅުވުމަށް ތައްއޔާރު ވަމުންނެވެ.
ސައޫދީ ދާރުލް އަރްކާންގެ ސަބްސިއަޑަރީއެއް ކަމަށްވާ ސައުދީ ޑިވެލޮޕަރު ދާރްގްލޯބަލް އިން ޓްރަމްޕް އޮގަނައިޒޭޝަންއާ ގުޅިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ 80 ވިލާގެ އެންމެ މަތީ ފެންވަރުގެ އަލްޓްރާ ލަގްޒަރީ ޕްރޮޕަޓީއެއް ކަމަށްވާ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް ބިނާ ކުރުމަށް ނިންމާފައި ވެއެވެ.
މި މަޝްރޫއުތަކަށް އެއްކޮށް ބަލާއިރު، ބޭރުގެ ފަރާތްތަކުން މި ސިނާއަތަށް ވެރިވެފައިވާ މިންވަރު ހާމަވެގެންދެއެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ 2028 ވަނަ އަހަރާ ހަމައަށް 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެސް، 5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާމަށެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ގަދަވުމާއި، ތިމާވެއްޓަށް ކުރާ އަސަރާއި، އަދި ދިވެހި ރައްޔިތުންނަށް ލިބޭ ފައިދާ މަދުވުމުގެ ކަންބޮޑުވުންތަކަކީ މިސިނާއަތާ ގުޅުން ހުރި ދިވެހިން އާންމުކޮށް ކުރާ ޝަކުވާއެކެވެ.
މިސިނާއަތަށް ބޭރު މީހުން ވަދެފައިވާއިރު ދިވެހިންނަށް ވަޒީފާގެ ފުރުސަތާއި އެތަންތަނުން ވިޔަފާރި ލިބުމުގެ ފުރުސަތުވެސް ވަނީ ހަނިވެފައެވެ. ކުދި ވިޔަފާރިވެރިން އިނދެ ޖައްސާލުމުގައި މައިގަނޑު ދައުރެއް އަދާކުރަނީ ރިސޯޓްތަކުންނެވެ. ބިލްތަކަށް 3 މަސްވާއިރުވެސް ފައިސާ ނުދެއްކުމަކީ އާންމު ކަމެކެވެ. މިފަރާތްތަކުގެ ނުފޫޒާއި ބާރުން މި މީހުންގެ ކަންކަން ރެގިއުލޭޓް ކުރާ ތިމާވެށްޓާ ބެހޭ މިނިސްޓްރީގައި ހުންނަ މޭޒުތަކަށްވެސް ކުރެވޭނެ މާބޮޑުކަންތައްތަކެއް ނުހުރެއެވެ.
ރާއްޖެއާއެކު އެކީގައި، މޮރިޝަސް، ބޮޓްސްވާނާ، އަދި ރުވާންޑާ ފަދަ ގައުމުތަކުގައިވެސް މަތީ ފަންތީގެ ފަތުރުވެރިކަމަށް ބަރޯސާވުމުގެ ސިޔާސަތުތަކެއް ވަނީ ހިންގާފައެވެ. މިނިނާއަތުން ބޭރު ފައިސާ ލިބިފައިވީނަމަވެސް، އެ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާކަން ދިރާސާތަކާއި ތަފާސްހިސާބުތަކުން ދައްކައެވެ.
ސިޔާމްގެ އިންޒާރުގެ ބަސްފުޅުތަކުން ދައްކައިދެނީ، ދުނިޔޭގެ އެންމެ މަގްބޫލު ބްރޭންޑްގެ ގޮތުގައި ފާހަގަކުރެވޭ ރާއްޖޭގެ ފަތުރުވެރިކަން، ދިވެހިންގެ އަތްމަތިން ބީވެގެން ދިއުމުގެ ނުރައްކަލެވެ.
ދިވެހިން މި ދާއިރާގައި ބައިގަރުނު ވީއިރު އިގްތިސާދަށް ވެއްދި މަޑު ޑޮލަރުކޮޅުގެ އިތުރުން ސަރުކާރުން މިދާއިރާގެ ތަރައްގީއަށް ކޮށްދީފައިވާ މަސައްކަތާއި، މިދާއިރާއިން ޖުމުލަކޮށް ގައުމަށް ކޮށްދީފައިވާ މަސައްކަތަކީ ދިރާކޮށް ބަލައިލުން ހައްގު ކަމެކެވެ.
Paradise at a Price: The Maldives and the Politics of Luxury Tourism





