އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރާއެކު ޕާކސިްތާންގެ ގުޅުން ގޯސްވުމާއެކު ޕާކިސްތާނުން މިހާރު ދަނީ ކާބުލްގައި ވެރިކަން ބަދަލުކުރާނެ ގޮތްތައް ހޯދަމުން ކަމަށް އަފްޣާނސިްތާނުން ބުނެއެވެ. މިގޮތުން، އަފްޣާނިސްތާނުގެ އިދިކޮޅު ފަރާތްތަކާ އަލުން އިސްލާމްއާބާދުން ގުޅުން ބަދަހިކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގައި ނެރޭ މަޝްހޫރު ނިއު ލައިންސް މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޠާލިބާން ސަރުކާރާއެކު ގުޅުން ގޯސް ވަމުންދާތީ، ޕާކިސްތާނުން ދަނީ އަފްޣާނިސްތާނާ މެދު ގެންގުޅޭނެ ދިގު މުއްދަތުގެ ސިޔާސަތާމެދު ވިސްނައި އަލުން އެ ސިޔާސަތު މުރާޖާ ކުރަމުންނެވެ. އަފްޣާނިސްތާން މީހުން ޕާކިސްތާނުން ބޭރުކޮށް އެމީހުންނާ މެދު މުއާމަލާތު ކުރެވުނު ގޮތުން ޕާކިސްތާނަށް މިހާރު ކަންބޮޑުވުންތަކެއް ކުރިމަތިވެފައި ވާކަމަށް އެ ރިޕޯޓުގައި ވެއެވެ.
ޕާކިސްތާނުުން ތާލިބާންގެ އިދިކޮޅު ފަރާތްތަކާ ކުރިން ދައްކަމުން ގެންދިޔަ ވާހަކަތައް އޮތީ ހުއްޓާލާފައެވެ. ނަމަވެސް މިހާރު އެ ޗެނަލްތައް އަލުން ޕާކިސްތާނުން ހަރަކާތްތެރި ކޮށްފައިޥާ ކަމަށް ނއިުސް ލައިންއަށް މައުލުމާތުދިން ފަރާތްތަކުން ބުނެއެވެ.
އިސްލާމްއާބާދުގައި ކަންބޮޑުވުންތައް އިތުރުވެފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޠާލިބާނާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިވުން ހިމެނެއެވެ. އަދި ޕާކިސްތާނުގެ ސަލާމަތަށް އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޕާކިސްތާނުން ދެކެމުންދާ ތަޙުރީކޭ ތާލިބާނޭ ޕާކިސްތާން ޖަމާއަތުގެ މައްސަލަވެސް ހިމެނެއެވެ.
ޕާކިސްތާނުގެ އިންޓެލިޖެންސް އިދާރާތަކުން ގަބޫލުކުރާ ގޮތުގައި ޠާލިބާންގެ ލީޑަރުންނަކީ ބޯޑަރު ހުރަސްކޮށް ތަހުރީކޭ ތާލިބާންގެ ވިއުގަތައް ޕާކިސްތާނާ ދެކޮޅަށް ހަރަކާތްތެރި ކުރުވާ ފަރާތްތަކެވެ.
ޕާކިސްތާނަކީ، އަފްޣާނިސްތާނުގެ ސިޔާސަތަށް ދިގު މުއްދަތެއްގައި ނުފޫޒު ފޯރުވާފައިވާ ގައުމެކެވެ. 1980ގެ އަހަރުތަކުގައި މުޖާހިދީންގެ ފަރާތްތަކަށް އެހީތެރިވުމުން ފެށިގެން، 1990ގެ އަހަރުތަކުން ފެށިގެން ޠާލިބާނާއެކު ގޮންޖެހުންތަކެއް ހުރި ގުޅުންތައް ބޭއްވުމުގެ ތާރީޚެއް ޕާކިސްތާނުން ކަޑައްތު ކޮށްފައި ވެއެވެ.
ދެ ގައުމުގެ ބަދަލުވަމުންދާ ގުޅުމުގެ ފަސްމަންޒަރުގައި މުހައްލިލުން އިންޒާރުދޭ ގޮތުގައި، ޕާކިސްތާނުން ހަރުކަށި ސިޔާސަތެއް ގެންގުޅެފިނަމަ، އަފްޣާނިސްތާން އިތުރަށް ހަމަނުޖެހުމާ ކުރިމަތިލާން ޖެހޭނެއެވެ. އަދި އައު ރެފިއުޖީންގެ އޮއިވަރެއް ޕާކިސްތާނާ ދިމާއަށް މިސްރާބު ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އިންޑިއާއިން ދަނީ ތާލިބާނާއެކު ގުޅުން ބާއްވަމުންނެވެ. އަދި މި ގުޅުމުގެ ސަބަބުން މި ސަރަހައްދުގައި އިތުރު ވާދަވެރިކަމެއް އުފެދިފައި ވެއެވެ. މީގެ އިތުރުން، އީރާނާއި ޗައިނާއިން ވެސް ދަނީ މިހާރުގެ ބަދަލު ވަމުންދާ މަސްރަހު ވަރަށް ގާތުން ބަލަމުންނެވެ.







