ޕާކިސްތާނުން އަފްޣާނިސްތާނަށް ބޮން އަޅައިފި

ޕެޝަވާރުގައި ހުންނަ ޕެރަމިލިޓަރީ ސިފައިންގެ މައި މަރުކަޒަށް ދިން ޖާނު ގޮއްވާލުމުގެ ހަމަލާގައި 6 މީހަކު މަރުވިތާ އެއް ދުވަސް ފަހުން އަންގާރަ ދުވަހު ޕާކިސްތާނުން އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތަކަށް ބޮން އަލައިފިއެވެ. މި ހަމަލާގައި 10 މީހަކު މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 9 ކުޑަކުދިން ހިމެނޭ ކަމަށް އަފްޣާނިސްތާންގެ ތަރުޖަމާން ޒަބީޙުﷲ މުޖާހިދު ވިދާޅުވެއެވެ. މަރުވި ކުދިންގެ ތެރޭގައި 4 އަންހެން ކުދިންވެސް ހިމެނެއެވެ.

ތާލިބާނުން ބުނިގޮތުގައި ޚޯސްތު ޕްރޮވިންސްގެ ގުރްބުޒް ޑިސްޓްރިކްޓަށް ޕާކިސްތާނުން ދަންވަރު ދިން ހަމަލާ އަމާޒުކޮށްފައިވަނީ އާންމު މީހެއް ކަމަށްވާ ވަލީއަތު ޚާންގެ ގެއަށެވެ. އަދި އޭގެ އިތުރުން ކުނާރާއި ޕަކްޓިކާ އަށް ވެސް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މިހާތަނަށް ޕާކިސްތާނުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމދު މައިގަނޑު މައްސަލައަކީ ތަހުރީކޭ ތާލިބާނޭ ޕާކިސްތާނެވެ. އިސްލާމްއާބާދުން ބުނަނީ މި ޖަމާއަތުން ހަމަލަ ދެނީ އަފްޣާނިސްތާނުގެ ސަރަހައްދުން އައިގެން ކަމަށެވެ.

ހިއްސާ ކުރައްވާ!