ރަޝިޔާއިން އުފެއްދި ކެންސަރަށް ދޭ ވެކްސިން ލިބެން ހުރީ ހަމައެކަނި ވިއެޓްނާމުން

ރަޝިޔާގައި އުފައްދާފައިވާ ކެންސަރަށް ދޭ ފަރުވާ ވިއެޓްނާމް އިން ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. ރަޝިޔާއިން އުފައްދާފައިވާ އަދި ޔޫއޭއީގެ ކުންފުންޏެއް މެދުވެރިކޮށް ރަޖިސްޓްރީކޮށްފައިވާ ވެކްސިން، ޕެމްބްރޯރިއާ ވަނީ ވިއެޓްނާމްގައި ކެންސަރުގެ ފަރުވާއަށްދޭ ބޭހެއްގެ ގޮތުގައި ހުއްދަ ދީފައެވެ. އެހެންވެ ރަޝިޔާގެ އިތުރުން ވިއެޓްނާމަކީ މި ކެންސަރުގެ ފަރުވާ ބޭނުން ކުރަން ހުއްދަ ދިން ބޭރުގެ ފުރަތަމަ ގައުމެވެ.

މި ކެންސަރުގެ ފަރުވާ އުފައްދާފައި ވަނީ ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ޕީކޭ-137 ކުންފުނިން ނެވެ.

މި ބޭސް ލިބެން ހުންނަނީ ވެކްސިންއަށް ބޭނުންކުރާ ޒާތުގެ 4 މިލިލީޓަރު ފުޅީގައެވެ. އެއިން ކޮންމެ ފުޅިއެއްގައި، 100 މިލިގްރާމްގެ ޕެމްބްރޮލިޒުމަބް ހިމެނެއެވެ. މިއީ ލޭނާރުތައް މެދުވެރިކޮށް ހަށިގަނޑަށް ބޭސް ފޯރުވައިވޭ ވައްތަރުގެ ވެކްސިނެކެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މި ބޭސް ބޭނުން ކުރުމުން ދިފާއީ ނިޒާމު ކެންސަރު ސެލްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވެދޭނެ އެވެ.

ވިއެޓްނާމްގެ ހެލްތު މިނިސްޓްރީން މި ބޭހަށް ހުއްދަދީ، ލައިސަންސް ދިނީ މިދިޔަ އޮކްޓޯބަރު މަހު ރަޝިޔާއާ އެކު ބޭއްވި ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ބައްދަލުވުމަކަށް ފަހު އެވެ.

މި ފަރުވާއަކީ ފުއްޕާމެއާއި އުރަމަތީގެ ކެންސަރާއި، ސާވިކަލް ކެންސަރު، ކިޑްނީ، އަދި ލިމްފޯމާ ފަދަ ގިނަ ކެންސަރުގެ ބަލިތަކަށް ބޭނުންކުރެވިދާނެ ފަރުވާއެކެވެ.

މި ވެކްސިންގެ ކޮންމެ ފުޅިއެއްގެ އަގަކީ ވިއެޓްނާމްގައި ގާތްގަނޑަކަށް 18 މިލިއަން ވީއެންޑީ (11 ހާސް ދިވެހި ރުފިޔާ) އެވެ. އާންމުކޮށް ބަލިމީހުންނަށް ބޭނުންވާނީ ފަރުވާދޭ ކޮންމެ ބުރަކަށް ދެ ފުޅިއެވެ.

ވިއެޓްނާމްގެ ހެލްތު އިންޝުއަރެންސް އިން އަދި މި ބޭސް ކަވަރެއް ނުކުރެއެވެ. ނަމަވެސް މަސްއޫލުވެރިން އުންމީދު ކުރަނީ ރަޝިޔާއާއެކު ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުމުން މި ވެކްސިން ކުރިމަގުގައި އަގު ހެޔޮ ވެދާނެ ކަމަށެވެ.

ވިއެޓްނާމުން ލަފާ ކުރަނީ މިފަދަ ފަރުވާއެއް ފޯރުކޮށްދެވޭނަމަ ވިއެޓްނާމަށް ސިއްޙީ ފަތުރުވެރިކަން އިތުރު ވެދާނެ ކަމަށެވެ.

މިވަގުތު ވިއެޓްނާމަކީ މި ބާވަތުގެ ފަރުވާ ލިބެން ހުރި ހަމައެކަނި ގައުމެވެ.

Vietnam Becomes First Nation to Approve Russia’s Cancer Drug, Opening New Front in Global Oncology

 

ހިއްސާ ކުރައްވާ!