އެއް އަނބަށް ވުރެން ގިނަ އަނބިން ގެންގުޅުން މަނާކޮށް މުސްލިމުންނާ ދެކޮޅަށް އާސާމުން ގާނޫނެއް ފާސްކޮށްފި

އެއް އަނބިންނަށް ވުރެން އިތުރު އަނބިން ގެންގުޅުން މާނަކޮށް އިންޑިއާގެ އާސާމް ސްޓޭޓްގައި ގާނޫނެއް ފާސްކޮށްފިއެވެ. ބީޖޭޕީ އިން ވެރިކަން ކުރާ މިސްޓޭޓްގެ ޗީފް މިނިސްޓަރު ހިމަންތާ ވަސްވާސް ބުނެފައި ވަނީ މިއީ މުސްލިމުންނާ ދެކޮޅަށް އަޅާ ފިޔަވަޅެއް ނޫން ކަމަށެވެ. ނަމަވެސް ހިމަންތާ ވަސްވާސްއަކީ މުސްލިމުންނާ ދެކޮޅުވެރި އިސްލާމޯފޯބިއާގެ ބަޔާން ދީ ހެދުމަށް ނަން މަޝްހޫރު މީހެކެވެ.

އާސާމް ސްޓޭޓްގެ އާބާދީގެ 40 އިންސައްތައާ ގާތް ކުރާ އަދަދަކީ މުސްލިމުން ކަމަށް ބެލެވެއެވެ.

އާސާމް ޕްރޮހިބިޝަން އޮފް ޕޮލިގަމީ ބިލް، 2025 ގައި ބުނާ ގޮތުން:

  • މިގާނޫނާ ޚިލާފް ކަމެއް ކޮށްފިކަމަށް މީހަކާ މެދު ޝައްކެއް ކުރެވުނަސް އެމީހާއާ ދެކޮޅަށް ތަހުގީގު ހިންގުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ.
  • މި ގާނޫނުގެ ދަށުން އެއް އަނބިންނަށް ވުރެން ގިނަ އަނބިން ގެންގުޅޭ މީހުން ހަތް އަހަރަށް ޖަލަށް ލެވެއެވެ.
  • ކައިވެންޏެއް ކުރާ އިރު އަންބެއް ހުރިކަން ސިއްރު ކުރާ ފަރާތްތައްވެސް 10 އަހަރަށް ޖަލަށް ލެވެއެވެ. މާނައަކީ، މައްސަލަތަކުން ތޮތް ޖެހިފައިވާ ޖުޑިޝަރީއަށް މިއިން މައްސަލައެއް ވަނުމަކީ ނިމުމުގެ ކޮޅުމަތި ފެންނާނެ ކަމެއް ނޫނެވެ.
  • އެއް އަނބިންނަށް ވުރެން ގިނަ އަނބިން ހޯދުމަށް ކައިވެނިތަކަށް މަގުފަހިކޮށްދޭ ނުވަތަ އެފަދަ ކަންކަން އެނގި ހުރެ ފޮރުވާ މީހުންނާއި ބެލެނިވެރިންނާއި ރަށުގެ ވެރިންނާއި ދީނީ ފަރާތްތަކާ މެދު ވެސް މި ގާނޫނުން ފިޔަވަޅު އަޅާނެއެވެ. އެފަދަ ފަރާތްތަކަށް އޮތީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.
  • އަދި ތަކުރާރުކޮށް ކުށްކުރާ މީހުންނަށް މިއަށްވުރެ ހަރުކަށި އަދަބުތަކެއް ލިބޭނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
  • އަދި މި ގާނޫނުގައި ބަޔާން ކުރާ ކުށް ސާބިތުވާ ފަރާތްތަކުގެ މަދަނީ ހައްގުތައް ނިގުޅައި ގަނެ، އާންމު ވަޒީފާތަކާއި ސްޓޭޓް ސަރުކާރުގެ ސްކީމްތަކާއި އާސާމްގައި އިންތިޚާބުތަކުގައި ވާދަކުރުން ވެސް މަނާކޮށްފައިވެ އެވެ.

ހިމަންތާ ބިސްވާސް މިގާނޫނު ފާސްކުރުވުމަށް ވޯޓު ލަމުން ބުނެފައި ވަނީ "ހަގީގީ މުސްލިމުން މި ގާނޫނަށް މަރުހަބާ ކިޔާނެ" ކަމަށެވެ.

އިންޑިއާއަކީ ހުވަފަތް އަނބިންނާ މެދު ހަދަންވީ ގޮތެއް ނޭނގިގެން އުޅުނު މުޖުތަމައެކެވެ. އާދަކާދައިގެ މަތިން އަންހެންމީހާ ހުވަފަތް ވުމުން ދިރިހުއްޓާ އަންދާލުމުގެ އަމަލު ހިންގި މުޖުތަމައެކެވެ. އިނގިރޭސިން ވަނީ 1829 ގައި ސައްތީ ކުށެއް ކަމުގައި ކަނޑައަޅައި އެކަން މަނާކޮށްފައެވެ.

އިސްލާމް ދީނުގައި އިތުރު މީހުންނާ އިނުމަކީ ހުރިހައި ހާލަތެއްގައި ޖިންސީ ޣަރީޒާ ފުރިހަމަ ކުރުމަށް ކުރާ ކަމެއް  ނޫނެވެ. ބައެއް ފަހަރު ދަތި ހާލުގައި އުޅޭ އަންހެނުންނާ އަޅާލުމަށާއި ޔަތީމުން ބަލަހައްޓައި ބޯހިޔާވަހިކަމެއް ދިނުމަށްވެސް އިތުރު ކައިވެނި ކޮށް އުޅެއެވެ.

އަދި އިސްލާމް ދީނަކީ ލޯބިވެރިން ގެންގުޅުމާއި އެއް މަލަށް ވުރެން އިތުރު މަލުން ފޮނިބުއިން ފަދަ ފަލްސަފާއަށް ތާއީދު ކުރާ ދީނެއްވެސް ނޫނެވެ. މީހަކާ ގަޔާ ވެއްޖެނަމަ އެ އޮންނަ ހުއްދަ މަގަކުން އެކަން ކުރުމަށް ދީނުން ބާރު އަޅައެވެ.

އިންޑިއާގެ ނެޝަނަލް ފެމިލީ ހެލްތު ސާވޭ(NFHS-3, 2005–06) ގައި އިންޑިއާގެ ހިންދީންގެ 2 ޕަސެންޓް އަންހެނުން ބުނެފައި ވަނީ އެމީހުންގެ ފިރިން ދެ އަންބަށް މީހުންނާ އިނދެގެން އުޅޭ ކަމަށެވެ. 1955ގެ ހިންދޫ މެރިޖް އެކްޓްގެ ދަށުން ހިންދީންނަށް އެކަކަށް ވުރެން ގިނަ މީހުންނާ އިނުން މާނާކޮށްފައި ވެއެވެ. އަދި އެފަދަ ކަމަކީ ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައި ވެއެވެ.

ހިމަންތާ ވަސްވާސް ބުނެފައި ވަނީ އަންނަ އަހަރު އޭނާ އަލުން އިންތިޚާބު ވެއްޖެނަމަ ކަންކަން މިއަށް ވުރެން ހަރުކަށި ކުރާނެ ކަމަށެވެ. އޭނާ ބުނެފައި ވަނީ އާސާމްގައި ކައިވެންޏާއި ވަރިއާއި ތަރިކަ ބެހުމުގައި ހުރިހައި ރައްޔިތުން އެއްގޮތް ކުރާ ގާނޫނެއް ފާސް ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ހިމަންތާ ބިސްވާސްގެ މި ގާނޫނަކީ އިންޑިއާގެ ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ޚިލާފްވާ ގާނޫނެއް ކަމަށް ބުނެ އޭއައިޔޫޑީއެފްގެ ލީޑަރު އަމީނުލް އިސްލާމް ވަނީ ދެކޮޅު ހަދާފައެވެ.

މިގާނޫނު މުސްލިމުންނާ ދެކޮޅަށް ހިނގާ އިރު ގަބީލާ މީހުންގެ މައްޗަށް މި ގާނޫނެއް ނުހިނގާނެއެވެ. ބޮޑޯލެންޑް ޓެރިޓޯރިއަލް ރީޖަން، ޑިމާ ހަސާއޯ، ކާރްބީ އަންގްލޮންގް، އަދި ހުޅަނގު ކާރުބީ އަންގްލޮންގް ފަދަ ފަރުބަދަމަތީ ޑިސްޓްރިކްޓްތަކާއި ގާނޫނުއަސާސީގެ ހަ ވަނަ ޖަދުވަލުގައި ހިމެނޭ ގަބީލާ މީހުންގެ މައްޗަށް މި ގާނޫނެއް ނުހިނގާނެއެވެ.

ހިއްސާ ކުރައްވާ!