ވިއެޓްނާމަށް ޓޫފާނެއް އަރައިފި

ވިއެޓާނަށް ދިމާވެފައިވާ މޫސުމީ ކާރިސާ އަދިވެސް އޮރީ ކުރިއަށެވެ. ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ވިއެޓްނާމަށް އެރި ގަދަ ޠޫފާނާއެކު ފަސްގަނޑު ކަޑައިގެން ގޮސް ފެންބޮޑުވެ 91 މީހުން މަރުވެފައި ވެއެވެ. އެންމެ ބޮޑަށް އަސަރު ކުރި ސަރަހައްދުތަކުގެ ތެރޭގައި މެދުތެރޭގެ ފަރުބަދަމަތީ ޕްރޮވިންސް ޑަކް ލަކް ހިމެނެއެވެ. އެ ޕްރޮވިންސުން 60 މީހުން މަރުވެފައިވެ އެވެ.

ވިއެޓްނާމަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން 11 މީހަކު އަދިވެސް ގެއްލިފައިވާ ކަމަށް ވިއެޓްނާމްގެ އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އަދި އެ ސަރަހައްދުގައި އާ ޓްރޮޕިކަލް ޑިޕްރެޝަނެއް އުފެދި މި ހަފްތާގައި ހާލަތު އިތުރަށް ގޯސްވެދާނެ ކމަށްވެސް ބުނެފައި ވެއެވެ.

ވިއެޓްނާމް ވަނީ ޖޫން މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޯކޮށް ވާރޭވެހުމަށް އާދަވެފައެވެ. ނަމަވެސް މިފަހަކަށް އައިސް މޫސުމުގެ ނުރައްކާތެރި ހާދިސާތައް ގިނަވެފައި ވެއެވެ.

ދުނިޔޭގެ މޫސުމީ ހާލަތު ގޯސްވަމުންދާއިރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގަ އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކި ހިސާބުތަކުގައި ތޫފާނާއި ވިއްސާރައިގެ މައްސަލަތައް އަދިވެސް އިތުރު ވާނެކަމަށް ސައިންސްވެރިން ވަނީ އިންޒާރުދީފައެވެ.

ހިއްސާ ކުރައްވާ!