ޖަމާޢަތޭ އިސްލާމީގެ ސިޔާސަތުތަކުގެ ސަބަބުން ޖެންޑަރ ކުރިއެރުންތަކަށް ނުރައްކާވެއްޖެ

ބަންގްލަދޭޝްގެ ސިޔާސީ މައިދާނުގައި ސިޔާސީ ނުފޫޒު އިތުރު ވަމުންދާ ފަރާތަކީ ޖަމާއަތޭ އިސްލާމީ އެވެ. ކުރިން ހަސީނާގެ ވެރިކަމުގައި ކޮންޓްރޯލުކޮށ ްމަނާކޮށްފައި އޮތް މި ޖަމާއަތުގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، އެ ޤައުމުގެ އަންހެނުން ބާރުވެރިކުރުމަށް ހޯދާފައިވާ ކުރިއެރުންތަކަށް ނުރައްކަލަކާ ކުރިމަތިވެފައިވާ ކަމަށް އާ ރިޕޯޓެއްގައި ބުނެފިއެވެ. ޝެއިޚް ޙަސީނާގެ 15 އަހަރުގެ ވެރިކަމުގައި ދަނޑުވެރިކަމާއި، ފޭރާން އުފެއްދުމުގެ ސިނާއަތާއި، ސަރުކާރުގެ މުއައްސަސާތަކުގައި އަންހެނުންގެ ވަޒީފާގެ ފުރުސަތުތައް އިތުރުވެފައިވެއެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ވެރިކަން ބަދަލުވުމާ ގުޅިގެން، މި ކާމިޔާބީތަކަށް މިހާރު ގޮންޖެހުންތައް ކުރިމަތި ވެއެވެ.

ޖަމާޢަތޭ އިސްލާމީގެ އަމީރު ދާދިފަހުން ވަނީ އަންހެނުން ގޭގައި ތިބުމަށް ނުވަތަ އެމީހުންގެ މަސައްކަތު ގަޑި ފަސް ގަޑިއިރަށް ކުޑަކުރަން ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން އަންހެނުންނަށް "އިޙްތިރާމް ލިބޭނެ" ކަމަށެވެ. މި ބަޔާނާ ގުޅިގެން އަންހެނުންގެ ޖަމާޢަތްތަކުން ވަނީ މިކަމަށް ފާޑުކިޔާފައެވެ. އެމީހުން ބުނާ ގޮތުގައި މިކަމަކީ ތަފާތުކުރުމުގެ އަމަލެއްގެ އިތުރުން އިޤްތިޞާދީ ގޮތުން ގެއްލުންވާނެ ކަމެކެވެ.

ބަންގްލަދޭޝްގެ އާބާދީގެ 51 އިންސައްތަ އަކީ އަންހެނުންނެވެ. އެ ޤައުމުގެ އިޤްތިޞާދަށް އެމީހުންގެ ދައުރު ވަރަށް މުހިންމެވެ. ފޭރާން އުފެއްދުމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ 55-60 އިްނސައްތަ އަކީ އަންހެނުންނެވެ. އަދި މަސައްކަތްކުރާ އަންހެނުންގެ 96.6 އިްނސައްތަ އަކީ އިންފޯމަލް ސެކްޓަރގައި މަސައްކަތްކުރާ މީހުންނެވެ. ތަޙުލީލުކުރާ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، މިހާ ބޮޑު މަސައްކަތްތެރިންގެ ބަޔަކު ބާކީކުރުމަކީ ނުވަތަ އެމީހުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ޤައުމުގެ އިޤްތިޞާދު ބަލިކަށިކުރާނެ ކަމެކެވެ.

ސެންޓަރ ފޮރ ޕޮލިސީ ޑައިލޮގް އިން ކުރި ދިރާސާއަކުން ލަފާކުރާ ގޮތުގައި، އަންހެނުން ގޭގައި މުސާރައެއް ނުލިބި ކުރާ މަސައްކަތުގެ އަގު ބަންގްލަދޭޝްގެ ޖީޑީޕީގެ 78.8 އިންސައްތަ އާ އެއްވަރު، ނުވަތަ 10.37 ޓްރިލިއަން ބަންގްލަދޭޝް ޓާކާއަށް އަރައެވެ. ނަމަވެސް، މުސާރައެއް ނުލިބޭ މި މަސައްކަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އަންހެނުން ތަފާތުކުރުމަށް އިތުރަށް ހުށަހެޅެއެވެ.

ބަންގލަދޭޝްގައި 62.8 މިލިއަނަށް ވުރެ ގިނަ އަންހެން ވޯޓުލާ މީހުން ތިބި އިރު، ޖަމާޢަތޭ އިސްލާމީއަށް އަންހެނުންނާ މަޝްވަރާ ނުކޮށް މިފަދަ ސިޔާސަތުތަކެއް ތަންފީޒު ކުރެވޭނެ ގޮތާ މެދު އާންމުން ސުވާލު އުފައްދައެވެ. އާންމުން ބުނާ ގޮތުގައި، އަންހެނުންގެ މަސައްކަތު ގަޑި ކުޑަކުރުމަކީ އެމީހުންގެ ކެރިއަރުގެ ކުރިއެރުމާއި، ލީޑަރޝިޕްގެ ފުރުސަތުތަކާއި، އިޤްތިޞާދީ މިނިވަންކަން ހަނިކުރާނެ ކަމެކެވެ. އަދި މި ހުށަހެޅުންތަކަކީ "އިޙްތިރާމް" ހޯދުމަށް ވުރެ ބޮޑަށް، ފިރިހެނުންގެ ބާރުގެ ދަށަށް ގެނައުމާއި، މުސާރަ ނުލިބޭ މަސައްކަތުގެ ބުރަ އިތުރުކުރުމުގެ މަޤްޞަދުގައި ކުރާ ކަމެއް ކަމަށް ބުނެއެވެ.

އެކަމުގެ ބަދަލުގައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ވިހެއުމާއި ބައްޕައަކަށް ވުމުން ދޭން ޖެހޭ ޗުއްޓީ ދިނުން މަޖުބޫރުކުރުމާއި، މުސާރައިގެ ހަމަހަމަކަން ޤާއިމުކުރުމާއި، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާއި، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ވަޒީފާ އަދާ ކުރާ ތަނުގައި ހެދުން ފަދަ ކަންކަމަށް އިސްކަންދީގެން އިސްލާޙުތައް ގެނައުމަށް ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!