އިމްރާން ޚާނާ ބައްދަލު ކުރުމަށް ފުރުސަތު ދީފި

ހަފްތާތަކެއް ވަންދެން އިމްރާން ޚާނާ ބައްދަލު ކުރުމަށް ހުއްދަ ނުދިނުމަށްފަހު، އަޑިއާލާ ޖަލުގައި އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު އޭނާގެ ކޮއްކޮ އުޒުމާ ޚާނަށް ދީފިއެވެ. މި ބައްދަލުވުމަކީ ޖަލުގައި ހައްޔަރުކޮށްފައި ހުއްޓާ އިމްރާން ޚާން އަވަހާރަވެއްޖެ ކަމުގެ ވާހަކަތަކެއް ފެތުރި، އޭނާގެ ސަލާމަތަށް ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު އަޑު އުފުލި ފަހުން ހަމަޖައްސައިދިން ބައްދަލު ވުމެކެވެ.

މި ބައްދަލުވުމުގެ ސަބަބުން، އިމްރާން ޚާން ޖަލުގައި އަވަހާރަވެއްޖެ ކަމަށް ބުނެ ފެތުރެމުންދިޔަ ވާހަކަތައް ވަގުތީ ގޮތުން މަޑުޖެހިފައިވެއެވެ. މި ވާހަކަތަކުގެ ސަބަބުން ޖަލުގެ ބޭރުގައި ހަމަނުޖެހުންތައް އުފެދި، އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ މެންބަރުން ރާވަލްޕިންޑީގައި މުޒާހަރާ ކުރާނެ ކަމަށް ބުނެ އިންޒާރުވެސް ދިނެވެ. ކޯޓު އަމުރުތަކަށް ބެލުމެއް ނެތި އާއިލީ ބައްދަލުވުންތަކަށް ހުއްދަ ނުދީ ހަފްތާތަކެއް ހޭދަކޮށްފައި ވެއެވެ.

އިމްރާން ޚާންގެ ކޮއްކޮ އުޒްމާ ޚާން ޖަލުން ނުކުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިމްރާން ޚާން ހެޔޮ ހާލުގައި ހުންނެވި ކަމަށެވެ. ނަމަވެސް، ޖަލުގައި އޭނާއަށް "ނަފްސާނީ ގޮތުން އަނިޔާ" ލިބެމުންދާ ކަމަށެވެ. ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އިމްރާން ޚާން ހައްޔަރުކޮށްފައި ހުރީ ކޮރަޕްޝަނާއި ޓެރަރިޒަމާ ގުޅުންހުރި ދައުވާތަކަކާ ހެދިއެވެ. އާއިލީ ބައްދަލުވުންތަކަށް ހުއްދަ ނުދިނުމުގެ ސަބަބުން އުފެދުނު ޝައްކުތަކާއި ހަމަނުޖެހުންތައް މިހާރު ވަނީ އުޒްމާ ޚާންގެ ބައްދަލުވުމާއެކު ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ.

ޕީޓީއައިގެ ސަޕޯޓަރުން އަދިވެސް ޖަލު ކައިރިއަށް އެއްވަމުން ދެއެވެ. އަދި ޕީޓީއައި އިން ބުނެފައި ވަނީ އަންނަން އޮތް ދުވަސްތަކުގައި އިމްރާން ޚާނަށް ސަޕޯޓު ކުރުމަށް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!