އިސްލާމޯފޯބިއާ: ޓްރަމްޕް ބޮލުރޮދި ކެނޑިފައި ކަމަށް އިލްހާން އުމަރު ވިދާޅުވޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި މުހާޖިރުންނާ މެދު ތަފާތު ކުރުމާއި އެމީހުންނަށް ކުޑައި މީސް ބަސްތައް ރައްދުކުރުމާއި އިސްލާމޯފޯބިއާ ގެ ވާހަކަތައް ވަނީ އެމެރިކާގެ ސިޔާސަކަތަށް ވެފައެވެ. ޓްރަމްޕްގެ ބަސްމަގާއި ސިޔާސަތުތައް ބިނާވެފައިވަނީ ވަކި ބަޔަކަށް އަމާޒުކޮށް، އެމީހުންނާ މެދު މުޖުތަމައުގައި ނަފްރަތު އުފެއްދުމުގެ މައްޗަށެވެ. ޚާއްޞަކޮށް މުސްލިމުންނާއި ސޯމާލީ ދަރިކޮޅުގެ މުހާޖިރުންނާއި، ކޮންގްރެސް މެންބަރު އިލްހާން އުމަރު ފަދަ މުސްލިމް ލީޑަރުންނަށް އަމާޒުކޮށް ޓްރަމްޕް ދައްކާ ވާހަކަތަކަކީ، އޭނާގެ ސަރުކާރުގެ އިސްލާމްދީނާ ދެކޮޅު އަދި އިމިގްރޭޝަނާ ދެކޮޅު ސިޔާސަތުތައް ހާމަކޮށްދޭ ކަންކަމެވެ. އެމެރިކާގެ ކޮންގްރެސް މެމްބަރު ބާނީ ސެންޑާޒް ވިދާޅުވިގޮތުގައި ޓްރަމްޕް ރުހޭ ހަމައެކަނި މުސްލިމުންނަކީ އޭނާއަށް ވިޔަފާރިދޭ މުއްސަނދި މުސްލިމުންނެވެ.

ޓްރަމްޕް ވަނީ ކެބިނެޓް ބައްދަލުވުމެއްގައި ސޯމާލީ މުހާޖިރުންނާ މެދު އޭނާގެ މަގާމާ އެކަށީގެން ނުވާ ނޭދެވޭ ބަސްތައް ބޭނުންކުރައްވާފައެވެ. އޭނާ ވިދާޅުވީ ސޯމާލީ މީހުންނަކީ އެއްވެސް “ކަމެއް ނުކުރާ” ބޭކާރު ބަޔެއް ކަމަށާއި، އެމީހުން އަނބުރާ ފޮނުވާލަން ޖެހޭ ކަމަށެވެ. އަދި އެމީހުންނަކީ ހަމައެކަނި ސަރުކާރުގެ އެހީތެރިކަމަށް ބަރޯސާވެ، “ޝަކުވާކުރުން ނޫން ކަމެއް ނުކުރާ” ބައެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. މިފަދަ ބަސްތަކަކީ އެމެރިކާގައި ދިރިއުޅޭ މުސްލިމް މުޖުތަމަޢުތަކަށް އަމާޒުކޮށް ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ދެއްކި ވާހަކަތަކެއް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

ޓްރަމްޕްގެ ވާހަކަތައް ސޯމާލީން ދިރިއުޅޭ މިނެސޯޓާގެ ލޯކަލް ލީޑަރުން ވަނީ ކުށްވެރި ކުރައްވާ ފައެވެ. މިނިއަޕޮލިސްގެ މޭޔަރު ޖޭކޮބް ފްރޭ ވިދާޅުވީ ޓްރަމްޕްގެ ބަސްމަގަކީ ކުށްވެރި ކުރަން ޖެހޭ ޒާތުގެ ވާހަކަތަކެއް ކަމަށާއި، އެއީ އެމެރިކާގެ ޤާނޫނުއަސާސީން ފަރުދުންނަށް ލިއްބައިދޭ ހިމާޔަތްތަކާ ޚިލާފަށް އަމަލު ކުރުމުގެ އިޝާރާތެއް ކަމަށެވެ. މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް ވެސް ވަނީ ޓްރަމްޕަށް މުހާޖިރުންނާ ދެކޮޅަށް ތަޢައްޞުބު އާލާކުރުމަށް މަސައްކަތް ކުރަަނީ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މަދަނީ ޖަމާއަތްތަކުން ފާހަގަކުރި ގޮތުގައި، މިނެސޯޓާގައި ދިރިއުޅޭ ސޯމާލީ މީހުންގެ 95 އިންސައްތައަކީ ގާނޫނީ ގޮތުން ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނެވެ. އަދި އެމީހުން އެމެރިކާގެ އިޤްތިޞާދަށާއި މުޖުތަމަޢަށް ހިއްސާ ވަމުންދާ ކަމަށް ބުނެއެވެ.  ޓްރަމްޕް ދައްކާފައިވާ ވާހަކަތަކަކީ ފުލޯކެއް ކަމަށާއި އެމީހުންގެ ހަޤީޤީ ދިރިއުޅުމުގައި އުޅޭ ގޮތާއި ޓްރަމްޕްދައްކާ ވާހަކައާ ދިމާ ނުވާ ކަމަށް ބުނެއެވެ. މިކަމުން ދައްކުވައި ދެނީ ޓްރަމްޕްގެ ސިޔާސަތުތައް ބިނާވެފައިވަނީ ހަޤީޤަތުގެ މައްޗަށް ނޫންކަމާއި، ހަމައެކަނި ނަފްރަތު އުފެއްދުމުގެ މައްޗަށް ކަމެވެ.

ޓްރަމްޕްގެ ނަފްރަތު އުފެއްދުމުގެ ބަސްމަގު އައިސްފައިވަނީ އެމެރިކާގައި އެންމެ ގިނަ އަދަދަކަށް ސޯމާލީ އެމެރިކާ ދަރިކޮޅުގެ މީހުން ދިރިއުޅޭ މިނެސޯޓާގައި މުހާޖިރުން ބޭރުކުރުމަށް ޓްރަމްޕްގެ ސއްރު ފުލުހުން އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުން ދަނިކޮށެވެ. މީގެ ކުރިން ސޯމާލިއާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން 1991 ވަނަ އަހަރުން ފެށިގެން ސޯމާލީ މީހުންނަށް ދެމުން އައި ރައްކާތެރިކަން ވެސް ޓްރަމްޕް ވަނީ ނިމުމަކަށް ގެނެސްފައެވެ. މިކަމުގެ ސަބަބުން އެތައް ސޯމާލީ ރައްޔިތުންގެ މުސްތަޤްބަލާ މެދު ވަނީ ބޮޑު ސުވާލުތަކެއް އުފެދިފައެވެ.

ޓްރަމްޕްގެ ނަފްރަތުގެ ބަސްމަގުގެ އެންމެ ބޮޑަށް އަމާޒު ކޮށްފައި ވަނީ ކޮންގްރެސް މެންބަރު އިލްހާން އުމަރެވެ. އޭނާއަކީ ސޯމާލީ ރެފިއުޖީއެއްގެ ގޮތުގައި އެމެރިކާއަށް އައިސް، ގައުމީ މަޤާމަކަށް އިންތިޚާބުވެފައިވާ ފުރަތަމަ މުސްލިމް އަންހެނުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ޓްރަމްޕް ވަނީ އިލްހާން އުމަރަކީ ތާކުން ތާކު ނުޖެހޭ މީހެއް ކަމަށް ވިދާޅުވެ، އޭނާއާއި އޭނާގެ މުޖުތަމައަށް ވެސް ފާޑުވިދާޅުވެފައެވެ. މިފަދަ ބަސްމަގަކީ ހަމައެކަނި އެއް ސިޔާސީ ވާދަވެރިއަކަށް ދިން ހަމަލާއެއް ނޫނެވެ؛ އެއީ އެމެރިކާގެ ސިޔާސީ ދާއިރާގައި ހިމެނޭ މުސްލިމް އަދި މުޖާހިރު އެންމެނަށް އޭނާ އަމާޒުކުރި ނަފްރަތުގެ ހަމަލާއެކެވެ.

އިލްހާން އުމަރު ވަނީ ޓްރަމްޕްގެ މިފަދަ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޓްރަމްޕްގެ ބޮލު ރޮދި ކެނޑިފައި ހުރި ކަމަށާއި ޓްރަމްޕް ބޮލަށް ބޭސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޓްރަމްޕްގެ މިފަދަ ވިސްނުންތަކަކީ ނުރައްކާތެރި ކަމެއް ކަމަށް ސިފަކުރައްވާފައެވެ. ޓްރަމްޕްގެ މިފަދަ ނަފްރަތުގެ ބަސްމަގުގެ ސަބަބުން އެމެރިކާގެ މުސްލިމް އަންހެނުންނާއި، ޚާއްޞަކޮށް ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މުސްލިމް އަންހެނުންނަށް ކުރިމަތިވާ ނުރައްކާތައް މިފަހުން ވަނީ އިތުރުވެފައެވެ.

ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އިސްލާމޯފޯބިއާ އަކީ އެމެރިކާގެ ސިޔާސަތުތަކުގެ މުހިންމު ބައެއްގެ ގޮތުގައި ފާޅުވެގެން ގޮސްފައިވާ ކަމެކެވެ. އޭނާގެ ހަރުކަށި ހިޖުރަވެރިންނާ ދެކޮޅު ސިޔާސަތުތަކާއި، މުސްލިމުންނަށް އަމާޒު ކުރާ ފުރައްސާރަ ކުރުން ތަކުގެ ސަބަބުން އެމެރިކާގެ މުޖުތަމަޢުގެ އެއްބައިވަންތަކަން ވަނީ ހީނަރުވެފައެވެ.

ޓްރަމްޕް ފުރައްސާރަ ކުރާ މީހުންނަށް އޭނާގެ ސަޕޯޓަރުންގެ ފަރާތުން ނުރައްކަލާ ކުރިމަތިލާން ވެސް ޖެހެއެވެ. އޭނާއާ ދެކޮޅަށް ހުކުމް ކުރި ގާޒީއެއްގެ ގެ ވެސް އަންދާލާފައި ވެއެވެ.

ޓްރަމްޕްގެ މިފަދަ ވާހަކަތަކުގެ ސަބަބުން އެމެރިކާގެ ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި އިސްލާމޯފޯބިއާ އޮތް މިންވަރު ފެނެއެވެ.

ހިއްސާ ކުރައްވާ!