ލ. ގަމުގެ އިންޖީނުގޭގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތައް ވެއްޖެ

ލ. ގަމުގައި ހުންނަ އިންޖީނުގޭގައި މިއަދު މެންދުރުފަހު އަލިފާން ރޯވެ، އިންޖީނުތަކަށް ބޮޑެތި ގެއްލުންތައް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ގާތްގަނޑަކަށް 2:45 ހާއިރު ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނީ، އިންޖީނުގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ ކަމަށާއި، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު 3 އިންޖީނު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރަށުން ކަރަންޓު ކެނޑިފައި ވެއެވެ.ގަމުގެ އިންޖީނުގޭގެ ކަރަންޓު ޚިދުމަތް ދެމުން އަންނަނީ އެ ރަށުގެ ތިން އަވަށަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނީ، ގަމުގެ އިންޖީނުގޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ލ. ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ، އަލިފާން ރޯވީ މެންދުރުފަހު 2:45 ހާއިރު ކަމަށެވެ.

ސިފައިންގެ މަސައްކަތުން އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި ސާފެއް ނުވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!