ދިވެހި ސަރުކާރުން ސްރީލަންކާގެ ރައްޔިތުންނަށް ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ހިފައިގެން މޯލްޑިވްސް ނޭޝަނަލް ޝިޕިން (އެމްއެސްއެސް) ގެ ބޯޓު ސްރީލަންކާ އަށް ފުރައިފި އެވެ. މިއީ ފަހުގެ ތާރީހެއްގައި މި ސަރަހައްދަށް ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއެއްގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ލަންކާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭ ހަދިޔާ އެކެވެ.
ލަންކާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު މިހާރު ވަނީ އެ ގައުމުގެ ސަރުކާރާ ހަވާލުކޮށްފަ އެވެ.
އެމްއެސްއެސްގެ ބޯޓު ފެލިވަރުން މަސް ކޮންޓެއިނަރުތައް ބަރުކޮށްގެން ލަންކާ އަށް މިހާރު ވަނީ ފުރާފަ އެވެ.
މި ބޯޓުގައި 25،000 މަސްދަޅު ހިމެނެ އެވެ. މިއީ 20 ފޫޓުގެ 14 ކޮންޓައިނަރުގެ މަހެވެ.
އެމްއެސްއެސް އަކީ ގައުމީ ޝިޕިން އޮޕަރޭޓް ކުރާ އެސްޓީއޯ ސަބްސިޑަރީ ކުންފުންޏެކެވެ.
މީގެ އިތުރުން، ލަންކާއަށް އެހީވުމަށް ރާއްޖޭގައި ހިންގި ޓެލެތޯނުން ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.
މި ފައިސާ ވެސް ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ހޭދަކުރާނެ އެވެ.
ދިވެހިން ވެދިން އެހއަށް ސްރީލަންކާގެ ރައްޔިތުން ދަނީ ތައުރީފް ކުރަމުންނެވެ. އަދި ސްރީލަންކާ އިން ފާހަގަ ކުރިގޮތުގައި އެންމެ އަވަހަށް އެގައުމަށް އެހީއަށް އިޖާބަ ދިން ގައުމަކީ ރާއްޖެއެވެ.






