ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ހުސެއިން ފާއިޒް ރަޝާދު އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައެވެ. މި ނިންމުމާއެކު ގާޒީ ފާއިޒުގެ ގާޒީކަމުގެ ދައުރު ވަނީ ނިމުމަކަށް އައިސްފައެވެ.

މި ނިންމުން އައީ ޖުޑިޝަލް ސާވިސް ކޮމިޝަން އިން ގާޒީ ފާއިޒުގެ މައްސަލަތަކެއް ބެލުމަށްފަހު، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމާ ގުޅިގެންނެވެ. ޖޭއެސްސީން މިކަން މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ޖޭއެސްސީން ގާޒީ ފާއިޒާ ގުޅޭ ގޮތުން ބެލި މައްސަލައަކީ، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ މެދު ގާޒީ ފާއިޒް އަމަލުކުރެއްވި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ގާޒީގެ ފަރާތުން ސުލޫކީ މައްސަލަތަކެއް ފެނިފައިވާ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މި މައްސަލަ ދިރާސާ ކުރުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ގާޒީ ފާއިޒު އެ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ގާޒީ ކަމުން ފާއިޒު ވަކިކުރަން ފެންނަ ކަމަށް 56 މެންބަރަކު ވޯޓު ދެއްވި އިރު، އޭނާ ވަކިކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވޯޓު ދެއްވިއެވެ.

މި މައްސަލަތަކާ ގުޅިގެން ގާޒީ ފާއިޒް ވަނީ މިދިޔަ މަހުން ފެށިގެން ސަސްޕެންޑުކޮށްފައެވެ. އެއީ ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހުން ވަނީ އޭނާ މަގާމުން ވަކިކުރުމުގެ ނިންމުން ފާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!