ޕާކިސްތާނުގެ ބާނީ، މުހައްމަދު އަލީ ޖިނާހުގެ ނަސްލު ވަނީ އާ ޖީލަކާ ހަމައަށް ފޯރާފައެވެ. ނަމަވެސް މި ނަސްލު އާލާވެފައި ވަނީ ޕާކިސްތާންގައެއް ނޫނެވެ. އިންޑިއާ ގައެވެ.
މުއްސަނދިންނާއި އަމީރުންނަށް އެމީހުންގެ ހަޔާތުގެ ބައިވެރިޔާ ހޯދައި ދިނުމަށް އެފަދަ އެހެން ފަރާތްތަކާ ގުޅުވައިދޭން ޕެރިހުގައި ބާއްވާ ޚާއްސަ މުނާސަބާއެއް ކަމަށްވާ ލެ ބާލް ޑެސް ޑެބިއުގައި، އެލާ ވާޑިއާ ވަނީ ބައިވެރި ވެފައެވެ. މީގައި އޭނާއާ އެއްފަދަ މުއްސަނދި އާއިލާތަކުން 19 އަންހެން ކުދިން ބައިވެރިވިއެވެ.
އެލާ ވަޑިއާ އަކީ ޕާކިސްތާންގެ ބާނީ މުހައްމަދު އަލީ ޖިނާހުގެ ހަމައެކަނި ދަރިކަނބަލުން ކަމަށްވާ، ދީނާ މުހައްމަދު އަލީ ޖިނާހުގެ ދަރިކަނބަލުންނެވެ. ދީނާގެ ނަން ވަނީ ވާޑިއާ އާއިލާގެ މީހަކާއި ކައިވެނި ބައްލަވައި ގަތުމުން ދީނާ ވާޑިއާގެ ނަމަށް ބަދަލު ވެފައެވެ.
ދީނާ ކައިވެނި ބައްލަވައިގަތީ އިންޑިއާގެ ބޮމްބޭގެ ސިނާއީ އުފެއްދުމުގެ ދާއިރާގައި މަޝްހޫރު މުއްސަނދި ޕާރްސީ ވާޑިއާ އާއިލާގެ ނެވިލް ވާޑިއާ އާއެވެ. މި ކައިވެނީގެ ސަބަބުން ދީނާ އާއި އޭނާގެ ބައްޕަ ޖިނާހާ ދެމެދުގައި ގުޅުން ހީނަރުވިއެވެ. ދީނާ އާއި ނެވިލް ވާޑިއާގެ ކައިވެންޏަށް ލިބުނު ނުސްލީ ވާޑިއާ އަކީ އިންޑިއާގެ ވިޔަފާރީގެ މުހިންމު މަޝްހޫރު ނަމެކެވެ. އޭނާ ވަނީ ވާޑިއާ ގްރޫޕްގެ ޗެއަރމަންގެ މަގާމު ފުރުއްވާފައެވެ. ނުސްލީ ވާޑިއާ އަށް ދެ ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޖާހާންގީރު ވާޑިއާ އާއި ނެސް ވާޑިއާ އެވެ.
ޖަހާންގީރް ވާޑިއާ އަކީ ބޮމްބޭ ޑައިންގް، ގޯ ފަސްޓް، އަދި ބޮމްބޭ ރިއަލްޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.
ޖަހާންގީރް ވާޑިއާ، ފެޝަން ޑިޒައިނަރެއް ކަމަށްވާ ސެލީނާއާ ކައިވެނިބައްލަވައި ގަތުމުން ލިބިވަޑައިގަތް ދެބޭފުޅުންގެ ތެރޭން އަންހެން ބޭފުޅަނީ އެލާ ވާޑިއާއެވެ.







