އިންޑިއާގެ އެހީގެ ޓީމެއް ސްރީލަންކާއަށް

ސްރީލަންކާގެ އެތައް ސަރަހައްދަކަށް އަސަރުކޮށްފައިވާ މޫސުމުގެ ނުތަނަވަސް ހާލަތާއި ގުޅިގެން އެހީގެ މަސައްކަތްތަކުގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ރެސްކިއު ޓީމެއް ސްރީލަންކާއަށް އައިސްފިއެވެ.
އިންޑިއާގެ މަތިންދާބޯޓެއްގައި އައި މި ޓީމުގައި ހިމެނެނީ 76 ފިރިހެނުންނާއި ހަތަރު އަންހެނުންގެ އިތުރުން ހަތަރު ވަސްބަލާ ކުއްތާ އެކެވެ.
އަދި މިހާރު ހިނގަމުންދާ ސަލާމަތީ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ޓަކައި ކާރިސާ އެހީއަށް ކޮންމެހެން ބޭނުންވާ ސާމާނު ވެސް ގެނެސްފައިވާ ކަމަށް ވެއެވެ.
އިންޑިއާގެ އެހީދޭ މީހުންގެ މިޝަނަކީ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާ ގާތުން މަސައްކަތްކޮށް މުޅި ސްރީލަންކާއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް އަވަހަށް އެހީ ފޯރުކޮށްދީ އެހީތެރިވުމެވެ.
ތޫފާން ދިއްތުވާގެ އަސަރު ކުރި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތްތަކަށް އެހީތެރިވުމަށް ޑަބްލިއުއެޗްއޯ އިން ވަނީ 175،000 އެމެރިކާ ޑޮލަރުގެ އިމަޖެންސީ ފަންޑުން ދޫކޮށްފަ އެވެ.
އޮސްޓްރޭލިއާ އިން ސްރީލަންކާގެ ތޫފާން ދިއްތުވާ އެހީ 3.5 މިލިއަން ޑޮލަރަށް އިތުރުކޮށްފި އެވެ.
ތޫފާން ދިއްތުވާއާ ގުޅިގެން ސްރީލަންކާއަށް ތިން މިލިއަން އެމެރިކާ ޑޮލަރުގެ ކާރިސާ އެހީއެއް ދިނުމަށް އޭޑީބީން ވެސް ވަނީ ފާސްކޮށްފަ އެވެ.

ހިއްސާ ކުރައްވާ!