ޖަރުމަންވިލާތް: ބުރުގާ އަޅާތީ ކޯޓުން ވަޒީފާއެއް ނު ދޭނެ!

ޖަރުމަނުގެ ކޯޓަކުން ވަނީ، އެ ކޯޓުގެ ވަޒީފާއަށް ނިކުންނަ އިރު ބުރުގާ ނު ނަގާނެ ކަމަށް ބުނެފިނަމަ މުސްލިމް އަންހެން މީހާއަށް ފަނޑިޔާރެއްގެ މަގާމު ނުވަތަ ޕްރޮސެކިއުޓަރެއްގެ މަޤާމު އަދާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ. މި ނިންމުމަކީ ދީނީ މިނިވަންކަމަށް އަސަރުކުރާ ކަމެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔާފައިވެއެވެ.

ހެސީގެ އިދާރީ ކޯޓުން ވަނީ އެކޯޓަށް ހުށަހެޅި އަންހެނެއްގެ މައްސަލަ ނުބަލާން ނިންމާފައެވެ. ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނީ ދާއިރާގައި ހުވާކޮށްފައިވާ މީހާގެ ދީނީ މިނިވަންކަމަކީ ޤާނޫނު އަސާސީގެ ދަށުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެވޭ ޙައްޤެއްކަމަށް އެ ކޯޓުން ޤަބޫލުކުރާ ކަމަށެވެ. ނަމަވެސް، ދައުލަތުގެ ވަކި ފަރާތަކަށް ނުޖެހުމުގެ އުސޫލާއި ޝަރީޢަތުގެ ބައިވެރިންގެ ދީނީ މިނިވަންކަން ފަދަ ޤާނޫނުއަސާސީގެ އެހެން މުހިންމު އުޞޫލުތަކާ އަޅާ ބަލާއިރު، މި ޙައްޤަށްވުރެ ނަގަހައްޓަން ޖެހޭ އެހެން އުޞޫލުތައް މުހިންމުކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކޯޓުގެ ބަޔާނުގައިވާ ގޮތުން، މައްސަލަ ހުށަހެޅި އަންހެން މީހާ ވަޒީފާއަށް އެދި ހުށަހެޅުމަށް ފަހު، އިންޓަވިއުއެއްގައި ބުނެފައިވަނީ ޝަރީޢަތުގެ ބައިވެރިންނާ މުޢާމަލާތްކުރާއިރު ބުރުގާ ނުނަގާނެ ކަމަށެވެ. އަދި އޭނާ ވަނީ އެކަމާ މެދު ސުއާލު ކުރުމުން އެކަން ނުކުރާނެ ކަމަށް ސާފުކޮށް ބުނެފައި ކަމަށެވެ. ހެސީގެ އިދާރީ ކޯޓުން ވަނީ އޭނާގެ މައްސަލަ ބަލައިނުގަނެ ފައެވެ. އެއީ ޝަރުޢީ މަސައްކަތްތަކުގައި ދީނީ ރަމްޒެއް ފެންނަ ގޮތަށް ހެދުން ލައިގެން ހުރުމަކީ ދައުލަތުގެ ވަކިފަރާތަނަށް ނުޖެހުމުގެ ނަޒަރިއްޔާތާއި ޚިލާފުކަމެއްކަމަށާއި، އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ ނުފޫޒު ނެތްކަމާމެދު އާންމުންގެ އިތުބާރު ގެއްލުވާލާނެ ކަމެއްކަމަށް ކޯޓުން ދެކެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް ލޯވަރ ސެކްސޮނީގެ ކޯޓަކުން ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ.

އެ މައްސަލަ ނިންމީ ބުރުގާ އަޅައިގެން ފަނޑިޔާރެއްގެ މަޤާމު އަދާކުރަން ކުރިމަތިލި އަންހެނަކާ ދެކޮޅަށެވެ.

ބްރައުންޝްވައިގް ހަޔަރ ރީޖަނަލް ކޯޓުން ނިންމާފައިވަނީ، ދައުލަތުގެ ޤާނޫނުތަކުގައި ޝަރީޢަތްތަކުގައި ސިޔާސީ، ދީނީ ނުވަތަ ޚިޔާލީ ރަމްޒުތައް ފެންނަ ގޮތަށް ބޭނުން ކުރުމަކީ ފަނޑިޔާރުންނަށް މަނާ ކަމެއް ކަމަށެވެ.

ދީނީ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ މިފަދަ ނިންމުންތަކަށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައެވެ. އެމީހުން ބުނާ ގޮތުގައި ޖަރުމަނުން ދައުލަތުގެ ނިއުޓްރަލިޓީ ތަރުޖަމާކުރާ ގޮތް މިހާރު ވަނީ ނުފޫޒު ނެތުމުގެ ބަދަލުގައި ތަފާތުކުރުމުގެ ވަސީލަތަކަށް ވެފައްވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ނިންމުންތަކުގެ ސަބަބުން މުސްލިމް އަންހެނުންނަށް އަސަރުކުރެއެވެ. އަދި ޤާނޫނީ ދާއިރާގައި އަދި އާންމު ޚިދުމަތްތަކުގައި އެމީހުން ބައިވެރިވުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.

ހިއްސާ ކުރައްވާ!