ޣައްޒާގެ އެންމެ ބޮޑު ސިއްހީ މަރުކަޒު ކަމަށްވާ އައްޝިފާ ހޮސްޕިޓަލުގެ ވިހާ ވޯޑު، މަރާމާތުތަކަށްފަހު އަލުން ހުޅުވައިފިއެވެ. ނަމަވެސް، އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އިންޒާރުން ވަނީ މި ވޯޑަށް ބޭނުންވާ މެޑިކަލް ސާމާނާއި ވަސީލަތްތައް އަދި ނެތް ކަމަށެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ މައުލޫމާތުތަކަށް ބަލާއިރު، ޔަހޫދީން ބޮން އަލައި އަންދާލާފައިވާ އިމާރާތް އެއްކޮށް މަރާމާތުކޮށް ސީލިންގތައް އަލުން ހަދައި ތަޅުމުގައި ޓައިލް ޖަހައި ކުލަ ލާފައި ވެއެވެ. ނަމަވެސް، އޮކްސިޖަން، މޮނިޓަރ، އަދި އެހެނިހެން މުހިންމު ސާމާނުތައް އެތައް އަދި ލިބިފައެއް ނުވެއެވެ. އެތާނގައި ބޭނުން ކުރާ ބައެއް އެނދުތަކަކީ، ހަލާކުވެފައިވާ ތަންތަނުގެ ތެރެއިން މަރާމާތުކޮށްފައިވާ ތަކެއްޗެވެ.


އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، "އަޅުގަނޑުމެން އިމާރާތްތައް މަރާމާތުކުރި ނަމަވެސް، އަޅުގަނޑުމެންނަށް އަސާސީ މެޑިކަލް ސާމާނާއި، އޮޕަރޭޝަން ތިއޭޓަރަށް ބޭނުންވާ ތަކެއްޗާއި، ހޭނައްތާ ސާމާނު މަދު. އަޅުގަނޑުމެން މިހާރު ކަންތައްތައް ހަމަޖައްސަމުން މިގެންދަނީ ހަލާކުވެފައިވާ ތަންތަނުގެ ތެރެއިން ނެގި ތަކެތި ބޭނުންކޮށްގެން." ކަމަށެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ، އިޒްރޭލުން ވަނީ މެޑިކަލް ސާމާނުގެ ސްޕެއާރ ޕާޓްސް ޣައްޒާއަށް ވެއްދުމަށް ހުރަސް އަޅާފައެވެ. އެކަމުގެ ސަބަބުން ހޮސްޕިޓަލަށް ފުރިހަމައަށް މަސައްކަތް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
އަލްޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެ ބޮޑު ސިއްހީ މަރުކަޒެވެ. އިޒްރޭލުން ތަކުރާރުކޮށް މިތަނަށް ހަމަލަ ދީފައި ވެއެވެ. އެ ހޮސްޕިޓަލުގެ 11 އިމާރާތުގެ ތެރެއިން ދެ އިމާރާތެއް ގެ ބައެއް ބައިތައް ވަނީ ހުޅުވާފައެވެ. ގިނަ ޑިޕާޓްމަންޓްތައް އަދިވެސް ހުރީ އަނދައި ހަލާކުވެފައެވެ. އަދި ބޭސްފަރުވާއާއި ސާމާނުގެ ދަތިކަން ބޮޑުވުމަކީ ހޮސްޕިޓަލުގެ މަސައްކަތަށް އޮތް ގޮން ޖެހުމެކެވެ.
މި މަސައްކަތް ކޮށްފައި ވަނީ ޣައްޒާ މީހުން އަމިއްލައަށެވެ. އައްޝިފާ ހޮސްޕިޓަލުން ދަނީ ސާމާނާއި ބޭހަށް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދެމުންނެވެ.






