ތުރުކީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރޭގައި، އެ ގައުމުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރުންތަކެއް ހައްޔަރުކޮށްފިއެވެ. އިސްތަންބޫލްގެ ޖެންޑަރމެރީން ހިންގި އޮޕަރޭޝަނެއްގައި، ޝޯ ޓީވީގެ ޕްރެޒެންޓަރު އިލާ ރޫމައިސާ އާއި، ބެޔާޒް ޓީވީގެ ޕްރެޒެންޓަރުން ކަމަށްވާ ހަންދާ ސާރިޔާގްލޫ އަދި މިލްތަމް އަސީތު ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން ވެސް އެހެން ބައެއް މަޝްހޫރު ނަންތަކެއް ހައްޔަރުކޮށްފައިވާކަން ވެސް ވަނީ ކަށަވަރުވެފައެވެ.
މިދިޔަ އޮކްޓޯބަރު މަހު ވެސް ތުރުކީގެ ސަރުކާރުން ވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފަންނާނުންނާއި މަޝްހޫރު މީހުންނާ ގުޅޭ ގޮތުން ތަހުގީގެއް ހިންގަން ފަށާފައެވެ. ތުރުކީގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަންނާއި މިއުޒިކާއި އެކްޓިން ދާއިރާގެ 20 އަށް ވުރެ ގިނަ މަޝްހޫރު ފަރާތްތަކަށް ވަނީ އިސްތަންބޫލްގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ތަހުގީގަށް ހާޒިރުވުމަށް އަންގާފައެވެ.
އޮގަސްޓް މަހުގެ ފަހުކޮޅު އަދި އޮކްޓޯބަރު މަހުގެ ކުރީކޮޅު ފެށި ތަހުގީގުތަކަށް ފަހު، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި މަޝްހޫރު 8 ފަންނާނުން ވަނީ ކުށްވެރިވާ ކަމަށް ކަނޑައަޅާފައެވެ. މި ތަހުގީގުތަކުގައި 19 ފަންނާނުންނާއި މީޑިއާގެ މަޝްހޫރު ފަރާތްތައް ހިމެނުނެވެ.
ބޮލުގެ އިސްތަށިން ކުރި ޓެސްތަކާއި ލޭގެ ސާމްޕަލްތަކުގެ ނަތީޖާއިން ދައްކާފައިވާ ގޮތުގައި، އެކްޓަރުންނާއި ލަވަކިޔުންތެރިންގެ އިތުރުން ސޯޝަލް މީޑިއާގެ ތަރިންގެ ސާމްޕަލްތަކުން މަސްތުވާތަކެތީގެ އަސަރު ފެނިފައިވެއެވެ. މި އޮޕަރޭޝަންތަކަކީ ތުރުކީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަރުކަށި ފިޔަވަޅުތަކުން ބައެކެވެ.







