މަސްތުވާތަކެތީގެ ވިޔަފާރިވެރިންނާ ދެކޮޅަށް ފުލުހުން ފަށާފައިވާ 'އޮޕަރޭޝަން އަލިމަގު’ގެ ތެރެއިން، އައްޑޫ ސިޓީ ހިތަދޫގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ބޮޑު ވިއުގައެއް ކަމަށްވާ 'މައިލޯ' ގްރޫޕުގެ 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އެންމެން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ގްރޫޕަކީ އައްޑޫ ސިޓީ ހިތަދޫ މީހުން ހިމެނޭ ބޮޑު ވިއުގައެކެވެ. ފުލުހުން މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފަށާފައިވަނީ މިއަހަރުގެ މާޗް މަހުން ފެށިގެންނެވެ. ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި މި ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދެއެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ފަސް މީހުންގެ ތަފްސީލު ފުލުހުން ހާމަކޮށްފައިވެއެވެ. އެއީ ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާން، ހާފިޒް ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުހައްމަދު (23އ) އެވެ. ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްތަކުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ތަހުގީގަށް ވަނީ ހާމަވެފައެވެ.
ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމާއި ހާފިޒް ފައުޒީ އަދި އިބްރާހީމް ސިރާޖަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މިފަދަ ބޮޑެތި ވިއުގަތަކާ ދެކޮޅަށް ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނުވަތަ އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގުކުރެއްވުމަށް ފަހުގައެވެ.






