ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސް ކަމަށްވާ ބަލޫޗިސްތާނުގެ އަމާންކަން ގެއްލި ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އެ ސަރަހައްދުގައި މުއްސަނދި ގުދުރަތީ ވަސީލަތްތައް ހުރި ނަމަވެސް، އެތަން މިހާރު ވަނީ ބަންގްލަދޭޝް އުފެދުމުގެ ކުރިން އޮތް ހާލަތާ އެއްފަދަ ބޮޑު ކާރިސާއަކާ ދިމާލަށް ދަތުރުކުރަން ފަށާފައެވެ. މި ހާލަތު މެދުވެރިވެފައި ވަނީ، އަނިޔާވެރިކަމާއި، ވަސީލަތްތައް ބޭނުންކުރުމުގައި ހިންގާ ތަފާތު ކުރުމުގެ އަމަލުތަކާއި، އަދި ނުކިޔަމަންތެރިކަން ފާޅުކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ ސަބަބުންނެވެ.
ބަލޫޗިސްތާނަކީ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ސަރަހައްދެއް ނަމަވެސް، އެއީ، ސަރުކާރުން އެ ސަރަހައްދަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ދިގު ތާރީޚެއް އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދުގައި ހަމަނުޖެހުން އުފެދި އަމާންކަން ގެއްލިފައި ވެއެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު ބަލޫޗް ލިބަރޭޝަން އާމީ (ބީ.އެލް.އޭ) ފަދަ ހަތިޔާރުއެޅި ބާޣީ ޖަމާޢަތްތަކުން ވަނީ 280 އަށް ވުރެ ގިނަ ހަމަލާ ދީފައިވެއެވެ. މީގެ ތެރޭގައި ޖައުފަރު އެކްސްޕްރެސް ރޭލު ފޭރުމާއި އަދި އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް ހިމެނެއެވެ.
ބަލޫޗިސްތާނުގައި އިންޓަނެޓްގެ ޚިދުމަތްތައް މުޅިން ކަނޑާލާފައެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދު ވަނީ "މައުލޫމާތުގެ އަނދިރިކަމެއް"ގެ ތެރެއަށް ވެއްޓިފައެވެ.
އިންޓަނެޓް ކަނޑާލުމުގެ ސަބަބުން އިންސާނީ ހައްޤުތަކަށް އަރައިގަތުމުގެ އަމަލުތަކައް ފަހިވާ އިރު އެކަންކަން ހާމަކޮށްދޭނެ އަދި ރިޕޯޓުކުރާނެ ފަރާތެއް ނެތި ދެއެވެ. އެހެންވެ، އެ ސަރަހައްދު ވަނީ ދުނިޔެއަށް ނުފެންނަ ތަނަކަށް ވެފައެވެ.
މުހައްލިލުން ބުނާ ގޮތުގައި، މި އަމަލުތައް ހަނދާންކޮށްދެނީ 1971 ވަނަ އަހަރުގެ ކުރިން ބަންގްލަދޭޝް އޭރުގެ އިރުމަތީ ޕާކިސްތާން ގައި ހިނގަންފެށި ކަންކަމެވެ. އެއީ ވެސް އަނިޔާވެރިކަމާއި، ނިޒާމުން މީހުން ގެއްލުވާލުމާއި، އަދި ވަސީލަތްތަކުގެ ފައިދާ އެ ސަރަހައްދުގެ ރައްޔިތުންނަށް ނުލިބޭ ގޮތަށް ބޭނުންކުރުމުގެ އަމަލުތަކެއްގެ ނަތީޖާއެވެ.
ބަލޫޗިސްތާނަކީ ގިނައިން ބައިމަދު ނަސްލުތައް އުޅޭ ތަނެކެވެ. މީގެ ތެރޭގައި ހަޒާރާ ޝީޢީންނާއި ހިންދީންނާއި ކްރިސްޓިއަނުންނާއި، އަޙްމަދީން ހިމެނެއެވެ. މި ފަރާތްތަކަށް ވެސް ހަމަލަތައް ކުރިމަތި ވަމުން ދެއެވެ. ޕާކިސްތާނުގެ ސިފައިންގެ އެންމެ މަޤްޞަދަކީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީ.ޕީ.އީ.ސީ) ގެ ދަށުން ކުރާ އިންވެސްޓްމަންޓްތައް މި ސަރަހައްދުގައި ރައްކާތެރިކުރުމާއި، ގުވާދަރު ބަނދަރުގެ ކޮންޓްރޯލް އޮތުމެވެ. ސިފައިން ބަލޫޗީ ޓެރަރިސްޓުން ސިފަކުރަނީ "އިންޑިއާގެ އެޖެންޓުން" ގެ ގޮތުގައެވެ.
ބަލޫޗިސްތާނުގައި ހިންގާ ޑިޖިޓަލް ބްލެކްއައުޓަކީ ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް ސަރުކާރުތަކުން ނުކިޔަމަންތެރިކަން ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ. މިސާލަކަށް، އިތިއޯޕިއާގެ ޓިގްރޭ، މިޔަންމާ، އީރާނު، އަދި ހުޅަނގު ޕަޕުއާ ފަދަ ތަންތަނުގައި ވެސް ޑިޖިޓަލް ވަސީލަތްތައް ކަނޑާލައިގެން އަޑު ކަނޑުވާލުމުގެ އަމަލުތައް ހިންގާފައިވެއެވެ.







