ބަންގްލަދޭޝްގައި ސަރުކާރު ބަދަލުވުމަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މާނަވީ ބަދަލެއް އައިސްފައިވާ ކަމެއް ނޫން ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން، އެގައުމުގެ ވަގުތީ ސަރުކާރަށް ވަނީ ކުރިން ހިންގި ޖަރީމާތަކަށް ޖަވާބުދާރީކުރުވުމާއި، ބަދަލުގެނައުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމަށް ބޮޑެތި ފިއްތުންތަކާ ކުރިމަތިލާން ޖެހިފައެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އަވާމީ ލީގުގެ ސަރުކާރު ވައްޓާލުމަށްފަހު ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރެވުނު ނަމަވެސް، ނޯބެލް ލިބިފައިވާ މުޙައްމަދު ޔޫނުސް އިސްކޮށް ހުންނަވައިގެން ހިންގާ ވަގުތީ ސަރުކާރަށް ވަނީ ނިޒާމީ ސިފައެއްގައި ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވުމުގައި ނާކާމިޔާބުވެފައެވެ.
އަވާމީ ލީގުގެ ސަރުކާރު ވެއްޓުނީ ކޮރަޕްޝަނާއި، މުޖުތަމައުގެ ހަމަހަމަކަން ނެތުމާއި ދައުލަތުގެ ފަރާތުން ހިންގި އަނިޔާވެރިކަމާ ދެކޮޅަށް ފެށި ބޮޑެތި މުޒާހަރާތަކަށް ފަހުގައެވެ. ގިނަ ބަޔަކު އުންމީދުކުރީ ޔޫނުސްގެ ލީޑަރޝިޕްގެ ދަށުން ޒަމާނުއްސުރެ ވާރުތަވެފައިވާ ތަފާތު ކުރުމުގެ މައްސަލަތަކަށް ޙައްލު ލިބި، ޖަވާބުދާރީކުރުވުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުން އިތުރުވެގެންދާނެ ކަމަށެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކާއި މީޑިއާއިން ދެކޭ ގޮތުގައި ދައުލަތުގެ މުއައްސަސާތަކުގެ ދަށުން ހިންގާ ތަންތާނގައި ބަންދުކޮށްފައި ތިބޭ މީހުން މަރުވުމާއި ނިޒާމުން މީހުން، ގެއްލުވާލުމާއި، ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމުގެ އަމަލުތައް ހުއްޓުމެއް ނެތި ކުރިއަށްދެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތައް ކަމަށްވާ އައިން އޯ ސާލިޝް ކެންދުރާ އަދި އޮދިކާރު ފަދަ ޖަމިއްޔާތަކުން ވަނީ މިކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ފައެވެ. އަދި، އަނިޔާވެރިކަން ހިންގާ ފަރާތްތަކަށް އަދަބު ނުދީ ދޫކޮށްލުމުގެ ސަގާފަތް އަދިވެސް އާލަވަމުން އަންނަ ކަމަށް ބުނެފައެވެ.
ޙަސީނާގެ ވެރިކަން ނިމުމަށްފަހު ބަންގްލަދޭޝްގެ ސިޔާސީ މާހައުލު ބައްޓަންވެފައިވަނީ އަމިއްލައަށް ބާރު ދައްކައިގެން ޤާނޫނު ތަންފީޒުކުރަން އުޅޭ ފަރާތްތަކާއި، ސިޔާސަތުތައް ނިންމުމުގައި ހަރުކަށި ފަރާތްތަކުގެ ޕްރެޝަރާއި، އަދި މުއައްސަސާތަކުގެ ރައްކާތެރިކަން ބަލިކަށިވުމުގެ މައްޗަށެވެ. މިއީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ހުރި ގޮންޖެހުންތަކެއް ކަމަށް ބެލެވެއެވެ.
ޔޫނުސްގެ ވަގުތީ ސަރުކާރުން ވަނީ ނިޒާމުން މީހުން ގެއްލުވާލުމާ ދެކޮޅަށް އެކުލަވާލާފައިވާ އ.ދ. ގެ އެންފޯސްޑް ޑިސްއެޕިއަރެންސްއާ ބެހޭ ކޮންވެންޝަންގައި ސޮއިކޮށްފައެވެ. ނަމަވެސް، މިހާރު ވެސް ހިންގަމުންދާ ޤާނޫނުއަސާސީއާ ޚިލާފު ޢަމަލުތަކަށް ބަލާއިރު، އެ އްބަސްވުން ތަންފީޒުކުރުމުގައި މައްސަލަތަކެއް އެބަހުއްޓެވެ. ޔޫނުސްގެ ސަރުކާރުން މިކަމުގައި އިތުރަށް މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ގޮވާލަމުންނެވެ.






