އީޔޫ އުވާލަން އިލޮން މަސްކު ގޮވާލައިފި

އިލޮން މަސްކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް އަށް 140 މިލިއަން ޑޮލަރުގެ ޖުރިމާނާ އަދަބެއް ދިނުމާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މަސްކު ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މަސްކު ބުނަނީ އީޔޫ އުވާލަން ޖެހޭ ކަމަށާއި، ބާރު އަނބުރާ މެމްބަރު ގައުމުތަކަށް ދޭން ޖެހޭ ކަމަށެވެ.

އެކްސް އިން މަސްކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އީޔޫ އުވާލައި، ސިޔާދަތު އަނބުރާ ވަކިވަކި ގައުމުތަކަށް ދޭން ޖެހޭ. އެހެން ވުމުން ސަރުކާރުތަކަށް އެމީހުންގެ ރައްޔިތުން ރަނގަޅަށް ތަމްސީލު ކުރެވޭނެ،" ކަމަށެވެ. މަސްކު އެކްސް ގަތީ 2022 ވަނަ އަހަރުއެވެ.

އިލޮން މަސްކު ވަނީ އީޔޫ އުވާލުމަށް ގޮވާލާ އިތުރު ޕޯސްޓެއް ވެސް ކޮށްފައެވެ. މީގެ ކުރިންވެސް ސަރުކާރަކުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާނަމަ އޭނާ އެ ގައުމަކާ ދެކޮޅަށް ބަދު ބަސް ބުނެ ހަދައެވެ. އެގޮތުން، "އީޔޫ ނެތިދާން ކިހާ ދުވަހެއް ނަގާނެ ބާ؟ އަދި ހޭޝްްޓެގް #AbolishTheEU،" މިހެން ވެސް މަސްކު ލިޔެފައި ވެއެވެ. މިގޮތަށް ފައި ތަޅައިގަނެ ހޭރިގަތުމަކީ އޭނާގެ އާންމު އާދައެކެވެ.

މި އަދަބު އައީ އެކްސް ޕްލެޓްފޯމާ ދެކޮޅަށް އީޔޫގެ ޑިޖިޓަލް ސަރވިސަސް އެކްޓް (ޑީއެސްއޭ) ގެ ދަށުން އަމަލުކުރަމުން ދަނިކޮށެވެ. މަސްކު ވަނީ އީޔޫގެ މިފަދަ ބާރުތައް ބޭނުންކުރުން ހައްދުފަހަނައަޅާފައިވާ ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވާފައެވެ.

 

ހިއްސާ ކުރައްވާ!