އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް މައާފު ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަށް އިސްރާއީލުގެ ރައީސް ވަނީ ދެކޮޅު ހަދާފަ އެވެ. އިސްހާގް ހަރްޒޮގް ބުނެފައި ވަނީ އިސްރާއީލަކީ މިނިވަން ސިޔާދަތީ ގައުމެއް ކަމަށެވެ.
އަރަބި މީޑިއާއިން ބުނާ ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ކޮރަޕްޝަންގެ މައްސަލަތައް ކުރިމަތިވެފައި ވާތާ 5 އަހަރު ވެއްޖެ އެވެ. ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުގެ ރައީސްއަށް ފޮނުއްވި ސިޓީއެއްގައި ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާއި އެއީ އިންސާފުވެރި ދައުވާއެއް ނޫން ކަމަށް ބުނެ ނަތަންޔާހޫއަށް މައާފަށް އެދިފަ އެވެ.
އިސްރާއީލުގެ ރައީސް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚިޔާލަށް އިހުތިރާމް ކުރާ ކަމަށް ބުނެފައެވެ. އަދި ބުނެފައި ވަނީ މިއީ ހަމަ ޔަގީނުންވެސް އާދަޔާ ހިލާފު އެދުމެއް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންގެ ކަންކަމަށް އިސްކަން ދިނުމަކީ އޭނާގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ އަށް އިސްކަންދޭ ކަން ކަމަށެވެ.







