އިންޑިއާ އާއި ނޭޕާލްގެ އިޤްތިޞާދީ ގުޅުން ވަނީ ތާރީޚީ، ސަޤާފީ އަދި ޖިއޮގްރަފީގެ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދެފަރާތަށް ފައިދާހުރި ގުޅުމެއްގެ ގޮތުގައި ކުރިއަރާފައެވެ. މި ގުޅުމުގެ ތެރޭގައި ފަތުރުވެރިކަން، ފެނުން ކަރަންޓު އުފައްދާ ހައިޑްރޯޕަވަރ، އޯގަނިކް ދަނޑުވެރިކަން، މުވާސަލާތާއި ގުޅުމުގެ މަޝްރޫޢުތައް އަދި މާލީ ގޮތުން ގުޅުން ފަދަ ދާއިރާތަކުން ކުރިއަށްދާ މަސައްކަތްތައް ހިމެނެއެވެ. މި ގުޅުން ދައްކުވައިދެނީ ދެ ފަރާތަށް ފައިދާތައް ދެމިގެންދާނެ އަދި ދެފަރާތަށް ވެސް ފައިދާހުރި ބައިވެރިވުމެއް އޮތް ކަމަށެވެ.
އިންޑިއާ-ނޭޕާލްގެ އިޤްތިޞާދީ ގުޅުން ހަމައެކަނި ވިޔަފާރީގެ މުޢާމަލާތްތަކަކަށް ނު ވެއެވެ. އެއީ ޒަމާންތަކެއްގެ ތަމައްދުނުގެ ގުޅުމެކެވެ. ދުނިޔޭގެ ނުތަނަވަސްކަމާއި ޖިއޮޕޮލިޓިކަލް ބަދަލުތަކާ އެކު ވެސް، ދެޤައުމުގެ ދެމެދުގައިވާ ގުޅުން ވަނީ ވަރުގަދަވެ، ފުޅާވެފައެވެ. ނޭޕާލް އަކީ އިންޑިއާއަށް ތަބީޢީ ދިފާޢީ ހުރަހެއްގެ ގޮތުގައި އޮތް ޤައުމެކެވެ. އަދި އިންޑިއާއިން ނޭޕާލަށް ކަނޑުގެ މަގުތައް ފަހިކޮށްދެއެވެ. މިކަމުން ދައްކުވައިދެނީ އެ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަރޯސާވާ ގުޅުމެވެ.
ދެޤައުމުން ވެސް ދަނީ އެޤައުމުތަކުގެ މުއްސަނދި ސަޤާފީ ތަރިކައާއި ރީތި މަންޒަރުތަކުގެ ބޭނުން ހިފައިގެން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި އިންޑިއާއިން ދަނީ ނޭޕާލަކީ އޯގަނިކް ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ މަރުކަޒެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރަމުންނެވެ. އަދި ނޭޕާލުން ވަނީ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އިންޑިއާގެ "ސްކިލް އިންޑިއާ" ޕްރޮގްރާމާ ގުޅިފައެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޓްރީޓީ އޮފް ޓްރާންސިޓަށް އިސްލާޙު ގެނެސް، އިންޑިއާގެ ޖޮގްބާނީ އާއި ނޭޕާލްގެ ބިރަތުނަގަރާ ދެމެދު ރޭލު މެދުވެރިކޮށް މުދާ އުފުލުމަށް ހުއްދަ ދީފައި ވެއެވެ. މިކަމަކީ ދެ ގައުމުގެ ދެމެދު މަލްޓިމޯޑަލް ވިޔަފާރި ވަރުގަދަވެ، ނޭޕާލަށް އެހެން ޤައުމުތަކާ އެކު ވިޔަފާރިކުރުމުގެ މަގު ފަހިކޮށްދިން ކަމެކެވެ. މީގެ އިތުރުން، އިންޑިއާގެ ޔޫޕީއައި އާއި ނޭޕާލްގެ ފޯންޕޭ ކިއުއާރ އާ ދެމެދު އިންޓަރއޮޕަރެބިލިޓީ ޤާއިމުކުރެވިފައިވުމުން، ބޯޑަރު ހުރަސްކޮށް މުޢާމަލާތްކުރުން ވަނީ ފަސޭހަވެފައެވެ.
ހަކަތަ އުފެއްދުމުގެ ދާއިރާއިން ވެސް ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ފުޅާވެފައިވެއެވެ. އިންޑިއާއިން ވަނީ ނޭޕާލަށް އެލްއެންޖީ އެކްސްޕޯޓްކޮށްފައެވެ. މިއީ ސިމާރާގައި އަލަށް ޤާއިމުކުރި ކްރިއޯޖެނިކް ވަސީލަތްތަކުގެ އެހީގައި ކުރެވުނު ކަމެކެވެ. އަދި 900 މެގަވޮޓްގެ ހައިޑްރޯއިލެކްޓްރިކް މަޝްރޫޢަކީ މި ބައިވެރިވުމުގެ ނަމޫނާއެކެވެ. މި މަޝްރޫޢުގެ ސަބަބުން ނޭޕާލަށް ހިލޭ ކަރަންޓު ލިބި، އިންޑިއާގެ އެނަރޖީ ބޭނުންތައް ފުއްދައިދިނުމަށް ކަރަްނޓު ސަޕްލައި ކޮށްދީ އަދި އެ ސަރަޙައްދުގެ އިޤްތިޞާދަށް ފައިދާ ތަކެއް ފަހިކޮށްދެއެވެ.






