ގައުމީ ފެންވަރުގައި އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން، ހަފްތާއެއްހާ ދުވަސް ވަންދެން ފްލައިޓްތައް ކެންސަލްވުމާއި ލަސްވުމުގެ ސަބަބުން ދަތުރުކުރަން ނުލިބުނު ފަރާތްތަކަށް 73 މިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 1.1 ބިލިއަން ރުޕީސް)ގެ ރިފަންޑް ދީ ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އިންޑިއާ ސަރުކާރުން އަންގާފައި ވަނީ މިރޭ އިންޑިއާ ގަޑިން 8 ޖެހުމުގެ ކުރިން ފަސިންޖަރުންނަށް އެފައިސާ ދީ ނިންމުމަށެވެ،
މިހާރު އިންޑިގޯގެ އޮޕަރޭޝަންތައް މަޑުމަޑުން އަލުން ފެށުމާއެކު، ދަތުރުފަތުރަށް ހުރަސް އެޅިގެން ދިޔަ ފަސިންޖަރުންގެ 3،000 އަށް ވުރެ ގިނަ ދާގީނާވެސް ވަނީ ހަވާލުކޮށްފައެވެ. އިންޑިއާ ސަރުކާރުން މި ކަން ހައްލު ކުރުމަށް މެދުވެރިވުމުން ފަސިންޖަރުންގެ ތަކްލީފަށް ލުޔެއް ލިބިގެން ދިޔައެވެ.
ޑިސެމްބަރު 7 ގެ ނިޔަލަށް އިންޑިގޯއިން ވަނީ އާދައިގެ މަތިން ދުވާލަކު 2،300 ފްލައިޓް ދަތުރު ބާއްވާފައެވެ. މިހާރު 1،600 އަށް ވުރެ ގިނަ ފްލައިޓް ދުވާލަކު ދަތުރުކުރާ ގޮތަށް، 138 މަންޒިލުގެ ތެރެއިން 135 މަންޒިލަށް ދަތުރުތައް ވަނީ އަލުން ބާއްވަން ފަށާފައެވެ. މި ހަމަނުޖެހުންތަކަށް ފަހު، އެއާލައިނުން ދަނީ އޮޕަރޭޝަންތައް ހަމައަކަށް އަޅުވައި، ދަތުރުތައް އިތުރަށް ހަލުވިކުރަމުންނެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ފަސިންޖަރުން އަތުން ފްލައިޓް އަލުން ޝެޑިއުލް ކުރުމަށް އިތުރު ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އަގު ބޮޑުވުން ހުއްޓުވުމަށްޓަކައި ދަތުރުގެ ދިގުމިނާއި އެ ދިގު މިނަށް އެންމެ ގިނައިން ފީ ނެގޭނެ ވަރުވެސް ސަރުކާރުން ވަނީ ކަނޑައަޅައި ދީފައެވެ. މިއީ ދަތުރުފަތުރުގެ ދާއިރާގައި ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން އަޅައިދިން މުހިންމު ފިޔަވަޅެއް ކަމަށް ބުނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ފަސިންޖަރުންނަށް އިތުރު ތަކުލީފަކާ ނުލައި ދަތުރުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އިންޑިގޯއިން އުންމީދުކުރަނީ ޑިސެމްބަރު 10 ގެ ނިޔަލަށް އެއާލައިންގެ ސޮފްޓްވެއަރ އަޕްޑޭޓް ކުރެވި ނެޓްވޯކް މުޅިން ހަމައަކަށް އެޅޭނެ ކަމަށެވެ.
މިހާރު ވެސް އެ ކުންފުނީގެ ފްލައިޓްތައް ތާވަލާ އެއްގޮތަށް ދަތުރުކުރުމުގެ ނިސްބަތް ވަނީ 75 އިންސައްތައަށް ރަނގަޅުވެފައެވެ.
IndiGo Refunds $73 Million as India’s Aviation Ministry Sets Deadline Amid Chaos







