ޓެރަރިޒަމަށް ފައިސާ ފޯރުކޮށްދިނުން ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ކައުންޓަރ-ޓެރަރިޒަމް ނިޒާމްގެ ދަށުން ފުރަތަމަ ފަހަރަށް ފިޔަވަޅު އަޅައިފިއެވެ. މި ފިޔަވަޅު އަޅާފައި ވަނީ ގުރްޕްރީތު ސިންގް ރެހާލް އާއި ބާއްބަރު އަކާލީ ލެހާރް ޖަމާއަތާ ދެކޮޅަށެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޓެރަރިޒަމްގެ ހަރަކާތްތަކަށް ފައިސާގެ އެހީތެރިކަން ލިބުން ހުއްޓުވުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
ޔޫކޭގެ މާލީ ވުޒާރާއިން ވަނީ ރެހާލް އާއި ބާއްބަރު އަކާލީ ލެހާރްގެ މުދާތައް ހިފެހެއްޓުމަށް އަންގާފައެވެ. މީގެ އިތުރުން، ރެހާލް އަށް އިނގިރޭސިވިލާތުގެ ކުންފުނިތައް ހިންގުން މަނާކޮށް ފައި ވެއެވެ. އަދި ކުންފުނިތަކުގެ ޑިރެކްޓަރުގެ މަޤާމުން އޭނާ ވަކިކުރުމަށްވެސް ފިޔަވަޅު އަޅާފައި ވެއެވެ. އިނގިރޭސިވިލާތުގެ އެއްވެސް ފަރުދަކު ނުވަތަ އިދާރާއަކުން މި ދެފަރާތަށް ފައިސާއާއި މާލީ ޚިދުމަތްތައް ނުވަތަ އިޤްތިޞާދީ ވަސީލަތްތައް ފޯރުކޮށްދިނުން ވެސް ވަނީ މަނާކޮށްފައެވެ.
ޔޫކޭ ގެ މާލީ ވުޒާރާއިން ދިރާސާކޮށްފައިވާ ގޮތުގައި ރެހާލް އަކީ ބާއްބަރު ޚާލްސާ އާއި ބާއްބަރު އަކާލީ ލެހަރްގެ ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތެކެވެ.
މި ހަރަކާތްތަކުގެ ތެރޭގައި މީހުން ޓެރަރިޒަމަށް ވެއްދުމާއި މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ހަތިޔާރު ގަތުމުގެ މުއާމަލާތައް ހިމެނެއެވެ.
ބާއްބަރު އަކާލީ ލެހަރް ވަނީ އިނގިރޭސިވިލާތުގެ ޤަވާޢިދުތަކާ ޚިލާފަށް ބާއްބަރު ޚާލްސާއަށް އެހީތެރިވެ، އެ ޖަމާއަތް ކުރިއެރުވުމުގައި ބައިވެރިވާ ފަރާތް ކަމުގައި ކަނޑައަޅާފައެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ރެހާލްގެ މިލްކިއްޔާތުގައިވާ ކުންފުނިތަކާއި އިދާރާތައް ކަމަށްވާ ސޭވިންގް ޕަންޖާބް ސީއައިސީ، ވައިޓްހޯކް ކޮންސަލްޓޭޝަންސް ލިމިޓެޑް، އަދި ލޯހާ ޑިޒައިންސް ވެސް ވަނީ ހިމަނާފައެވެ.
ޔޫކޭގެ އިކޮނޮމިކް ސެކްރެޓަރީ، ލޫސީ ރިގްބީ ވިދާޅުވީ، އިނގިރޭސިވިލާތުން ޓެރަރިޒަމަށް ފައިސާ ފޯރުވުން ހުއްޓުވުމަށް "ކޮންމެ ތާކު ތިބި ބައެއް ކަމުގައި ވިޔަސް، ލިބިފައިވާ ކޮންމެ ވަސީލަތެއް ބޭނުންކުރާނެ” ކަމަށެވެ.
މި ޤަވާޢިދުތަކާ ޚިލާފުވާ ފަރާތްތަކަށް 7 އަހަރާ ހަމައަށް ޖަލު ހުކުމެއް އަންނާނެއެވެ. ނުވަތަ 1 މިލިއަން ޕައުންޑް ނުވަތަ ޚިލާފުވި މިންވަރުގެ 50 އިންސައްތައަށް އަރާ ވަރުގެ މަދަނީ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިދާނެއެވެ.






