އިރާނުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ސާމާނުގެ ތެރެއިން 85 އިންސއްތަ މިހާރު އުފައްދަނީ އެގައުމުގައި އަމިއްލައަށް ކަމަށް، އީރާނުން ބުނެއެވެ. މިއީ ދިގު މުއްދަތެއް ވަންދެން އީރާނާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.
އީރާނުން މައުރަޒުތައް ބާއްވައިގެން އެގައުމުގައި އުފައްދާފައިވާ ކުރިއަރަފައިވާ މެޑިކަލް ސާމާނުތައް ބައިނަލްއަގްވާމީ ފަރާތްތަކަށް ދައްކައެވެ. މިތަކެތީގެ ތެރޭގައި އައިސީޔޫ ޕޭޝަންޓް މޮނިޓަރުތަކާއި، ވެންޓިލޭޓަރުތަކާއި، ޑައިލިސިސް މެޝިންތަކާއި، އޮޕަރޭޓިންގ ރޫމް ޓެކްނޮލޮޖީ ހިމެނެއެވެ.
އީރާނުން 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ކުރިން އިރާނުގައި އުފައްދަމުން ދިޔައީ ސިރިންޖާއި ބެންޑޭޖް ފަދަ އެންމެ އަސާސީ ތަކެއްޗެވެ. ނަމަވެސް މިއަދު އެގައުމުން އަންނަނީ ހައި-ޓެކް ޑިވައިސްތައް އުފައްދައި، 60 އަށް ވުރެ ގިނަ ގައުމަށް އެތަކެތި އެކްސްޕޯޓް ކުރަމުންނެވެ.
ކޯވިޑްގައި އެފްރިކާގެ ބައެއް ގައުމުތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރި ވެންޓިލޭޓަރު ތަކަކީ އީރާނުން ސަޕްލައިކޮށްދިން ވެންޓިލޭޓަރުތަކެވެ.
އިރާނުގެ ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެތެރޭގައި އުފެއްދުން ކުރިއަރައިގެން ދިޔައީ ދިގު މުއްދަތެއްގައި ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން، އަމިއްލައަށް ކަންކަން ކުރުމަށް މަޖުބޫރުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ސިއްހަތާ ބެހޭ މިނިސްޓްރީގެ އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ބައެއް ޚާއްސަ ދާއިރާތަކުގައި އެތެރޭގެ އުފެއްދުން 90 އިންސައްތައަށް އަރައެވެ.
އީރާނަކީ ސަިއންޓިފިކް ރިސާޗަށް ސަމާލުކަންދޭ ގައުމެކެވެ. އަދި އީރާންގެ ސައިންޓިސްޓުންގެ ރިސާޗް ޕޭޕަރުތަކަށް ހަވާލާދޭ ނިސްބަތަކީ އިސްލާމީ ގައުމުތަކުގެ މެދުގައި ފާހަގަ ކުރެވޭ އެންމެ މަތި މިންވަރެވެ.







