އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަޤާމަށް ޢަބްދުލް ޣަފޫރު މޫސާ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަޤާމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އިންތިޚާބުކޮށްފިއެވެ. މި މަޤާމް ހުސްވީ ކުރިން އެ މަޤާމްގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޣަފޫރު މި މަޤާމަށް އިންތިޚާބު ވެފައިވަނީ އެޕާޓީން ބޭއްވި ޤަޢުމީ މަޖިލީހުގެ 31 ވަނަ ޖަލްސާގައި ނެގި ވޯޓްގައި، ޖަލްސާގައި ބައިވެރިވި 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ޕާޓީގެ އަސާސީ ޤަވާޢިދުގައިވާ ގޮތުން ޗެއާޕާސަންގެ މަޤާމު ހުސްވެއްޖެނަމަ، އިންތިޚާބެއް ބާއްވައި ދާއިމީ ބޭފުޅަކު ހޮވުމާ ހަމައަށް ވަގުތީ ބޭފުޅަކު ހަމަޖައްސަން ޖެހެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ދާއިމީ އިންތިޚާބު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފަހުން ބޭއްވުމަށް ރޭގެ މަޖިލީހުގައި ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، ޣަފޫރު މި މަޤާމުގައި ހުންނަވާނީ ދާއިމީ ޗެއާޕާސަނެއް އިންތިޚާބުކުރެވެންދެނެވެ.

މި މަޤާމަށް ވަގުތީ ބޭފުޅަކު ހަމަޖެއްސުމަށްޓަކައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވުނު އެޕާޓީގެ 30 ވަނަ ޤަޢުމީ މަޖިލިސްގައި ވެސް ވޯޓް ނެގުނެވެ. ނަމަވެސް އެ ޖަލްސާގައި މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، ބައްދަލުވުން ހޫނުވެގެން އެ ޖަލްސާ ނިންމާލަން ޖެހުނީ ގޮތެއް ނުނިމިއެވެ.

އެދުވަހު މި މަޤާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަސްލަމްއާއި، ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ އަދި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ވަޙީދު އެވެ. ނަމަވެސް ރޭގެ ޖަލްސާގައި ޣަފޫރު ވަނީ އަޣުލަބިއްޔަތު ހޯއްދަވައި ވަގުތީ ޗެއާޕާސަންގެ މަޤާމަށް އިންތިޚާބުވެފައެވެ.

ހިއްސާ ކުރައްވާ!