އަޅުންގެ ވާހަކަ ދައްކައިގެން ޓްރަމްޕް ނަސްލީ ހަމަނުޖެހުމަށް މަސައްކަތް ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިދާޅުވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެމެރިކާގައި އުފަންވުމުން ލިބޭ ރައްޔިތުކަން ލިބޭ ގާނޫނީ މަބްދައަކީ، "އަޅުންގެ ދަރިންނަށް ޚާއްސަކުރެވިފައިވާ ކަމެއް" ކަމަށެވެ. ޕޮލިޓިކޯގެ "ދަ ކޮންވަރސޭޝަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، އެ ވާހަކަ ވިދާޅުވުމުން ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދިއްޖެއެވެ. އެ ޝޯގެ ހޯސްޓް ދާޝާ ބާންސްއާ ދެއްކެވި ވާހަކަފުޅުގައި އަޅުންނާ ބެހޭ ގޮތުން ވާހަކަ ދައްކައި ގާނޫނީ ހަމައެއއް ޓްރަމްޕް އޮޅުވާލެއްވުމުން އެ ވާހަކަފުޅުތަކަށް ޤާނޫނީ ޢިލްމުވެރިންނާއި މަދަނީ ހައްގަށް މަސައްކަތް ކުރާ ވަކީލުން ވަނީ ވަގުތުން ފާޑުކިޔާފައެވެ. އެމީހުން ބުނާ ގޮތުގައި މި މަބްދައަކީ، ސުޕްރީމް ކޯޓުން ވަނީ އެއް ޤަރުނަށް ވުރެ ގިނަ ދުވަސް ދަންދެން ދަމަހައްޓާފައިވާ ކަމެއް ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ މުހާޖިރުންގެ ދަރިންނަށް ރައްޔިތުކަން ދިނުމަށް އެމެރިކާގެ ގާނޫނުއަސާސީއަށް ގެނަސްފައިވާ 14 ވަނަ އިޞްލާޙު އެކަށީގެން ނުވާ ކަމަށް ވިދާޅުވެ ފައެވެ. އަދި އޭނާ ވަނީ އެމެރިކާގައި އުފަންވުމުން ލިބޭ ރައްޔިތުކަން ލިބޭ ހައްގު 'ޖަސް ސޯލީ' ހަނިކުރުމަށް ނެރުއްވި އެގްޒެކެޓިވް އޯޑަރަށް ފަނޑިޔާރުން ތާއީދު ކުރައްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ގެން ދަވަނީ އެމެރިކާގެ ބިމުގައި އުފަންވާ ކޮންމެ މީހަކަށް ރައްޔިތުކަން ލިބޭނެ ކަމަށް ބުނާ ޤާނޫނުއަސާސީގެ އަސާސް ބަދަލުކުރުމަށް ކުރިންވެސް ބާރު އަޅުއްވާފައެވެ.

ގާނޫނީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، އެމެރިކާގެ ގާނޫނުއަސާސީއަށް ގެނަސްފައިވާ 14 ވަނަ އިޞްލާޙު ވުޖޫދަށް އައިސްފައިވަނީ އެމެރިކާއިން އިންސާނުން އަޅުދާސްކޮށްގެން ގެންގުޅުމަށްފަހު އެމީހުންގެ ދަރިންނަށް ރަށްވެހިކަން ދިނުމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުން 1898 ވަނަ އަހަރު ވަނީ ޔުނައިޓެޑް ސްޓޭޓްސް ވ. ވޮންގް ކިމް އާކް މައްސަލައިގައި އެ އިސްލާހަކީ މުހާޖިރުންގެ ޢާއިލާތަކަށް ވެސް ފެތޭ ގާނޫނީ މާއްދާއެއް ކަމަށް މާނަކޮށްދީފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕް ގެންދަވަނީ ތާރީޚީ ހަގީގަތެއް އޮޅުވަލައްވައި ނަސްލީ ދެކޮޅުވެރިކަން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ޓްރަމްޕްގެ މި ވާހަކަތައް ދައްކަވާފައި ވަނީ، އެނާގެ ސަރުކާރުގެ އިމިގްރޭޝަންގެ ސިޔާސަތުތަކާ ގުޅިގެން ގިނަ ޤާނޫނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އަދި ޓްރަމްޕް ނެރުއްވާފައިވާ އެގްޒެކެޓިވް އޯޑަރުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ހިއްސާ ކުރައްވާ!